"މާޔޫސްވެފައިވާ މީހާ ހިތަށް ބުނެދޭށެވެ. ތިބާ ހެއްދެވިފަރާތް ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުކުރައްވަން ކުޅަދުންވަންތައެވެ."
***
"އަހަރެން މި ބުނެލީ އަހަރެންނަށް އިވުނު ވާހަކަތައް މެޑަމް...މީގެއިން އެއްވެސް ކަމެއްގެ ހަގީގަތެއް ނޭގޭ..."ޖޫހީ ނުތަނަވަސްވެފައިވާފަދަ ގޮތަކަށް ދެއަތްތިލަ އުނގުޅައިލިއެވެ.
"މީހުން އެހެން ބުނަންވީ ކީއްވެ؟"
"ޚާދިމާއެއްގެ ސަބަބުން......" ޖޫހީ ބުނެލިއެވެ.
"ކޮން ޚާދިމާއެއް؟"
"އޭގެ އަނެއް ދުވަހު ނިޔާވި ޚާދިމާ... އެނގިފައިވާ ގޮތުގައި އެ ދެމީހުން އެކުގައި ތިއްބާ ފެނުނު މީހަކީ އެއީ. ބައެއް މީހުން ބުނަނީ އޭނާއަށް އެމީހުންގެ ސިއްރެއް އެނގިގެން ކޮންމެވެސް މީހަކަށް އެކަން ކިޔައިދޭން އުޅުނީއޭ."
"ޚާދިމާ މަރުވީ އޭގެ އަނެއް ދުވަހު؟"
"އަނެއް ދެމީހުން މަރުވީ ހަމަ އެ ދުވަހުއޭ ކަން ނޭގޭ ބުނީ..... ޚާދިމާ މަރުވެފައި އޮއްވައި ފެނުނީ އޭގެ އަނެއް ދުވަހު ހެނދުނުކަން ނޭގޭ....އެކަމަކު މައްސަލައަކީ އެންމެން ކިޔާ އެއްޗެއް ދިމާނުވާކަން.."
"ޚާދިމާ ފެނުނީ ކޮންތާކުން؟"
"އެއްގޮތަކަށްވެސް ނޭގޭ....ޝެރަން އެ ވާހަކަ ދެއްކި ނަމަވެސް އޭނާ ވެސް އެއްބައި ދިރުވާލާފައި...."
"އެކުއްޖާ މަރުވީ ކިހިނެއް ކަމަށް ބުނީ؟"
"ޝެރަން ބުނީ އޭނާ އަމިއްލައަށް މަރުވީ ކަމަށް. ނަމަވެސް...އަނެއް ބަޔަކު ގަބޫލުކުރަނީ އޭނާ މަރާލީ ކަމަށް."
މިލްހާގެ އަތްފައި ފިނިވެ ގައިން ހީބިހިނަގައިގެންދިޔައެވެ.
"ރާހާމެންގެ މަންމަ؟" އޭނާ އަހައިލިއެވެ. "އޭނާއަށް ކަން ހިނގިގޮތުގެ މައުލޫމާތު އެނގޭ؟"
"އެނގިފައި އޮވެދާނެ... އެއީ އެ އާއިލާގެ މީހެއްވީމަ.........."ޖޫހީ ކޮނޑު އަރުވައިލިއެވެ.
"ސިފްރާން އެއްވެސް އިރެއްގައި މިކަމާ ބެހޭގޮތުން އެއްޗެއް ބުނިތަ؟" އޭނަ ވިސްނަން އިނދެފައި ނިތްކުރީގައި މަޑުމަޑުން ފިރުމައިލިއެވެ.
"އަޅުގަނޑުމެން ގެންގުޅޭ ކުދިންނަށް ސިފްރާން ސާހަބްގެ ކަންތައް އެނގެނީ ވަރަށް މަދުން... މިގޭ ދުވަސްވީ ޚާދިމާއިން ބުނާގޮތުގައި އޭނާގެ ކުރިމަތީގައި އަންހެނުންގެ ނަން އެއްވެސް މީހަކު ނުކިޔާ...އަދި ސިފްރާން ސާހަބްވެސް އަންހެނުންގެ ނަން ގަނެފައިވާކަމެއްވެސް އެނގިފައެއްނެތް...."
"އޭނާގެ ނަމަކީ ކޮބައިތަ؟" އޭނަ އެނަން އަޑުއަހަން ބޭނުންވެފައިވާތާ ކޮން ދުވަހެއްހެއްޔެވެ؟
"އަލާޔާ.... ހީވަނީ. އަލާޔާ ޙަދީދް." ޖޫހީ ހަނދާންކުރަން އުޅޭފަދަ ގޮތަކަށް ބުމަ ކައިރިކޮށްލިއެވެ.
އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ލައިބްރަރީގައި ހުރި ބަގީޗާއާއި ބެހޭ ފޮތްތަކެވެ. ބާވެފައިވާ ބަނޑޭރިގަނޑާއި ރީނދޫވެފައިވާ ސަފްހާތައް ހުރި އެ ދުވަސްވީ ފޮތްތަކެވެ. އޭނަ ޝައުގުވެރިވެގެން ހަރުގަނޑުން ނަގަން އުޅުނު ފޮތްތަކެވެ. އެ ފޮތްތަކުގެ އެތެރޭގައި ލިޔެފައިވާ ރީތި އަކުރުތައް އޭނާ ހަނދާވިއެވެ. އޭ އަދި އެޗް އަކުރެވެ.
ސިފްރާން އޭނަ އެފޮތްތަކުގައި އަތްލުމަށްވެސް ބޭނުންނުވި ގޮތް ހަނދާނަށް އައެވެ.
އޭނާ ހީކުރީ ސިފްރާން ދުވަސްވީ ފޮތަކަށްޓަކައި މާ ވަރު ހުރީކަމަށެވެ. ނަމަވެސް އެ ހަނދާން އެނބުރި އައީ މުޅިން އެހެން ހަގީގަތަކާއިގެންނެވެ. އެ ފޮތްތަކަކީ އެއްގޮތަކަށްވެސް ސިފްރާންގެ އެއްޗެއް ނޫނެވެ. އެއީ އަލާޔާގެ އެއްޗެކެވެ. އޭނާގެ އަނބިމީހާގެ އެއްޗެކެވެ.
"މިލްހާ؟" ޖޫހީ ގޮވާލިއެވެ. "އާ ޔޫ އޯލްރައިޓް؟"
މިލްހާ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލުމަށްފަހު އެސްފިޔަ އަވަސްއަވަހަށް ޖަހައިލިއެވެ."ޖޫހީ.....އަހަރެން އޯކޭ.. ކުއްލިއަކަށް ކޮންމެވެސް ކަމެއް ހަނދާންވީ."
ޖޫހީ ތަފްސީލަކަށް އިންތިޒާރުކުރިނަމަވެސް، މިލްހާ އިތުރު އެއްޗެއް ނުބުނެ ހިމޭޭނުން ފާރާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.
މިލްހާއަށް ސިފްރާންގެ އަމަލުތައް ހުރިގޮތުން ވިސްނެނީ އެހެން އެއްޗެކެވެ. އަލާޔާ މީހަކާއި ރައްޓެހިވެގެން އުޅެ ދުނިޔެއާއި ވަކިވިނަމަ ސިފްރާން އެވަރުން އުޅޭނެހެއްޔެވެ؟ އޭނާގެ އަނބިމީހާ ގެ މަތިން އެއްވެސް ވަރަކަށް ހަނދާން ނައްތާލާފައިވާހެނެއް ހިޔެއްނުވެއެވެ. އޭނާ ހުރީ އަލާޔާގެ ފޮތްތަކަށްވެސް ހިމާޔަތްދީގެންނެވެ. އޭނާގެ ފޮޓޯތައްވެސްމެއެވެ. އަމަލުތައް ހުރީ ލޯބިވާ މީހެއް ފަދައިންނެވެ.އެހެންވީމާ މިވަނީ ކިހިނެއް ހެއްޔެވެ؟
"ޖޫހީ...." އޭނާ ގެ ނަޒަރު ޖޫހީއަށް ހުއްޓުނެވެ. "މި މަރުގެ މިބުނީ އެމީހުން މަރައިލީކަމަށް ގަބޫލުކުރަންތަ؟"
"އެއްވެސް އެއްޗެއް ބުނާކަށް ނޭގޭ...މިގޭގައި ގާތިލެއްކަމަށް ހީކުރެވޭފަދަ އެކަކުވެސް ނެތް... އެމަރުގެ ހާދިސާ ހިނގިއިރު މިތަނުގައި ނެތިން.........."
ޖޫހީ މެޝިނުން ތަށިތައް ނަގާފައި ތަށިތައް ހަރުގައި ބަހައްޓަންފެށިއެވެ. " ނުފޫޒާއި ބާރުގަދަ އާއިލާތަކާ ބެހޭގޮތުން މީހުން ކޮންމެފަދަ ވާހަކައެއްވެސް ދައްކާނެ."ބައެއް މީހުން ބުނަނީ ސިފްރާން ސާހިބު އެކަމުގައި ބައިވެރިވިކަމަށް. އަނެއް ބަޔަކު ބުނަނީ އެންމެ ބޮޑު އަނިޔާއެއް ލިބުނީ އޭނާގެ ހިތަށް ކަމަށް. އެކަމާއިހެދި ސާހަބްގެ ދިރިއުޅުން ބަރުބާދުވެއްޖެކަމަށް.... ހަގީގަތުގައިވެސް ގަބޫލުކުރާންވީ ކިހިނެއްކަމެއް ނޭގޭ....."
މިލްހާ ބޯޖަހާލިއެވެ، ޖޫހީގެ އެ ޖަވާބުންވެސް އޭނާގެ ހިތުގެ ނުތަނަވަސްކަމަށް އެއްވެސް ލުޔެއް ނުލިބުނެވެ. އޭނާގެ ލޯކުރިމަތީގައި އަދިވެސް އެ ފޮޓޯ ސިފަވަމުންދިޔައެވެ: ސިފްރާންގެ އަތް އަލާޔާގެ ކޮނޑުމަތީގައި އޮތްގޮތާއި އޭނާ ކެމެރާއަށް ބަލަން ހުރުމުގެ ބަދަލުގައި އަލާޔާއަށް ބަލަމުންދިޔަ ގޮތެވެ. އެމީހުންގެ މެދުގައި ކޮންމެ་ ކަމެއް އެފަހުން ހިނގާފައިވީނަމަވެސް، ސިފްރާން އަލާޔާ ދެކެ ލޯބިވެ އެ ޚާއްސަ ނަޒަރުން ބަލައިލި އެއް ދުވަސްވަރެއް އައެވެ.
އެއާއެކު މިލްހާގެ ހިތުގެ ލޯގަނޑަށް އެހެން މަންޒަރެއް އެރިއެވެ. ސިފްރާން އޭނައާއި ދިމާލަށް ބަލާގޮތެވެ. އަމަލުކުރާގޮތެވެ. އެކި މަންޒަރުތައް ފިލްމެއްގެ މަންޒަރުހެން ސިފަވިއެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ސިފްރާން އޭނާއާ މެދު އެހާ ހިތްހަމަނުޖެހޭ ގޮތަކަށް އަމަލުކުރި ސަބަބަކީ މިއީ ހެއްޔެވެ؟ ސިފްރާން ލޯބިވި މީހަކު ހަނދާންކޮށްދޭތީއެއްނޫނެވެ. އެކަމަކު އޭނާގެ ހިތް ހަލާކުކޮށްލި މީހަކު އޭނާއަށް ސިފަވާތީހެއްޔެވެ؟
އެހާވަރަށް ފޫހިވާ މީހަކާއި ކައިވެނިކުރީ ކީއްވެ ހެއްޔެވެ؟ އޭނާގެ މޫނު ފެނުމުން ވަކިވެގެން ދިޔަ އަނބިމީހާ މަތިން އެހާ ވޭންދެނިވި ގޮތަކަށް ހަނދާންވާނަމަ އޭނާ މި ގެއަށް ގެންނަން އެއްބަސްވީ ކީއްވެ ހެއްޔެވެ؟
އެ ކައިވެންޏަކީ އަސްލު ސިފްރާނާ އަމިއްލައަށް ބޭނުންވެގެން ކުރި ކަމެއް ނަމައެވެ.
އެވަގުތު އެހެން ޚާދިމާއިންތަކެއް އައުމުން މިލްހާ އެމީހުންނާއި ކުޑަކޮށް ވާހަކަދައްކައިލުމަށްފަހު ހޫނު ޗޮކްލެޓެއް ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
***
މިލްހާ ކޮޓަރިއަށްވަދެ އިރުކޮޅެއްވާންދެން ކުޑަދޮރުކައިރީގައި އިށީދެލައިގެން ޗޮކްލެޓްތަށިން ފަހަރަކު އެތިފޮދެއް ބޮމުން ދިޔައެވެ. ބޭރުން ފެންނަ ހުވަފެނީ މަންޒަރުގެ ތެރެއަށް ގެއްލުނީ މިނިޓަކަށެވެ. އަނެއްކާވެސް އޭނަގެ ޚިޔާލަށް ވެރިވީ ސިފްރާންއެވެ. އެގޭގައި ހިނި އާދަޔާ ޚިލާފު މަރުތަކެވެ. އެއާއެކު އެހެން ކަމެއްވެސް ހަނދާނަށް އައެވެ. މިފަހަރަކު ފޮޓޯއެއްވެސް ނޫނެވެ، އަދި ބަގީޗާކުރުމުގެ ފޮތްތަކެއްވެސް ނޫނެވެ، ނަމަވެސް ފޮތްތަކުގެ ތެރޭގައި ފޮރުވާފައި ހުރި ޖާނަލް ލިޔުންތަކެކެވެ.
އެ ޖާނަލް ލިޔުންތަކުގައި ހުރީ ހަމަ އަލާޔާގެ އަމިއްލަ އަތުލިޔުން ކަން ޔަގީނެވެ. އެއީ ބަގީޗާ ފޮތުގައިވާ ނޯޓުތައް ލިޔެފައިވާގޮތާއި ތަފާތެއްނެތިއެވެ.
"އަހަރެންގެ ކިބައިން އޭނާ ބޭނުންވަނީ ކޮންކަމެއް ކަމެއް ނޭނގެ. އެންމެން ބުނަނީ އަހަރެންނަށް ހީވަނީއޭ. ނަމަވެސް އަހަރެންނަށް ފެނުނު ކަންތައް އެނގޭ. އަހަރެން ހުންނަނީ އޭނާދެކެ ބިރުން."
މިލްހާއަށް އަމިއްލަ ނަފްސާއިމެދު އިޙްސާސްވީ ޖާސޫސެއްހެންނެވެ. މިވަގުތުވެސް ގޮސް ލައިބްރަރީ އިތުރަށް ހާވާލާހިތުން ބޭގަރާރުވިއެވެ. ޖޫހީ ކިޔައިދިން ވާހަކަތަކާ މެދު ވިސްނާވަރުން އޭނާގެ ލޮލުން އެކީ ނިދިފިލައިފިއެވެ. ވާނީ އެހެންނޫންހެއްޔެވެ؟ އޭނައަށް މިވަދެވުނީ ކޮންފަދަ ނުރައްކާތެރި އާއިލާއެއްގެ ތެރެއަށް ހެއްޔެވެ؟ަ
ކުއްލިއަކަށް އައި ޚިޔާލަކުން މިލްހާއަށް ހަޅޭއްލަވައިގަންނަވަފަދަ ގޮތަކަށް އަޑެއް ލައްވާލެވުނުއިރު ދުވެގޮސް އެނދަށް އަރާ ރަޖާގަނޑު ދަށުގައި ބޮނޑިވެލިއެވެ. ސިފްރާން ރާހާގެ ޕެޓް ދޫނި ކައިލިވާހަކަ އެކުދިންވަނީ ބުނެފައެވެ. ކުޑަކުދިން އެކަހަލަ ވާހަކައެއް ބުނާނީ ކޮންމެވެސް ކަމެއް ހިނގީމަނޫންހެއްޔެވެ؟ ސިފްރާން މީހަކު މަރާލަންވެސް ޖެހިލުންނުވާނެ މީހެއްބާއެވެ؟ ބިރުވެރިކަމާއި ނުތަނަވަސްކަމުން ސިކުނޑި ފަޅައިގެންދާވަރުވުމުން އަވަަހަށް ތެދުވެގެންގޮސް ވުޟޫކޮށްލިއެވެ. ނަމާދުކުރުމަށްފަހު ގުރުއާންކިޔަވަންފެށުމާއެކު ހިތަށް އަމާންކަމައި ހަމަޖެހުން ލިބުނެވެ. ދުނިޔޭގެ ކަންތައްތަކުން ޚިޔާލުތައް ހުސްކުރަން އޮތް ހަމައެކަނި ހައްލަކީ ﷲތައާލާގެ ހަޟްރަތަށް ކުއްތަންވުމެވެ. ނަމާދާއި ޒިކުރުކުރުމަކީ ހަގީގަތުގައިވެސް ހިތަށް ފިނިކަން ލިބޭ އަޅުކަމެކެވެ.
***
ނާއިލާ މަސައްކަތްކުރީ ސާރާއާއި ރާހާ ނިންދެވުމަށެވެ. ސާރާ އޭނަގެ ލޯބިވާ ކަފަ ބުދުތައް ހިފައިގެން ރަޖާދަށުގައި އޮތްއިރު ރާހާއިނީ އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިށީދެގެންނެވެ. އެކުއްޖާގެ ލޮލުގައި އެއްވެސް ވަރަކަށް ނިދީގެ އަސަރެއްނެތެވެ.
"ރާހާ..މަންމަގެ ލޯބިވާ ދަރިފުޅު...ވަރަށް ދަންވެއްޖެ...."
"މަންމާ..އެއްވެސްވަރަކަށް ނިދި ނާދޭ..."
"ދަރިފުޅ ވިއްސަކަށް މިނިޓްކުރިންވެސް ތިހެން ބުނީ..."
"އަދިވެސް ނިދި ނާދޭ..."
"މަންމާ...." ރާހާ އެނދުން ފައި ތިރިއަށް އެލުވައިލަމުން މަންމައާއި ޖެހި ފިތިގެން އިށީނެވެ.
"އާނ ލޯބިވާ ދަރިފުޅު؟"
"މިރޭ އަލާޔާގެ ވާހަކަ ދެއްކިދާނެތަ؟"
ނާއިލާ ސިހިފައި ބަލައިލިއިރު ދެލޮލުން ނުތަނަވަސްކަން ފެނުނެވެ.
"އަލާޔާ؟"
"އަލާޔާ އާންޓީ...މަންމަ ހަނދާނެއްނެތްތަ؟" ރާހާ މަންމައަށް އޮޅުން ފިލުވާދިނެވެ.
"ހޭއި ރާހާ..އޭނަގެ ވާހަކަދެއްކުން މަނާ...."ސާރާ ލޯ މަރާލައިގެން އޮވެފައިވެސް ބުނެލިއެވެ.
"މިކޮޓަރިތެރޭގައި ދެއްކިޔަސް ރަގަޅުވާނެ..." ރާހާ އެކަމާއި ދެކޮޅުހެދިއެވެ.
ނައިލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީނަމަވެސް އޭނާ ރާހާގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ.
"ކިހިނެއްވީ ރާހާ؟ ދަރިފުޅު ބުނަން ބޭނުންވަނީ ކީކޭ؟"
"މިރޭ މިލްހާ ހަމަ އަލާޔާާއާންޓީހެން ހީވީ....ވަރަށް ވައްތަރު........" ރާހާ އޭނާގެ މަންމައަށް ކިޔައިދިނެވެ. "އޭނާ ލައިގެން ހުރީ އަލާޔާއްތަ އަހަރެމެން ޕާޓީއަކަށް ގެންދިޔަ ދުވަހު ލީ ހެދުން."
އެހާ ކުދިކުދި އާދައިގެ ކަންކަންވެސް އޭނާގެ ދަރިފުޅު އެހާ ސާފުކޮށް ހަނދާންހުރުމުން ނައިލާ ހައިރާންވެ އަންތަރީސްވިއެވެ. އެހާ ޅަ އުމުރުގައިވެސް ހަނދާނުގައި އަލާޔާގެ ސިފަތައް ހަރުލާފައިވުމަކީވެސް އަޖައިބެއް ނޫންހެއްުޔެވެ؟
"އަލާޔާ އަންޓީގެ ވާހަކަ ދެއްކުން މަނާ......ކީއްވެ މަންމާ؟"
"ބައެއް ކަންކަމަކީ އެގޮތަށް އެކަނި ދޫކޮށްލުން މާ ރަނގަޅު ކަންކަން." ނައިލާ ޖަވާބުދިނުމުގެ ކުރިން ކުޑަކޮށް ވިސްނާލިއެވެ.
ރާހާ ބުމަގާތްކޮށްލިއެވެ. އެ ޖަވާބުން އޭނާ ހިތްހަމައެއް ނުޖެހުނެވެ." އަލާޔާއާންޓީވެސް ވަރަށް ރަނގަޅު..ވާހަކަވެސް ކިޔައިދޭ....."
"އަދި އޭނާ އަހަރެމެންނަށް އޭނާގެ ތަކެއްޗާއި ކުޅެންވެސް ދޭ....."ސާރާވެސް އެއްބައިވެލިއެވެ.
ނުނިމޭ