އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެ، މަސްތަކަކަށް ދިގުދެމިގެންދިޔަ އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު އަވަށްޓެރި ސިންގަޕޫރާއި މެލޭޝިއާއަށް ކުރިމަތިވުމާ ގުޅިގެން، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އެ ދެ ގައުމުގެ ކިބައިން ރަސްމީކޮށް މައާފަށް އެދިވަޑައިގެންފިއެވެ.
އިންޑޮނޭޝިއާގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް ޕްރަބޯވޯ މި މައާފަށް އެދިވަޑައިގަތީ ފިލިޕީންސްގެ ވެރިރަށް މެނީލާގައި އާދީއްތަ ދުވަހު ފެށި އާސިއާން ސަމިޓުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕްރަބޯވޯ ވިދާޅުވީ، ޖަންގަލިތަކުގައި އަލިފާން ރޯކުރުމުގައި ބައިވެރިވާ ކުންފުނިތަކާ މެދު އިންޑޮނޭޝިއާ ސަރުކާރުން ގެންގުޅެނީ އެއްވެސް ވަރަކަށް ދޫނުދިނުމުގެ (ޒީރޯ-ޓޮލަރެންސް) ސިޔާސަތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާތައް ހުއްޓުވުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އާ އިދާރާއެއް އުފެއްދުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާތަނަށް 17 ކުންފުންޏެއްގެ ހުއްދަ ވާނީ ބާތިލުކޮށްފައި. އަދި 26 ކުންފުންޏެއްގެ މައްސަލަ މިހާރުވެސް ތަހުގީގުކުރަމުންދާއިރު، 11 ކުންފުންޏެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި. މީގެއިތުރުން 23 ކުންފުންޏެއްގެ މައްޗަށް ދައުވާ އުފުލުމަށް ވަނީ ލިސްޓުކުރެވިފައި. ޖުމްލަ 104 ކުންފުންޏެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" ރައީސް ޕްރަބޯވޯ ވިދާޅުވިއެވެ.
މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި 71،000 އަލިފާން ނިއްވާ މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ މަސައްކަތުގައި އުޅެނިކޮށް 16 މީހަކު މަރުވެފައިވާ ކަމަށް ވެސް ޕްރަބޯވޯ ހާމަކުރެއްވިއެވެ.
ފިލިޕީންސްގެ ޚާރިޖީ ވަޒީރު ތެރޭސާ ލަޒާރޯ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޖަންގަލީގެ އަލިފާނުގެ މައްސަލަ ހައްލުކުރުމަށް އިންޑޮނޭޝިއާއިން ކުރަމުންދާ މަސައްކަތްތައް ސަމިޓުގެ ޖަލްސާގައި ވަރަށް ސާފުކޮށް އަދި ތެދުވެރިކަމާއެކު އެ ގައުމުން ހިއްސާކޮށްފައިވާ ކަމަށެވެ.
މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި އިންޑޮނޭޝިއާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކެވެ. ޚާއްޞަކޮށް ސުމަޓްރާ، ބޯނިއޯ އަދި ޕަޕުއާގެ ބޮޑު ސަރަހައްދެއް އަނދައިގެން ގޮސްފައިވާއިރު، އޭގެ ދުމުގެ އަސަރު ފާއިތުވި މަސްތަކުގައި ސިންގަޕޫރާއި މެލޭޝިއާއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެހެންނަމަވެސް އެ ދެ ގައުމުން އިންޑޮނޭޝިއާއަށް ފާޑުކިޔުމުގެ ބަދަލުގައި ހުށަހެޅީ އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މީގެ ކުރިން އޮކްޓޯބަރު މަހު އިންޑޮނޭޝިއާގެ ސަރުކާރުގެ ކޮމިއުނިކޭޝަންސް އެޖެންސީގެ ވެރިޔާ ސިޔާގަންދާ ނައިންގޯލަން ދެއްކެވި ވާހަކައަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އޭނާ އޭރު ވިދާޅުވެފައި ވަނީ އިންޑޮނޭޝިއާއިން ފޮނުވަނީ ހަމައެކަނި ދުމެއް ނޫން ކަމަށާއި، ދުން ނެތް ވަގުތުތަކުގައި ސިންގަޕޫރާއި މެލޭޝިއާއަށް އޮކްސިޖަން ފޮނުވައިދެނީ އިންޑޮނޭޝިއާގެ ޖަންގަލިތަކުން ކަމަށެވެ.
ސަރަހައްދީ ވައި ނުސާފުވުން ހުއްޓުވުމަށް 2002 ވަނަ އަހަރު އާސިއާންގެ 11 ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ވަރަށް ލަހުންނެވެ. އެގޮތުން އެ އެއްބަސްވުމުގެ ކޯޑިނޭޓިން އޮފީސް ޖަކާޓާގައި ހުޅުވުނީވެސް މިއަހަރުގެ އޭޕްރީލް މަހުއެވެ.
ރައީސް ޕްރަބޯވޯ މައާފަށް އެދިވަޑައިގެންފައި މިވަނީ، ސުމަޓްރާއާއި ކަލިމަންތާން ޕްރޮވިންސްތަކަށް ދާދިފަހުން ބޯކޮށް ވާރޭވެހި އަލިފާން ރޯވާ މިންވަރު މަދުވުމާ ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދުތަކަށް ދުމުގެ އަސަރު ނެތްކަމަށް އާސިއާންގެ މޫސުމާބެހޭ މަރުކަޒުން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައި ވަނިކޮށެވެ.