ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުން ވޯޓުލައިގެން ސަރުކާރެއް ހޮވަނީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. ނަމަވެސް ދައުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ފާއިތުވެގެންދާއިރު، ރައްޔިތުންގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ވައުދުތަކާއި ހަގީގަތާ ދެމެދު އޮތް ފަރަގެވެ. މި ސަރުކާރަށް މިދިޔަ އަންގާރަ ދުވަހު ތިން އަހަރު ފުރުމާއި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނަތީޖާ ނެރުމަށް ސަރުކާރުން ސަމާލުކަންދޭންވީ ކަންކަމުގެ މައްޗަށް މި ހަފުތާގެ އެޑިޓަރުންގެ ވަށްމޭޒު ވަނީ ހާއްސަކޮށްފައެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރަށް ހެދުނު ގޯސްތަކާއި އިސްލާހުކުރަންޖެހޭ ކަންކަމުގެ މައްޗަށް އެޑިޓަރުން މި ޕްރޮގްރާމުގައި ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ސަރުކާރުން އިއުލާންކުރި ގިނަ ކަންތައްތަކެއް ނުވެ އޮތުން އެޑިޓަރުން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ނިންމި ބޮޑެތި ގިނަ ނިންމުންތަކެއް އަލުން އަނެއްކޮޅަށް ބަދަލުކޮށްފައިވާކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މިފަދަ ގޮންޖެހުންތަކާއި ފާޑުކިޔުންތައް ހުރި ނަމަވެސް، ސަރުކާރުން ހޯދާފައިވާ މުހިންމު ކާމިޔާބީތަކަށް ވެސް އެޑިޓަރުންގެ ވަށްމޭޒުގައި އަލިއަޅުވާލިއެވެ. އެޑިޓަރުން ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި ކުރީގެ އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް އޭގެ ވަގުތަށް ދައްކައި ނިންމުން ހިމެނެއެވެ.
މި ދައުރުގައި ބާކީ އޮތީ އެންމެ ދެ އަހަރު ކަމަށްވާއިރު، ސަރުކާރުން ނަތީޖާ ނެރެން އެދޭނަމަ ހަރަދު ކުޑަކޮށް، ދައުލަތުގެ ފައިސާ އެންމެ މުހިންމު ކަންކަމަށް ބޭނުންކުރަން ޖެހޭކަމަށް އެޑިޓަރުން ވިދާޅުވިއެވެ. ހަމައެއާއެކު 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، ރައްޔިތުންނަށް ސީދާ ނަތީޖާ ފެންނަ ފަދަ މަޝްރޫއުތައް ހިންގަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.
މި މަޝްވަރާގެ ފުރިހަމަ ތަފްސީލުތައް ބައްލަވާލެއްވުމަށް މި ޕްރޮގްރާމުގެ ވީޑިއޯ ބައްލަވާލައްވާށެވެ.