އެންތްރޮޕިކްއިން ރެކޯޑް އަދަދަކަށް ހިއްސާވިއްކައި 81 ބިލިއަން ޑޮލަރު ހޯދައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާ އެންތްރޮޕިކްއިން، ހިއްސާގެ ބާޒާރަށް ނުކުމެ 81.3 ބިލިއަން ޑޮލަރު ހޯދައި، ތާރީޚުގައި މިހާތަނަށް ކުރިއަށްދިޔަ އެންމެ ބޮޑު އައިޕީއޯގެ ރެކޯޑް މުގުރާލައިފިއެވެ.

މަޝްހޫރު "ކްލޯޑް" ޗެޓްބޮޓް އުފެއްދި އެންތްރޮޕިކްގެ ހިއްސާއެއް ވިއްކަން ކަނޑައަޅާފައިވަނީ 83 ޑޮލަރަށެވެ. މިއީ އެ ކުންފުނިން އެންމެ ފުރަތަމަ އަންދާޒާކުރި 70 އާއި 78 ޑޮލަރާ ދެމެދުގެ އަގަށްވުރެ މަތީ އަދަދެކެވެ.

އިންވެސްޓަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު އެންތްރޮޕިކްއިން ވަނީ ވިއްކާ ހިއްސާގެ އަދަދު 19 އިންސައްތަ އިތުރުކޮށް، 980 މިލިއަން ހިއްސާއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ޕްރައިވެޓް ޕްލޭސްމަންޓް މެދުވެރިކޮށް ހޯދި 26 ބިލިއަން ޑޮލަރާއެކު މި މުއާމަލާތުގެ ޖުމްލަ އަގު 107.3 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއާއެކު މި އަހަރުގެ ޖޫން މަހު އީލޮން މަސްކްގެ ސްޕޭސްއެކްސްއިން ހެދި ރެކޯޑް ވަނީ މުގުރިފައެވެ.

https://sun.mv/229367

މި އައިޕީއޯއާއެކު އެންތްރޮޕިކްގެ ޖުމްލަ އަގު (ފުލީ ޑައިލޫޓެޑް ބޭސިސްގައި) 1.5 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، ނޮން-ޑައިލޫޓެޑް ބޭސިސްގައި ކުންފުނީގެ އަގަކީ 1.1 ޓްރިލިއަން ޑޮލަރެވެ. ނަސްޑެކް ހިއްސާގެ ބާޒާރުގައި "އޭއެންޓީ" ޓިކާގެ ދަށުން އެ ކުންފުނީގެ ހިއްސާގެ ވިޔަފާރި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ގޯލްޑްމަން ސެކްސް އާއި މޯގަން ސްޓޭންލީ އިސްވެ އޮވެ، 22 ބޭންކެއް ހިމެނޭ ސިންޑިކޭޓަކުން ކުރިއަށްގެންދިޔަ މި އައިޕީއޯ ކާމިޔާބުވުމަކީ، އަންނަ އަހަރު ހިއްސާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުންދާ އެންތްރޮޕިކްގެ އެންމެ ބޮޑު ވާދަވެރިޔާ އޯޕަންއޭއައި ފަދަ ކުންފުނިތަކަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

އެންތްރޮޕިކް ހިއްސާގެ ބާޒާރަށް މި ނުކުތީ، އޭއައި އިންފްރާސްޓްރަކްޗާއަށް ކުރާ ބޮޑެތި ޚަރަދުތަކާމެދު އިންވެސްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާން ކުއްލި ގޮތަކަށް މަގާމުން ވަކިވުމާ ގުޅިގެން ޓެކް ހިއްސާތަކަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

އެންތްރޮޕިކްގެ ވިޔަފާރި މިހާ ބޮޑަށް ފުޅާވެފައިވަނީ އެ ކުންފުނީގެ ކްލޯޑް މޮޑެލްތަކާއި، ޚާއްޞަކޮށް ސޮފްޓްވެއާ ޑިވެލޮޕަރުންގެ މެދުގައި މަގުބޫލު "ކްލޯޑް ކޯޑް" އަށް އޮތް ޑިމާންޑް ބޮޑުވުމުންނެވެ. އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުނީގެ އަހަރީ އާމްދަނީގެ ރޭޓް 81 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އަހަރަކު މަދުވެގެން 100,000 ޑޮލަރުގެ އާމްދަނީ ލިބޭ ކަސްޓަމަރުންގެ އަދަދު ވަނީ 11,900 އަށް އިތުރުވެފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ޚިދުމަތް ދިނުމަށް ކުރަންޖެހޭ ޚަރަދުތައް ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮމްޕިއުޓިންގ އަދި އިންފްރާސްޓްރަކްޗާއަށް 9 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، ތިންވަނަ ކުއާޓަރުގައި އިތުރު 5 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. ތިންވަނަ ކުއާޓަރުގައި 16.96 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އެ ކުއާޓަރުގައި 567 މިލިއަން ޑޮލަރުގެ އޮޕަރޭޓިންގ ގެއްލުމަކާއި 23.3 ބިލިއަން ޑޮލަރުގެ ސާފު ގެއްލުމެއް ވަނީ ރެކޯޑްކުރެވިފައެވެ.

ކުރިއަށް އޮތް ތަނުގައި އޭއައި މޮޑެލްތައް ތަމްރީނުކޮށް ހިންގުމަށްޓަކައި އެމެޒޯން އާއި ގޫގުލް ފަދަ ބައިވެރިންނާއެކު ގާތްގަނޑަކަށް 900 ބިލިއަން ޑޮލަރުގެ ކޮމްޕިއުޓިން ޚަރަދު ކުރުމަށް އެންތްރޮޕިކްއިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ތިންވަނަ ފަރާތްތަކުގެ މާލީ އެހީތެރިކަމަށް ބަރޯސާވާންޖެހޭތީ، މާލީ ދަތިތަކެއް ކުރިމަތިވެއްޖެނަމަ ކެޕޭސިޓީ އިތުރުކުރުމަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ.

މާލީ ގޮންޖެހުންތަކުގެ އިތުރުން އޭއައިގެ ރައްކާތެރިކަމާއި ވާދަވެރިކަމުގެ ބޮޑެތި އިމްތިހާނުތަކެއް ވެސް އެންތްރޮޕިކްއާ ވަނީ ކުރިމަތިވެފައެވެ. ވިޔަފާރިތަކުން އޭއައިއަށް ކުރާ ޚަރަދުގެ 13 އިންސައްތަ އޯޕަންއޭއައިގެ "ޖީޕީޓީ-6 އެސްޓްރާ" އިން ހިއްސާކުރާއިރު، އެންތްރޮޕިކްގެ "ކްލޯޑް ފޭބަލް" އަށް ލިބެނީ 8 އިންސައްތައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ކުންފުނިތަކުން އޯޕަން-ވެއިޓް މޮޑެލްތަކަށް ބަދަލުވަމުންދާއިރު، އެންތްރޮޕިކްގެ އެންމެ ބޮޑު އެއް ކަސްޓަމަރު ކަމަށްވާ މެޓާ އިން ވެސް ދަނީ އެ ކުންފުނީގެ އަމިއްލަ އޭއައި ގާބިލުކަން އިތުރުކޮށް، އެންތްރޮޕިކްއަށް ބަރޯސާވާ މިންވަރު ކުޑަކުރަން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް