އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ބޮޑު ހޭދައެއް ކުރެއްވުނު ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނުމުން، އެފަދަ ޚަރަދެއް ކުރެވުމުގެ މޮޔަހީވާ ކަމަށް، ޓެސްލާއާއި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް އިއްޔެ ވިދާޅުވެއްޖެއެވެ.
ނިއުޔޯކް ޓައިމްސްގެ ޑީލްބުކް ސަމިޓުގައި މަސްކް ވިދާޅުވީ، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، އެ އިންތިޚާބަށް މަދުން ހޭދަކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާޓީއަށް ތާއީދުކުރެއްވުމަށް މި އިންތިޚާބުގައި އެންމެ ގިނަ ފައިސާ ހޭދަކުރެއްވި ފަރުދެއްގެ ގޮތުން މަސްކް ވަނީ 446 މިލިއަން ޑޮލަރު ދެއްވާފައެވެ. އެގޮތުން، ޓެސްލާއާއި ސްޕޭސްއެކްސްގެ މައިގަނޑު މަސައްކަތްތައް ހިންގާ ޓެކްސަސްގައި އެކަނިވެސް، މަސްކް 45 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ހޭދަކުރެއްވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެ ސްޓޭޓުގައި، ރިޕަބްލިކަން ކެންޑިޑޭޓް ކެން ޕެކްސްޓަން ބަލިކުރައްވައި، ސެނެޓް ގޮނޑި ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ޖޭމްސް ޓަލަރީކޯއެވެ.
ނޮވެންބަރު ތިނެއްގައި ބޭއްވި އެ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އެމެރިކާގެ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ ހޯދާފައެވެ.
ކޮންގްރެސްގެ ބާރު ޑިމޮކްރެޓުންނަށް ލިބުމާއެކު މަސްކްގެ ވިޔަފާރިތަކަށް ފާރަވެރިވުން އިތުރުވާނެ ކަމަށް އެ ޕާޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޓްރަމްޕް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އާ ކޮންޓްރެކްޓްތަކުން ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު ލިބިފައިވާ ސްޕޭސްއެކްސްގެ މައްސަލަތައް ތަހުގީގުކުރުމަށް ޑިމޮކްރެޓިކް މެންބަރުން ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ސްޕޭސްއެކްސްގެ ޑޭޓާ ސެންޓަރުތައް ހުންނަ ޖޯޖިއާގެ އާ ޑިމޮކްރެޓިކް ގަވަރުނަރު ވަނީ އެފަދަ އިމާރާތްތައް އެޅުމާއި ޓެކްސް ލުއިތައް ދިނުން ހިފަހައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.