ވޯލްޑް ކަޕާއި ޔޫރޯ ހިމެނޭހެން ގިނަ ކާމިޔާބީތަކެއް ކެރިއަރުގައި ހޯދުމަށްފަހު، ޢުމުރުން 38 އަހަރުގައި ހުއާން މަޓާ، ކުޅުން ހުއްޓާލައިފިއެވެ.
މަޓާ ވަނީ ސްޕެއިނާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި އޭގެ ދެ އަހަރު ފަހުން ޔޫރޯ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އިޓަލީ ބަލިކޮށް, ޔޫރޯ އުފުލާލި ފައިނަލުގައި މަޓާގެ ދެ ލަނޑު ފެނިފައިވެއެވެ.
ޔޫތު ކެރިއަރު ރެއާލު މެޑްރިޑުން ފެށުމަށްފަހު 2007 ވަނަ އަހަރު ވެލެންސިއާއިން ސީނިއާ ކެރިއަރު ފެށި މަޓާ، އެންމެ ފުރަތަމަ ވިދާލާފައިވަނީ 2011 ވަނަ އަހަރު ޗެލްސީއަށް ބަދަލުވުމާއެކުއެވެ. އޭނާވަނީ އެ ޓީމާއެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.
ޗެލްސީގައި ހޭދަކުރި ދެ ސީޒަންގައި ވެސް އެ ޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކީ މަޓާއެވެ. ޕްރިމިއާ ލީގުގައި ޗެލްސީއަށް ކުޅުނު 82 މެޗުން 18 ގޯލު، މަޓާ ކާމިޔާބުކޮށްފައިވެއެވެ.
ޗެލްސީގައި ދެ ސީޒަން ހޭދަކުރުމަށްފަހު 2014 ވަނަ އަހަރު މަޓާ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑާއެވެ. ޔުނައިޓެޑާއެކު ވެސް ޔޫރޮޕާ ލީގަކާއި, އެފްއޭކަޕެއް އަދި ކަރަބާއޮ ކަޕެއް ކާމިޔާބުކޮށްފައިވެއެވެ. އެ ޓީމަށް 285 މެޗު ކުޅެ, 51 ގޯލު ޖަހައިދިނެވެ.
ދެހާސް ބާވީސް ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މަޓާ ގުޅުނީ ތުރުކީގެ ގަލަތަސަރާއީ އާއެވެ. ކެރިއަރުގެ ފަހުކޮޅު މަޓާ ހޭދަކުރީ ޖަޕާން ލީގާއި އޮސްޓްރޭލިއާ ލީގުގައެވެ. ޖަޕާނުގައި ކުޅުނީ ސްޕެއިންގެ ލެޖެންޑަރީ މިޑްފީލްޑަރު އަންދްރޭސް އިނިއެސްތާ ވެސް އެ ޓީމަކަށް ކުޅެފައިވާ ވިސެލް ކޯބަށެވެ. ކެރިއަރު ނިންމާލީ އޮސްޓްރޭލިއާގެ ވެސްޓާން ސިޑްނީ ވޮންޑާސް އާއި މެލްބާން ވިކްޓްރީއަށް ކުޅުމަށްފަހުއެވެ.
ކުޅުން ހުއްޓާލިކަން އިއުލާނުކުރަމުން މަޓާ ބުނީ އޭނާގެ ދިރިއުޅުމުން ފުޓްބޯޅަ ވަކިނުވާނެ ކަމަށެވެ. ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލިޔަސް އޭނާ އަބަދުވެސް ހުންނާނީ ފުޓުބޯޅައިގެ މީހެއްގެ ގޮތުގައިކަމަށް މަޓާ ބުންޏެވެ.