ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މައްޗަންގޮޅިއާއި މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑެއެވެ. އާންމު ގޮތެއްގައި އެފަދަ މައްސަލަތައް ދިމާވާތާ މާ ގިނަ ވަގުތެއް ނުވެ، ޚިދުމަތް އަލުން ފޯރުކޮށްދެއެވެ.
ސްޓެލްކޯއިން މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މަގު ހެދުން ފަދަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ބުރިވުން ފަދަ މައްސަލަތައް ހިމެނެއެވެ.