ދުނިޔޭގެ އެންމެ ނުފޫޒުގަދަ ތިން ގައުމު ކަމަށްވާ ޗައިނާ، ރަޝިޔާ އަދި އެމެރިކާގެ އެންމެ އިސްވެރިންގެ މެދުގައި ބޭއްވުނު ތާރީޚީ ފުރަތަމަ ޓްރައިލެޓަރަލް ބައްދަލުވުން، ޗައިނާގެ ޝެންޒެންގައި މިއަދު ބާއްވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމަކީ "ތާރީޚީ އަދި އިންގިލާބީ" ފެށުމެއްގެ ގޮތުގައި ރައީސް ޝީ ވަނީ ސިފަކުރައްވާފައެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ 21 އިގްތިޞާދެއްގެ މައްޗަށް އެކުލެވޭ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ ހަވާސާގައެވެ. މި ސަމިޓަކީ ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ސަރަޙައްދީ އިގްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ސަމިޓެކެވެ.
ބައްދަލުވުން ފަށްޓަވަމުން ރައީސް ޝީ ވިދާޅުވީ، ޝެންޒެންގައި ބޭއްވުނު މި ބައްދަލުވުމަކީ ތިން ގައުމުގެ އެންމެ އިސް ވެރިން އެއް މޭޒަކުން ބައްދަލުވި ފުރަތަމަ ފަހަރު ކަމަށާއި، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ސްޓްރެޓީޖިކް ހަމަޖެހުން ގާއިމުކުރުން ކަމަށެވެ.
އަދި މާޒީގައި ހިނގައިދިޔަ ދެ ބޮޑު ހަނގުރާމައިގެ ހަނދާންތައް އާކުރައްވަމުން ޝީ ވިދާޅުވީ، އެ ހަނގުރާމަތަކުން އިންސާނިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އަދި މިއަދު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައްލުނުވެ 60 އަށް ވުރެ ގިނަ ސަރަޙައްދީ ހަމަނުޖެހުން ހިނގަމުންދާކަން ފާހަގަކުރައްވައި، ބޮޑެތި ބާރުތަކުން އެއްބާރުލުން ދޭއިރު ދުނިޔެއަށް އަމާންކަން ލިބޭ ކަމަށާއި، ނަމަވެސް އެ ބާރުތަކުގެ މެދުގައި ދެބަސްވުންތައް އުފެދިއްޖެނަމަ މުޅި ދުނިޔެ ހަލާކުގެ ތެރެއަށް ވެއްޓިގެންދާކަން ތާރީޚުން ދަސްކޮށްދޭ ކަމަށް ވިދާޅުވިއެވެ.
މީގެ 80 އަހަރު ކުރިން ފެސިޒަމާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގައި މި ތިން ގައުމު އެކުގައި މަސައްކަތްކޮށް ކާމިޔާބީ ހޯދިކަން ފާހަގަކުރައްވަމުން، ތާރީޚަކީ އެންމެ މޮޅު ޓެކްސްޓްބުކް ކަމަށާއި، މާޒީން އިބްރަތް ހާސިލުކޮށްގެން މުސްތަގުބަލު ބައްޓަންކުރަން ޖެހޭ ކަމަށް ވެސް ޝީ ވިދާޅުވިއެވެ.
ދުނިޔޭގެ ނިއުކްލިއާ އެންމެ ބޮޑު ތިން ބާރު އަދި އިގްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ މި ތިން ގައުމުގެ ވެރިންގެ މަޝްވަރާތަކުގައި ބައިނަލްއަގްވާމީ ވިޔަފާރިއާއި، ޒަމާނީ ޓެކްނޮލޮޖީއާއި، އީރާނާއި ޔޫކްރެއިންގެ މައްސަލަތަކުގެ އިތުރުން ނިއުކްލިއަރ ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.