ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް "އޮނަރަބަލް" ކިޔައި މުޚާޠަބުކުރަން ޖޭއެސްސީން އަންގައިފި

އުއްތަމަ ފަނޑިޔާރު އަރިހުގައި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް "އޮނަރަބަލް" ކިޔައިގެން މުޚާޠަބުކުރުމާއެކު، ދިވެހިރާއްޖޭގެ ޝަރުޢީ އެކި މަރުޙަލާތަކުގެ ކޯޓުތަކުގެ ފަނޑިޔާރުންނާ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާޠަބުކުރާނެ ރަސްމީ ގޮތްތައް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައި، އެކަން އަންގައިފިއެވެ.

ޖޭއެސްސީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާނީ ކޮމިޝަނުން ކަނޑައަޅާފައިވާ ޚާއްޞަ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެގޮތުން، އެންމެ މަތީ މަރުޙަލާގެ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް "އުއްތަމަ ފަނޑިޔާރު" އަދި އެ ކޯޓުގެ އެހެނިހެން ފަނޑިޔާރުންނަށް "އޮނަރަބަލް ޖަސްޓިސް" ގެ ނަމުން މުޚާޠަބުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރަށް "ހައިކޯޓުގެ އިސް ފަނޑިޔާރު"ގެ ނަމުން މުޚާޠަބުކުރާއިރު، ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ފަނޑިޔާރު" ގެ ނަމުންނެވެ.

މީގެ އިތުރުން ސުޕީރިއާ ކޯޓުތައް ކަމުގައިވާ ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމެލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު ފަދަ ކޯޓުތަކުގެ އިސް ވެރިންނަށް މުޚާޠަބުކުރާނީ "އިސް ޤާޟީ"އަދި އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް "ޤާޟީ" ގެ ނަމުންނެވެ. އަދި ނަން ބޭނުންކުރާއިރު އެ ބޭފުޅެއްގެ ލަޤަބާއެކު "އަލްއުސްތާޛު/އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު" ހިމަނަންޖެހޭނެއެވެ. ކޯޓުތައް ހިންގެވުމާ ޙަވާލުވެ ހުންނަވާ ބޭފުޅުންނަށް ވެސް މުޚާޠަބުކުރާނެ ގޮތް މި އުޞޫލުގައި ވަކިން ވަނީ ފާހަގަކޮށްފައެވެ.

އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން ޖޭއެސްސީން ނިންމާފައިވަނީ، ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް "(ޖުޑީޝަލް ދާއިރާގެ ނަން) ގެ އިސް މެޖިސްޓްރޭޓް"ގެ ނަމުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރުމަށެވެ.

ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، މިއީ ކޯޓުތަކުގެ ދަރަޖަތަކާ އެއްގޮތަށް ފަނޑިޔާރުންނަށް މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

comment ކޮމެންޓް