އައިސީޖޭގައި ރާއްޖެއިން ތަދައްޚުލްވި ރޮހިންގާ މައްސަލަ: މިޔަންމާއިން އަމަލުކުރީ ނަސްލެއް ނައްތާލުމުގެ ނިޔަތުގައި ކަމަށް ނިންމައިފި

މިޔަންމާގައި ލިބުނު އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝްއަށް ދާން ޖެހުނު މިޔަންމާގެ ރައްޔިތުންތަކެއް -- ފޮޓޯ/ ރޮއިޓާސް

ރޮހިންގާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން އަމަލުކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ކަނޑައަޅައިފިއެވެ.

ރޮހިންގާ މުސްލިމުން މިޔަންމާގައި ދިރިއުޅޭތާ ގަރުނުތަކެއްވެފައިވީ ނަމަވެސް ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭ ގޮތުގައި އެއީ އެގައުމަށް އެތެރެވެފައިވާ ބަންގުލަދޭޝްގެ ބަޔެކެވެ. އަދި ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަން ދިނުން ފަދަ ހައްގުތަކުން އެ މީހުންވަނީ މަހުރޫމްކޮށްފައެވެ.

މިޔަންމާގައި 2016 ވަނަ އަހަރު، އޭރުގެ ލީޑަރު އަންގް ސަން ސޫޗީގެ ވެރިކަމުގައި، ރޮހިންގާ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ސްޓޭޓުގައި އެ ގައުމުގެ ސިފައިން އަސްކަރީ އޮޕަރޭޝަނެއް ފެށިއެވެ.

އޮގަސްޓު 2017އިގައި މިޔަންމާގެ އަސްކަރިއްޔާއިން ރާހީން ސްޓޭޓުގައި ފެށި އަނިޔާވެރި އަސްކަރީ އޮޕަރޭޝަނުގައި ބައެއް އަވަށްތައް އެއްކޮށް އަންދާލައި، އާންމު ރައްޔިތުންނަށް އަނިޔާކޮށް، ރޭޕްކުރިކަމަށް އދ.ގެ އިންވެސްޓިގޭޓަރުން ބުންޏެވެ. އޭގެ ސަބަބުން އެތައް ހާސް ރޮހިންގާއިންނަށް މިޔަންމާ ދޫކޮށް ދާން މަޖުބޫރުވިއެވެ. އަދި އދ.އިން ވަނީ އެއީ ނަސްލެއް ނެތިކޮށްލުމުގެ ގޮތުގައި މީގެ ކުރިން ސިފަކޮށްފައެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10،000 އެއްހާ މީހުން މަރާލާފައިވާ ކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާތައް ދީ، ކުޑަކުދިންނަށް ވެސް އަނިޔާތައް ދިނުމުގެ އިތުރުން، ބަންގްލަދޭޝްއަށް ފިލަން ދިޔަ މީހުންނަށް ހަމަލާދީފައިވާ ކަން ކޯޓަށް ސާބިތުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ، ރޮހިންގާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، ނޮވެންބަރު 11، 2019 ގައި ގެމްބިއާއިން ހުށަހެޅި މައްސަލައެކެވެ.

ގެމްބިއާއިން އެދިފައިވަނީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ރޮހިންގާ މީހުންނަށް އަމާޒުކޮށް ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވައި، އެކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް މިޔަންމާއިން ބުނެފައިވަނީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކަކީ އަރަކާން ރޮހިންޖާ ސެލްވޭޝަން އާމީ (އާސާ)ގެ ހަނގުރާމަވެރިން ފުލުހުންގެ ޕޯސްޓުތަކަށް ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށެވެ.

އެ މައްސަލައަށް ތަދައްޚުލުވާން ރާއްޖެއިން ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހެޅުމުން، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އައިސީޖޭއިން ވަނީ އެ ފުރުސަތު ރާއްޖެއަށް ދީފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރުގެ މާރިޗް މަހު ބުނީ، އެ މައްސަލައިގައި ތަދައްޚުލުވާ އިދާރާއެއްގެ ދައުރާ އެއްގޮތްވާ ގޮތުގެ މަތިން ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ފަރާތުން އައިސީޖޭއަށް ލިޔުން ހުށަހަޅައިފައިވާ ކަމަށެވެ.

https://sun.mv/203334

އެ އޮފީހުން ބުނި ގޮތުގައި ރާއްޖެއިން ހުށަހެޅި ލިޔުމުގައި އަލިއަޅުވާލާފައިވާނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. އެގޮތުން ވަކިން ޚާއްސަކޮށް، އެ މުއާހަދާގައި ގަތުލްއާންމުގެ މައްސަލަތަކުގައި އަދަބު ދިނުމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ މާއްދާތައް، "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އދ.އިން ބުނާ ގޮތުގައި، ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ ރޮހިންގާ މީހުންގެ އަދަދު މިހާރު 1.3 މިލިއަނަށް ވުރެ ގިނައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ މީހުން ހިމެނެއެވެ. ހަމަނުޖެހުންތަކާއި، އިންސާނީ އެހީ މަދުވުމާއި، ކަނޑުމަތީގެ ނުރައްކާތެރި ދަތުރުތަކުގެ ސަބަބުން ރޮހިންގާ ގިނަ ބަޔަކު އަދިވެސް ތިބީ ގެދޮރު ގެއްލި، ނާޒުކު ހާލަތެއްގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

comment ކޮމެންޓް