ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ދޭ ޚިދުމަތްތަކަށް އެ ފަރާތްތައް އަތުން ޓެކްސް ނެގުމަށް ގާނޫނަށް ކުރިން ގެނައި ބަދަލު އަނބުރާ ގެންގޮސްފިއެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން ދޭ ޚިދުމަތްތަކުން ޓެކްސް ނަގަންޖެހޭ ގޮތަށް ކަނޑައެޅީ މިދިޔަ އޮގަސްޓު މަހުގެ 31ވަނަ ދުވަހެވެ. އެއަށްފަހު އެ ބަދަލާ އެއްގޮތަށް އަމަލުކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ޖީއެސްޓީ ގާނޫނަށް ގެނައި އެ ބަދަލާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ އާއި އިންޑިއާ ފަދަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަންބޮޑުވުން ފާޅުކޮށް، އެ ބަދަލުގެ ސަބަބުން ވާނެ ގެއްލުންތަކާއި ދަތިތައް ބަޔާންކޮށް ފަރަންސޭސިވިލާތާއި އިޓަލީވިލާތުގެ އިދާރާތަކުން ވަނީ ޓެކުހާ ބެހޭ އިދާރާ މީރާއަށް ސިޓީ ވެސް ފޮނުވައިފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އޭޖެންޓުންގެ ފަރާތުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކާއި އެދުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ނިންމެވުން ބަދަލުކުރައްވަން ނިންމަވައިފައިވާކަން އިއުލާނުކުރައްވައިފައެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަންގާރަ ދުވަހު، ގާނޫނަށް ގެނައި ބަދަލު އަނބުރާ ގެންދަން ފެންނަ ކަމަށް ފާސްކޮށްފައެވެ. އަދި ރައީސް އެ ބަދަލު ތަސްދީގުކުރެއްވީ މިއަދެވެ.
ފާހަގަކުރެވޭ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށް ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ މިންގަނޑު ބޮޑުކުރަން ރައީސް ނިންމަވާފައިވާކަން އިއުލާނުކުރައްވައިފައެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގައި މި މަހުގެ އަށް ވަނަ ދުވަހު އޮތް އިގުތިޞާދީ ކޮމިޓީގެ ބައްދަލުވުމުގައި ޖީއެސްޓީ ބިލަށް އެ އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢީލް ނިޒާރެވެ. އެ އިސްލާހުގައިވާ ގޮތުން، 12 މަސްދުވަހުގެ ތެރޭ ޓެކްސް ނެގޭ ހަރަކާތްތަކުން ލިބޭ ޖުމްލަ އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނަމަ ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އޮތް އޮތުން 1.5 މިލިއަން ރުފިޔާއަށް ބަދަލުވާނެއެވެ. އަދި މިހާރު އާމްދަނީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރުވެގެން ޖީއެސްޓީ ދައްކަންޖެހޭ އުސޫލަށް އަމަލުކުރާނީ މިއަހަރުގެ ނިޔަލަށް ކަމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން ފާއިތުވި 12 މަސްތެރޭ މުދަލާއި ޚިދުމަތުގެ އަގު 750,000 ރުފިޔާއަށް ވުރެ މަދުވާނަމަ ނުވަތަ ކުރިއަށް އޮތް 12 މަހު އެ އަދަދަށް ވުރެ މަދުވާނެ ކަމަށް އަންދާޒާ ކުރެވޭނަމަ، ޖީއެސްޓީ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅޭނެ ގޮތް ހެދުމަށް ވެސް ވަނީ މި އިސްލާހުގައި ވެއެވެ.