ރައްޔިތުން ކުރާ ވިޔަފާރިތަކުގެ ތެރެއިން ސަރުކާރުން އެ ފަރާތްތަކަށް ދައްކަންޖެހޭ 15 ބިލިއަން ރުފިޔާ ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީހެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޣަފޫރު ވިދާޅުވީ ސަރުކާރު މިހާރު ހިންގަމުން ދަނީ ރައްޔިތުންގެ "ލުއި ލޯނުން" ކަމަށެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ބިލްތަކުގެ އަދަދު އެކަނިވެސް ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އާސަންދަ، ފެނަކަ، އެޗްޑީސީ، ސްޓެލްކޯ، ހައުސިން މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި އިތުރު އަށް ބިލިއަން ރުފިޔާގެ ބިލް ނުދެއްކި އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއިން އެއްވެސް ފައިސާއެއް ދެއްކުމަށް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ރައްޔިތުންގެ ފައިސާ ހިފެހެއްޓުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރު ހިންގަމުން ދަނީ ރައްޔިތުންގެ ލުއި ލޯނުން. ހަތް ބިލިއަން ރުފިޔާގެ ބިލް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައި އެބަހުރި. މީގެ އިތުރަށް އާސަންދައާއި ފެނަކަ، އެޗްޑީސީ އަދި ސްޓެލްކޯ އަދި ހައުސިން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި އިތުރު އަށް ބިލިއަން ރުފިޔާގެ ބިލް އެބަހުރި. އެގޮތުން ރައްޔިތުންނަށް ލިބެން ޖެހޭ ޖުމުލަ 15 ބިލިއަން ރުފިޔާ ރައްޔިތުންގެ ވިޔަފާރީގެ ތެރެއިން ސަރުކާރުގައި ތާށިވެފައި އެބަ ހުރި." ޣަފޫރު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓް 25 އިންސައްތައަށް ވުރެ މަތީގައި ހުރުމުން ކުރިއަށް އޮތް އަހަރަކީ ރައްޔިތުންނަށް ދަތި އުނދަގޫ އަހަރަކަށް ވާނެ ކަމަށެވެ.
މީގެއިތުރުން ބަޖެޓުގައި ބޭސްފަރުވާއަށް 10 ބިލިއަން ރުފިޔާ އޮތް ނަމަވެސް، އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމެއް އަދި ބޭހެއް ވެސް ލިބެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، 2027 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެ މަޝްރޫއުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ދަރަންޏާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޣަފޫރު ވަނީ، ކުރީ ސަރުކާރުން ނެގި ލޯނުތަކަކީ "ވިހައިގެން އިތުރުވާ ގެރިބަކަރިތަކެއްތޯ" ސުވާލު އުފައްދަވާފައެވެ.
ސަރުކާރުގެ ބަޖެޓަށް ބަލާއިރު ލޯނު ދައްކަން 10 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ޚަރަދުކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ދިރިއުޅުމަށް ބިން ދޫކުރެވޭ ގޮތަށް އޮތުމާ ގުޅިގެން ވާހަކަދައްކަވަމުން، ރާއްޖެއަށް ވިޔަފާރިކުރަން އެހެން ގައުމުތަކުގެ މީހުން އައުމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް ދިރިއުޅެން އެހެން ބަޔަކު އައުމަކީ ދިވެހިން އެދޭ ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ ހަތަރު ލައްކަ ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް އެކަނި އެކަކަށް ނުނިންމޭނެ ކަމަށާއި، މަޖިލީހުން ހުށަހަޅާފައިވާ ގަރާރު ބަލައިނުގަތް ނަމަވެސް އެ ސްޓޭންޑް ބަދަލުނުވާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.