ނަފްސާނީ ފަރުވާއާ ގުޅޭގޮތުން ފަރުވާދޭ ފަރާތްތަކުން ނިންމާ ނިންމުމާ ގުޅިގެން ހުށަހެޅޭ ހުށަހެޅުންތައް ބެލުމަށާއި ފަރުވާ ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް 'މެންޓަލް ހެލްތު ރިވިއު ބޯޑު' އުފައްދަން ހިމަނައި ނަފްސާނީ ސިއްހަތުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުޞްޠަފާ ޙުސައިނެވެ. ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވޭ އެ ބިލުގައި ނަފްސާނީ ސިއްހަތާގުޅޭ ސިޔާސަތުތަކާއި ނަފްސާނީ ފަރުވާދިނުމުގެ ހަމަތަކާއި އުސޫލުތައް ވަނީ ހިމަނާފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ފޯރުކޮށްދެވޭ ނަފްސާނީ ސިއްހަތުގެ ޚިދުމަތްތަކާއި ފަރުވާއަކީ ވަށާޖެހޭ ނިޒާމެއްގެ ދަށުން، މުޖްތަމައުގެ ބައިވެރިވުން އޮވެގެން ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތެއްގެމަތިން ފޯރުކޮށްދެވޭ ފަރުވާއެއްކަމުގައި ހެދުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ކަނޑައެޅުން ކަމަށެވެ.
އެގޮތުން ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ އެކި ހާލަތްތަކުގައި ތިބޭ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ސިއްހީ ޚިދުމަތުގެ ނިޒާމުގެ ތެރެއިން މެޑިކަލް، ސައިކޮލޮޖިކަލް އަދި ކޮމިއުނިޓީ ބޭސްޑް އެހީއާއި އިންޓަވެންޝަން މެދުވަރިކޮށް ފޯރުކޮށްދެވޭ ނަފްސާނީ ފަރުވާގެ އިތުރުން ސައިކޯސޯޝަލް ސަޕޯޓުފަދަ ކްލިނިކަލް ނޫން ކެއާއާއި އިންޓަވެންޝަންތަކާއި އެހީތެރިކަމުގެ ފޯރުކޮށްދޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ގާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން ނަފްސާނީ ބައްޔާއެކު ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ، އެމީހަކު ދިރިއުޅޭ މުޖުތަމައުން ފަސޭހަކަމާއެކު އެކަށީގެންވާ ރަނގަޅު ފެންވަރުގައި ލިބޭނެ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، އަމިއްލަ އިޚްތިޔާރުގައި ފަރުވާއަށް އެދުމުގެ ގާބިލުކަން ނެތް ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން އެ ބިލުގައި ވަނީ ހިމަނާފައެވެ.
އެ ބިލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމެއްގެ ގޮތުގައި ފަރުވާ ކުރިއަށްގެންދިއުމަށް 'މެންޓަލް ހެލްތު ރިވިއު ބޯޑު'ގެ ނަމުގައި ބޯޑެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށީގެން 30 ދުވަހުގެ ތެރޭގައި މިނިސްޓަރު ބޯޑު އެކުލަވާލަންވާނެ ކަމަށް ބިލުގައި ބުނެފައުވެއެވެ.
ބިލުގައިވާގޮތުން އެ ބޯޑު އެކުލެވޭނީ ނަފްސާނީ ސިއްހަތުގެ ދާއިރާއިން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަސް މެމްބަރުންގެ މައްޗަށެވެ. އެގޮތުން ބޯޑުގައި ހިމެނޭނީ:
- ސައިކިއެޓްރިސްޓެއް
- ސައިކޮލޮޖިސްޓެއް
- ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާއެއްގެ މެމްބަރެއް
- ސޯޝަލް ވޯކަރެއް
- އާންމުންގެ ތެރެއިން މީހެއް
ބިލުގައިވާގޮތުން ރިވިއުބޯޑުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަންކުރާނީ މިނިސްޓަރެވެ. އެ ބޯޑުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރުދުވަހުގެ މުއްދަތެކެވެ.