ސްވިމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" މިއަހަރުގެ ދެވަނަ މުބާރާތް މި އަންނަ ހުކުރު ދުވަހު ކ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި މުބާރާތަކީ ރަށާ 500 މީޓަރު ބޭރުގައި އަޅާފައި އޮންނަ އޮޑިއަކުން ފެތުންތެރިން ފުންމާލައިގެން ރަށުގެ ގޮނޑުދޮށަށް ފަތާފައި އަރަންޖެހޭ ގޮތަށް ފަރުމާކޮށްފައިވާ އޯޕަން ވޯޓާ ފެތުމުގެ ހަރަކާތެކެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ބަނދަރާއި ފާލަން ތަރައްގީކުރުމުގެ ކުރިން، އޮޑިދޯނިފަހަރު ފަޅުބޭރުގައި އަޅާފައި އޮންނައިރު ރަށަށް އެރުމަށްޓަކައި ދިވެހިން ކުރަމުން އައި ދަތުރުތަކާއި ސަގާފަތް މިހާރުގެ ޖީލުތަކާ އަލުން ގުޅުވައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށް ސްވިމް މޯލްޑިވްސްއިން ބުނެއެވެ.

މިދިޔަ މަހު ތިނެއްގައި ވިލިމާލޭގައި ބޭއްވި ފުރަތަމަ މުބާރާތުގައި 100 ފެތުންތެރިން ވާދަކުރިއިރު، އެ މުބާރާތަށް ލިބުނު ކާމިޔާބީއާއެކު ގުރައިދޫ މުބާރާތަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައިކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
އެގޮތުން، ގުރައިދޫގައި ބާއްވާ މުބާރާތުގައި ހަ އަހަރާއި 70 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޖުމްލަ 150 ފެތުންތެރިން ވާދަކުރާނެކަމަށާއި އޭގެ ތެރޭގައި ވަކިވަކި ފެތުންތެރިންގެ ކެޓަގަރީން ގުރައިދޫގެ 25 ފެތުންތެރިންނާއި، ރަށުން ބޭރުން ބައިވެރިވާ 100 ފެތުންތެރިން ހިމެނޭކަމަށް ވެސް ސްވިމް މޯލްޑިވްސްއިން ބުނެއެވެ.
މީގެ އިތުރުން، ޓީމު ރީލޭ ކެޓަގަރީގައި ވާދަކުރާ 25 ޓީމުން، ކޮންމެ ޓީމެއްގައި ދެ ފެތުންތެރިންނާއެކު 50 ފެތުންތެރިން ބައިވެރިވާނެކަމަށް ވެސް ބުންޏެވެ.
ސްވިމް މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި މުބާރާތް ފެށުމުގެ ކުރިން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އިން ހަވީރު 5:00 އަށް މުބާރާތުގެ އެކްސްޕޯ ގުރައިދޫގައި ކުރިއަށްދާނެއެވެ. މި އެކްސްޕޯގައި އެސްއެމްއީ ޑިޖިޓަލްގެ މުވައްޒަފުންވެސް ބައިވެރިވާނެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ އިގްތިސާދާއި ކުދި ވިޔަފާރިތަކަށް އެހީތެރިވެ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި އެސްއެމްއީ ޑިޖިޓަލްގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް ޒަރޫރީ ސާމާނު ހަދިޔާކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
ސްވިމް މޯލްޑިވްސްއިން އަމާޒު ހިފާފައިވަނީ އަންނަ އަހަރު ރާއްޖޭގެ އިތުރު ރަށްތަކަށް މި މުބާރާތް ފުޅާކޮށް، ދިވެހިންގެ ކަނޑުފަޅުގެ ސަގާފަތާއި ފެތުމުގެ ހުނަރު ދިރުވައި އާލާކުރުމަށެވެ.