އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހޯދުމުގެ ފުރުސަތު ސަރަޙައްދުގައި ވެސް އޮތީ ހަމައެކަނި ރާއްޖެއަށް: ވޯލްޑް ބޭންކް

މާލެ މަގުމަތީގައި ހަވީރު ވަގުތު ބަޔަކު ހިނގާފައި -- ސަން ފައިލް ފޮޓޯ/ މާނިއު މުހައްމަދު

ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއް، އާބާދީ މުސްކުޅިވުމުގެ ކުރިން ފުދުންތެރިކަން ނުވަތަ މުއްސަނދިކަން ހާސިލުނުކުރެވޭނެ ކަމަށާއި، އެހެން ނަމަވެސް ސަރަޙައްދުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އެ ފުރުސަތު އޮތް ހަމައެކަނި ގައުމު ކަމަށް ވޯލްޑް ބޭންކުގެ އައު ރިޕޯޓެއްގައި ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު "ޑިމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ" ރިޕޯޓުގައި ބުނެފައި ވަނީ، ދެކުނު އޭޝިއާގެ ގިނަ ގައުމުތައް "މުސްކުޅި ވަނީ މުއްސަނދިވުމުގެ ކުރިން" ކަމަށެވެ. މާނައަކީ، ދުނިޔޭގެ އެހެން ތަރައްގީވަމުން އަންނަ ގައުމުތައް މިފަދަ އާބާދީގެ ބަދަލަކާ ކުރިމަތިލި އިރު ހުރި އާމްދަނީގެ ފެންވަރަށްވުރެ ދަށް ފެންވަރެއްގައި، ދެކުނު އޭޝިއާގެ ގައުމުތައް މި މަރުހަލާ ނިންމާލާނީ ކަމަށެވެ.

ނަމަވެސް، މި ރިޕޯޓުގައި ރާއްޖެ ވަކިން ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައިވާ ގޮތުން، އާބާދީ ދުވަސްވީ އާބާދީއަކަށް ބަދަލުވާއިރު، އެ ނޫން ތަރައްގީވަމުން އަންނަ ގައުމުތަކުން މިކަމާ ކުރިމަތިލި އާމްދަނީގެ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި އެ މަރުހަލާއަށް ވާސިލުވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ދެކުނު އޭޝިއާގެ ގައުމަކީ ރާއްޖެއެވެ.

މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އާބާދީ މުސްކުޅިވުމާ ގުޅިގެން ކުރިމަތިވާ ޚަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އަވަށްޓެރި ގައުމުތަކަށްވުރެ ރާއްޖެއަށް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމާއި، ދިގުމުއްދަތަށް ބަލަހައްޓަންޖެހޭ ބަލިތަކަށް ފަރުވާ ދިނުމުގެ ޚަރަދުތަކާއި، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޚަރަދުތައް ހިމެނެއެވެ.

މީގެ އިތުރުން، ބޫޓާން ފިޔަވައި ދެކުނު އޭޝިއާގެ ހުރިހާ ގައުމެއްގައި ވެސް، ޕެންޝަން ސްކީމަކަށް އެއްވެސް ފައިސާއެއް ދައްކާފައިނުވާ އުމުރުން ދުވަސްވީ މީހުންނަށް ޓެކުހުން ޚަރަދުކުރާ އަސާސީ ޕެންޝަނެއް ދެވެމުން އަންނަކަން ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގައި މިކަން ތަންފީޒުކުރެވެމުން ދަނީ "އޯލްޑް އޭޖް ބޭސިކް ޕެންޝަން" ގެ ނަމުގައެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖެ ފަދަ ގައުމުތަކަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، ގައުމުގެ އިގްތިސޯދީ ހާލަތާ އެކަށޭނަ ގޮތެއްގައި މި ޕެންޝަން ލިބޭ މިންގަނޑުތަކާއި، އިނާޔަތްތަކުގެ މިންވަރާއި، އެކަމަށް ހިނގާ ޚަރަދުތައް އަލުން ބައްޓަންކުރުމެވެ.

ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، މުޅި ސަރަހައްދަށް ބަލާއިރު އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް އަދިވެސް އޮތީ ވަރަށް ދަށު ފެންވަރެއްގައެވެ. ދެކުނު އޭޝިއާގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެއްވެސް ބާވަތެއްގެ ޕެންޝަނެއް ލިބެނީ އެންމެ 10 އިންސައްތަ މީހުންނަށެވެ. އަދި މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ ޕެންޝަން ސްކީމަކަށް ފައިސާ ޖަމާކުރަނީ އެންމެ 17 އިންސައްތަ މީހުންނެވެ. ވަޒީފާ އަދާކުރާ މީހުންގެ 88 އިންސައްތައަކީ ރަސްމީ ވަޒީފާތަކުގައި އުޅޭ މީހުންނެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖެ ހިމެނޭހެން މި ސަރަހައްދުގެ ގައުމުތަކުން އިގްތިސާދީ ގޮތުން ލިބޭ މި ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ހަތަރު ކަމަކަށް އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި:

  • މަސައްކަތްކުރާ އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރަނގަޅު އާމްދަނީ ލިބޭ ގިނަ ވަޒީފާތަކެއް އުފެއްދުން،
  • އާބާދީ މުސްކުޅިވުން އެންމެ މައްޗަށް ދިއުމުގެ ކުރިން ޞިއްޙީ، ޕެންޝަން އަދި ދިގުމުއްދަތުގެ ފަރުވާގެ ނިޒާމުތައް ބިނާކުރުން،
  • މިހާރުވެސް ދުވަސްވީ އާބާދީ އޮތް ތަންތަނުގައި އެކަން ރަނގަޅަށް މެނޭޖްކުރުން،
  • ކުޑަކުދިންގެ ކާނާއަށާއި، އިޖުތިމާޢީ ރައްކާތެރިކަމަށާއި، މަސައްކަތްތެރިން އެއްތަނުން އަނެއްތަނަށް ހިޖުރަކުރުމުގެ ނިޒާމަށާއި، ޓެކްސް އިދާރާތައް ހަރުދަނާކުރުމަށް އިންވެސްޓްކުރުން

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓެކްސް އާމްދަނީ އުޅެނީ ޖީޑީޕީގެ ނިސްބަތުން އެވްރެޖުކޮށް 12 އިންސައްތައަށްވުރެ ދަށުގައެވެ. ނަމަވެސް، އާންމު ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 15 އިންސައްތަ ބޭނުންވެއެވެ.

ވޯލްޑް ބޭންކުން ބުނެފައި ވަނީ ކުރިއަށް އޮތް 10 އަހަރަކީ، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހޯދުމަށް ރާއްޖެއަށް ލިބޭ އެންމެ ނާޒުކު އަދި މުހިންމު ދަނޑިވަޅު ކަމަށެވެ.

comment ކޮމެންޓް