ހުޅުމާލޭގައި ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލެ ވޯޓާ ތީމް ޕާކު ކައިރީ ފުލުހުން ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ

ހުޅުމާލޭގައި ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު ބަޔަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި ހުޅުމާލެ ދިއްގާމަގު ބީޗު ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ 22:50 އެހައިކަންހާއިރު ފުލުހުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައިވާކަމަށެވެ.

ފުލުހުން އެ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު ދެ ބަޔޮނެޓް (ލޮންސިއެއް ފަދަ ހަތިޔާރެއް) ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް