ދިރާގުގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގެ ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް ދިރާގުން ހާސިލުކޮށްފިއެވެ.
އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ "ކޯޕަރޭޓް ޗޭންޖްމޭކާސް" އެވޯޑަކީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް ހާއްސަ އިސްކަމެއް ދީގެން، މުޖުތަމައުތަކަށް އެދެވޭ ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އަހަރު މި އެވޯޑް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކޮށްފައިވާ މަސައްކަތްތަކަށެވެ.
ދިރާގަށް މި އެވޯޑް ލިބިފައިވަނީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ކަމަށްވާ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތަކަށް އެ ކުންފުނިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށެވެ.
މީގެ އިތުރުން ފުޅާ ދާއިރާއެއްގައި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތައް ވެސް މި އެވޯޑުގައި ވަނީ ފާހަގަކޮށްފައެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ޑިޖިޓަލް އިންކްލޫޝަން، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުން، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެމުން ގެންދެއެވެ.
މުޖުތަމައަށް މުހިންމު މިފަދަ ކަންކަމުގައި ވިޔަފާރިތަކުން އިސްނަގައިގެން އެހީތެރިވެދެވިދާނެ ގޮތްތައް ސާބިތުކޮށްދީ، ހުރިހާ އެންމެން ޝާމިލުވާ، ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދިރާގުން އަންނަނީ އިސް ދައުރެއް އަދާކުރަމުންނެވެ.