ސަން ސިޔާމް ވިލުރީފުގެ 'މާމާ' 50 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރަތްކޮށްފި

އިއްޔެ ސަން ސިޔާމް ވިލުރީފަށް އަލުން އެނބުރި އައުމުން ބާބެލް ރިކްޓާއަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ވިލުރީފް ފެމިލީ ކްލަބް)

ދ. އަތޮޅުގައި ހިންގާ ސަން ސިޔާމް ވިލުރީފަށް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް ފަތުރުވެރިޔާ ކަމަށްވާ ޖަރުމަނުވިލާތުގެ ބާބަލް ރިކްޓާ (މާމާ)، 50 ވަނަ ފަހަރަށް އެ ރިސޯޓަށް ޒިޔާރަތްކޮށްފިއެވެ.

އުމުރުން 77 އަހަރުގެ މާމާ ރިސޯޓަށް އައުމުން މެނޭޖްމަންޓާއި މުވައްޒަފުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ބާބަލްއާއި އޭނާގެ ފިރިމީހާ ހަންސް (ޕާޕާ) އެންމެ ފުރަތަމަ ވިލުރީފަށް ޒިޔާރަތްކުރީ ފަހެއް ޑިސެމްބަރު 2000 ގައެވެ.

އޭގެ ފަހުން އެ ދެމަފިރިން ވިލުރީފު ބަލައިގަތީ އެމީހުންގެ އަމިއްލަ ގެއެއްގެ ގޮތުގައެވެ.

މީގެ އިތުރުން ރިސޯޓުގެ މުވައްޒަފުންނަކީ އެމީހުންގެ އަމިއްލަ ދަރިން ފަދަ ބައެއް ކަމުގައި ބަލައިގަތުމުން، ރިސޯޓުގެ އެންމެންވެސް އެ ދެމަފިރިންނަށް މުޚާޠަބު ކުރަނީ 'މާމާ' އަދި 'ޕާޕާ' ގެ ނަމުންނެވެ. ނަމަވެސް، ޞިއްޙީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މިފަހަރުގެ ދަތުރުގައި ޕާޕާއަށް ބައިވެރިއެއް ނުވެވުނެވެ.

އިއްޔެ ސަން ސިޔާމް ވިލުރީފަށް އަލުން އެނބުރި އައުމުން ބާބެލް ރިކްޓާއަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ވިލުރީފް ފެމިލީ ކްލަބް)

އިއްޔެ މާމާ ރިސޯޓަށް އައުމުން މަރުޙަބާ ކިޔުމުގެ ގޮތުން ދިވެހި ސަގާފީ ހަރަކާތްތަކާ އެކު ޚާއްޞަ އުފާފާޅުކުރުމެއް ވަނީ ބާއްވާފައެވެ. އެގޮތުން ބޮޑުބެރު ޖެހުމާއި، ދިގުމަގު ހިނގުން އަދި ސަގާފީ ނެށުންތަކާއެކު ރާއްޖޭގެ މެހެމާންދާރީ ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.

މީގެ ކުރިން 2017 ވަނަ އަހަރު، 30 ވަނަ ފަހަރަށް ރާއްޖެ އައި ދަތުރުގައި 'ސަން' އަށް ދިން އިންޓަވިއުއެއްގައި މާމާ ބުނެފައިވަނީ، އެންމެ ފުރަތަމަ ޒިޔާރަތުން ފެށިގެންވެސް ރާއްޖެދެކެ އިންތިހާއަށް ލޯބިވެވުނު ކަމަށެވެ.

އިއްޔެ ސަން ސިޔާމް ވިލުރީފަށް އަލުން އެނބުރި އައުމުން ބާބެލް ރިކްޓާއަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ވިލުރީފް ފެމިލީ ކްލަބް)

"މިއީ އަހަރެމެންގެ ގެ. މިއީ އަހަރެމެންގެ ދަރިން. އެމީހުން އަހަރެމެން ވަރަށް އުފާކޮށްދޭ،" އޭނާ ބުނެފައިވެއެވެ.

ދ. އަތޮޅުގައި 100 އަށްވުރެ ގިނަ ވިލާއާއެކު ހިންގަމުން އަންނަ ސަން ސިޔާމް ވިލުރީފަކީ ތަކުރާރުކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރިސޯޓެކެވެ.

25 ޖުލައި 2017 ގައި ރާއްޖެ އައުމުން މަރުހަބާ ކިޔުމަށްފަހު މާމާ އަދި ޕާޕާ ފޮޓޯއަކަށް ހުއްޓިލައިގެން. (ފައިލް ފޮޓޯ/ސަން)

އެގޮތުން އެ ރިސޯޓަށް 21 ވަނަ ފަހަރަށް ޒިޔާރަތްކުރި މެލަނީ ޕާ އަދި ނިކޯލް ޕާ (ވިލު ސިސްޓާސް) ވެސް މި މަހުގެ ކުރީކޮޅު ވަނީ އެ ރިސޯޓަށް ގޮސްފައެވެ.

comment ކޮމެންޓް