ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ހަގީގީ މާނައިގައި ގާނޫނު ހެދޭ ފެންވަރުގެ ތައުލީމީ އަދި އަހުލާގީ ގޮތުން ނަމޫނާ ބަޔަކެވެ. ނަމަވެސް، މިއަދު މަޖިލީހުގެ ތަޅުމުން ފެންނަމުންދަނީ ތައުލީމީ ފެންވަރަށް ވުރެ ބޮޑަށް، އަޑުގަދަ މީހުންނާއި ސިޔާސީ ނުފޫޒު ގަދަ މީހުންގެ ބާރު ހިނގާ ތަނެއްގެ ގޮތުގައެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި މެންބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، ސުންނީ މުސްލިމަކަށް ވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރުން ހިމެނި ނަމަވެސް، ތައުލީމީ އެއްވެސް ޝަރުތެއް ކަނޑައަޅާފައެއް ނުވެއެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން ނިންމާ ދޯދިޔާ ނިންމުންތަކާ ގުޅިގެން އާންމުން އެންމެ ބޮޑަށް ފާޑުކިޔަނީ އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ގާބިލުކަން ނެތުމުން ކަމަށް މޯލްޑިވްސް ފައިނޭންޝަލް ރިވިއުގައި ބަޔާންކޮށްފައިވެއެވެ.
މަޖިލީހުގެ ތެރޭގައި އިލްމީ ބަހުސެއް ނުވަތަ ދިރާސީ މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ، އޭގެ ހަގީގީ ބޭނުމަށް ވާސިލުވެވޭ ވަރުގެ ގާބިލު މެންބަރުން ނިސްބަތުން ވަރަށް މަދެވެ. މަތީ ތައުލީމު ކުރިއެރުވުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ތައުލީމީ ޝަރުތުތަކެއް ހުންނަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. އަދި ބޮޑެތި ގުރުބާނީތަކެއް ވެގެން މަތީ ތައުލީމު ހާސިލުކުރާ ޒުވާނުން އެނބުރި އައިސް، ތައުލީމީ އެއްވެސް ފެންވަރެއް ނެތް ސިޔާސީ މީހުންގެ ފަހަތުގައި މަސައްކަތްކުރަން މަޖުބޫރުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ ވަޒަންކުރެވޭނެ އުސޫލެއް ގާނޫނުގައި ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ލަފާދެއްވާފައެވެ. ދިވެހި ބަހުން ރަނގަޅަށް ލިޔެފައި ހުންނަ ލިޔުންތައް ވެސް ފަރިތަކަމާއެކު ކިޔަން ނޭނގޭ މެންބަރުން މަޖިލީހުގައި ތިއްބަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެ ގޮތަށް ތުހުމަތު ކުރަނީ މަޖިލީހަށް ހުށަހެޅޭ ބިލުތައް މަޖިލީހަށް އިއްވުމަށް ޓަކައި، ތާނައިން ލިޔެފައި އޮންނަ އެއްޗެއް ކިޔާން އެ މީހުން އުޅޭ ހާލުންނެވެ. ފަރިތަކަމާއެކު ކިޔައިނުލެވޭ ކަމީ ފެންނާން އޮތް ހަގީގަތެކެވެ. އަދި ކިޔާން ނޭނގޭ މީހުން މަޖިލީހުގައި އެއްޗެއް ނުކިޔާ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައި ނިންމާލަނީއެވެ. އެކަން ރަސްމީ އެއްވެސް މަސްދަރަކުން ކަށަވަރުކުރެވިފައި ނުވިނަމަވެސް މި ދެންނެވީ ފެންނަ މަންޒަރުން އަޅުގަނޑަށް ދޭހަވި ގޮތެވެ. އެހެންނަމަވެސް، ދައުލަތުގެ ގާނޫނު ހަދާ މައި މުއައްސަސާގެ މެންބަރުންނަކީ އިލްމީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
އިލްމީ ގާބިލުކަން ނެތުމުގެ އިތުރުން، އަދަބާއި އަޚުލާގު ނެތުމުގެ ނަތީޖާއަކަށް ވެފައިވަނީ މަޖިލީހުގެ ވަގުތުތައް ޒުވާބުކުރުމާއި، ފުރައްސާރަކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް ދޮގު ތުހުމަތު އެޅުވުމުގައި ދުއްވާލުމެވެ. ޚިޔާލު ތަފާތުވުންތައް ހައްލުކުރުމުގެ ބަދަލުގައި، މަޖިލީހުގެ މުދަލަށް ގެއްލުންދީ މެންބަރުންގެ ގަޔަށް ބޮލަށް އަރައި މެންބަރުންގެ މެދުގައި މާރާމާރީ ވެސް ހިންގާފައިވެއެވެ. އެގޮތުން ޖެނުއަރީ 28، 2024 ގައި ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި، އެކަކު އަނެކަކަށް ހަމަލާދީ ބައެއް މެންބަރުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ. އަދި ވޯޓަށް ހުރަސްއެޅުމުގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ އޭރުގެ މެންބަރު އަހުމަދު އީސައާއި ކަނޑިތީމު ދާއިރާގެ އޭރުގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމާ ދެމެދު މާރާމާރީ ހިނގައި، މެންބަރުންނަށް މަރުގެ އިންޒާރު ދިން މައްސަލަތަކެއް ވެސް ފެންމަތިވިއެވެ.
މިފަދަ ހަމަނުޖެހުންތައް އުފެދެނީ މެންބަރުންގެ މަސްއޫލިއްޔަތު އޮޅިފައި އޮތުމުންނެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ގަބޫލުކުރަނީ އެ މީހުން ހޮވާފައި ތިބެނީ ހަމައެކަނި ސަރުކާރު ދިފާއުކުރާން ކަމަށެވެ. އަނެއްކޮޅުން އިދިކޮޅު މެންބަރަކު ހޮވިއްޖެ ނަމަ، ހަމައެކަނި މަސައްކަތަކަށް ވަނީ ސަރުކާރަށް ޖެއްސުންކުރުމާއި ސަރުކާރުން ރާވާ ހިންގާން ބޭނުންވާ މަސްރޫއުތައް ހިންގިޔަ ނުދިނުމެވެ. މި ދެ ފަރާތުގެ ވާދަވެރިކަމުގައި ހުރިހާ ގެއްލުމެއް ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ. މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ސުލޫކީ މިންގަނޑެއް ކަނޑައަޅައި ތަންފީޒުކުރަންޖެހޭ ކަމަށް ރާއްޖެއެމްވީގައި ލިޔެފައިވެއެވެ. އަދި ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) އިން ފާހަގަކުރާ ގޮތުގައި، މަޖިލީހުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށްދިޔަ ނަމަވެސް، ނަޒާހަތްތެރިކަމުގެ މިންގަނޑުތަކުން ދިވެހިރާއްޖޭގެ މަޖިލީހަށް ލިބެނީ "ފޭލި" ރިޕޯޓެކެވެ.
މަޖިލީހުގެ މެންބަރުންނަށް ލިބިފައިވާ ޖިސްމާނީ ގެއްލުމުގެ އިތުރުން، މަޖިލީހުގެ މުދަލަށް ފާޅުގައި ގެއްލުން ދިން މަންޒަރުތައް ވެސް ދިވެހީންގެ ލޯކުރިމަތީ ހިނގައިފައިވެއެވެ. މައިކު ހަލާކުކޮށްލުމާއި ކޮންޕިޓަރު އިސްކިރީނަށް ގެއްލުން ދިނުމާއި ގޮނޑިތަކަށް ގެއްލުން ދިން މަންޒަރުތައް ޓީވީތަކުން ދިވެހި އެންމެހައި ރައްޔިތުންނަށް ދައްކައިފައި ވެއެވެ. ދިވެހި ގައުމުގެ ދިވެހި ދިދަ ބިންމައްޗަށް ވައްޓާލި މަންޒަރު ވެސް ފެނުނެވެ. ކޮން ފަދަ ލަދުވެތި ކަންކަންތޯއެވެ. އެކަމަކު ވެސް އެ މީހުން އެ ތިބެނީ ހުދު ގަމީސް ލައިފައި ޕާޓީ ކުލައިގެ ޓައީ އަޅައިގެން ވަރުގަދައަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަމަށް ކަމަށް އެ މީހުން ބުނެއެވެ. ރައްޔިތުންގެ މުދަލަށް ފާޅުގައި ގެއްލުންދޭ ބަޔަކު ރައްޔިތުންގެ ހައްގުގައި ކުރާނީ ކޮން ވަކާލާތެއް ތޯއެވެ. ތަޅައި ފޮޅައި މަރުދީގެން ފާސްކުރާ ގާނޫނު، ފާސްކުރިތާ މަހެއް ނުވަނީސް އުވައިލުމަކީ ބުއްދި ސަލާމަތުން ހުރި މީހުން ކުރާ ކަހަލަ ކަންތައްތައް ތޯއެވެ؟
މަޖިލީހަށް ހޮވިގެން ފުރަތަމަ ޖަލްސާއަށް ދާ އިރު ލާނެ ހުދު ގަމީހާއި އަރާނެ ބޫޓު ވެސް ހޯދާނީ އޭނާއަށް ކެމްޕޭނު ކޮށްދޭން އުޅުނު ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކުގައެވެ. އެހާ ނިކަމެތި ހާލުގައި މަޖިލީހަށް ވަންނަ މީހާ ފަސް އަހަރުގެ ދައުރެއް ނިންމާލާފައި މަޖިލީހުން ނުކުމެގެން އަންނައިރު، ނުވަތަ މަޖިލީހަށް ރައްޔިތުން ނުހޮވާ ނެރެ އެއްލައިލާ އިރު، އޭނާ ހިމެނެނީ ރާއްޖޭގެ ނިސްބަތުން ބޮޑެތި މުއްސަނދީންގެ ތެރޭގައެވެ. ސިޔާސީ އެންމެ މަތީ ހަރުފަތުގައި ގައުމު ހިންގާން ބޭނުންވާ ފައިސާ ހުރި މުއްސަންޖަކަށް އޭނާ ވެއެވެ. ތިން ހަތަރު ފިހާރައާއި ތިން ހަތަރު ރެސްޓޯރަންޓާއި ދަތުރުތައް ކުރާނެ ލޯންޗުތައް އޮންނަނީ އޭނާ ހަދައިފައިވާ ކޮންމެވެސް ކުންފުންޏެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްލައިފައެވެ. ނުވަތަ ކޮންސްޓްރަކުޝަން ކުންފުންޏެއް ހަދައިގެން ރާއްޖޭގެ އިމާރާތްތައް ނަގާ ކޮޅަށް ޖަހައިދޭ އެންމެ ފެންވަރު ރަނގަޅު ކުންފުނި ހިންގާނީ އެ މީހެކެވެ. މި މީހުން މުއްސަނދިވާ ގޮތާ މެދު ރައްޔިތުން ހޭލުންތެރިވެ ސުވާލު އުފައްދާކަށް ނުވޭތޯއެވެ؟
އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ވޯޓުލާ ވަގުތުގުގައި އެކަމުން ދުރަށް ދާން ޖެހޭކަމަށް ގާނޫނުގައި ފާޅުކަން ބޮޑުކޮށް ހާމައަށް ލިޔެފައި އޮވެއެވެ. އެހެނަސް އެ މީހުންގެ މުސާރަ ކަނޑައަޅަނީ އެ މީހުން އަމިއްލައަށް ލާ ވޯޓުންނެވެ. އެކި ނަންނަމުގައި ކޮމެޓީތައް ހަދައިގެން ކޮމެޓީ އެލެވަންސް ވެސް ނަގަނީއެވެ. މިއީ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމަށް ނުވަނީ ތޯއެވެ؟
ރައްޔިތުން މަޖިލީހުގެ މި ހާލަތު ބަދަލުކުރުމުގެ ފުރިހަމަ ބާރު އޮތީ ދިވެހި ރައްޔިތުންގެ އަތްމަތީގައެވެ. ރައްޔިތުން މިއަދު ހޭލާން ވެއްޖެއެވެ. ސިޔާސީ ނުފޫޒަށާއި ވަގުތީ މަންފާއަށް ވޯޓު ދިނުމުގެ ބަދަލުގައި، ރައްޔިތުންގެ މަޖިލީހަކީ ހަގީގަތުގައި ވެސް "ރައްޔިތުންގެ މަޖިލީހަކަށް" ހަދަން ޖެހިއްޖެއެވެ. ގައުމުގެ މުސްތަގުބަލު ބައްޓަންކުރާ ގާނޫނުތައް ހެދުމުގެ ބާރު ދެން ހަވާލުކުރަންޖެހޭނީ އަދަބާއި އަޚުލާގު ހުރި، އިލްމީ ގޮތުން ގާބިލު ތައުލީމީ ދަރިންނާއެވެ. ގާނޫނެއް ހަދާއިރު އެ ގާނޫނާމެދު އިލްމީ ނަޒަރަކުން ބަލައިލެވޭ ވަރުގެ އިލްމީ މީހުންނާއެވެ. އެހެންނޫންނަމަ ރައްޔިތުން އަބަދުވެސް އުޅޭން ޖެހޭނީ މި ހާލަތުގައެވެ.