މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ދާއިރާ ތަމްސީލުކުރައްވާ ދެ މެންބަރުން ކަމަށްވާ ޔާމީން އިދުރީސް އިސްތިއުފާ ދިންއިރު، ފާތިމަތު މުނާ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފިއެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ޔާމީން އިސްތިއުފާދެއްވިކަން އަދި މުނާ ބޯޑުން ވަކިކުރިކަން ޕެންޝަން އޮފީހުން ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.
މި އަހަރުގެ މެއި 21 ގައި ޕެންޝަން ބޯޑަށް އައްޔަނުކުރި ޔާމީންގެ ދައުރު މިދިޔަ މަހުގެ ހަތެއްގެ ނިޔަލަށް ނިމުމަކަށް ގެނެސްފައިވާއިރު، ޖުލައި 21 ގައި ބޯޑަށް ހަމަޖެއްސި މުނާ މަގާމުން ވަކިކޮށްފައިވަނީ އިއްޔެއެވެ.
ތިން އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަނުކުރާ ދެ މެންބަރުންގެ ތެރެއިން މި ދެ ބޭފުޅުން ވެސް ބޯޑުގައި ޚިދުމަތް ކުރެއްވީ ގާތްގަނޑަކަށް ހަތަރު މަސް ދުވަހުއެވެ. މި ދެ ބޭފުޅުންގެ ތެރެއިން މުނާ ކުއްލި ގޮތަކަށް ވަކިކުރި ސީދާ ސަބަބެއް ޕެންޝަން އޮފީހުން ހާމައެއް ނުކުރެއެވެ.
ޕެންޝަން ބޯޑުން އަމިއްލައަށް އިސްތިއުފާ ދެއްވި ޔާމީން ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ސަރުކާރުން އަލަށް އުފެއްދި ގައުމީ ވަގުފު ކުންފުނި، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
ޔާމީން "ސަން" އަށް ވިދާޅުވި ގޮތުގައި އޭނާ ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވީ އެ މަގާމާ ހަވާލުވުމަށެެވެ. އޭނާއަކީ މީގެ ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޖުމްލަ އަށް މެންބަރުން ތިއްބަވަންޖެހޭ ޕެންޝަން ބޯޑުން ދެ މެމްބަރުން ވަކިވުމާއި ގުޅިގެން، އަމިއްލަ ދާއިރާ ތަމްސީލުކުރާ ގޮނޑިތައް ހުސްވެފައިވާތީ ބޯޑުގެ ގާނޫނީ އަދަދު ހަމަކުރުމަށް އާ މެންބަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެއެވެ.
މި ދެ މެންބަރުން ވަކިކުރިއިރު، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ ވެސް ވަނީ ދާދިފަހުން މަގާމުން ވަކިކޮށްފައެވެ.
ސެޕްޓެމްބަރު 23 އިން ފެށިގެން ސަސްޕެންޝަނުގައި ހުންނެވުމަށްފަހު އޭނާ ވަކިކުރީ، ބޯޑުގެ ޗެއާޕާސަން އަބްދުލްމަޖީދު އަލީއާ ގުޅުންހުރި މައްސަލަތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުންނާއި ސަރުކާރުން ފައިސާ ޗާޕުކުރުމަށް ހިންގަން އުޅުނު މުއާމަލާތަކާ ދެކޮޅު ހެއްދެވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް ޕެންޝަން އޮފީހުން ބުނެފައިވަނީ ޝިއުނާ ވަކިކުރީ މުވައްޒަފުން އަމަލުކުރަންޖެހޭ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެގެން، ތަހުގީގުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައި ކަމަށެވެ.