އިގުތިސާދީ ގޮތުން އިނދަޖައްސާލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން: އީރާންގެ ނައިބު ރައީސް

އީރާނުގެ ނައިބު ރައީސް މުހައްމަދު ރިޒާ އާރިފް

ތެހެރާން (26 ނޮވެންބަރު 2026) : އީރާންއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އީރާނުގެ އިގްތިސާދަށް ކުރިނަމަވެސް ހިސާރުގެ ސަބަބުން އީރާން އިނދަޖެހޭނެ ކަމަށް ނޫނީ ނޫނީ އެމެރިކާއަށް ދޫދީ އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން އީރާނަށް މަޖުބޫރުވާ ހިސާބަށް އެކަން ދާނެކަމަށް އެމެރިކާގެ ވެރިންނަށް ހީވާނަމަ އެމެރިކާގެ ވެރިން އެއުޅެނީ ވާނުވާ ނޭންގޭ ހުވަފެއްގައި ކަމަށް އީރާނުން ސިފަކޮށްފިއެވެ.

އީރާނުގެ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް އެގައުމުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމަކީ އަދި އޭގެސަބަބުން އީރާނުގެ ސިޔާސަތު ބަދަލުކުރުވުމަކީ އެމެރިކާއަށް ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާގެ ވެރިންނަކީ ތިމާމެންވަރުގެ ބާރުގަދަ ބަޔަކު ނެތްކަމަށް ހެދިގެން ޕަރަނޯޔާ ނަފްސާނީ ބަލި ޖެހިފައިވާ އީގޯ ބައެއްކަމަށް ސިފަކުރައްވަމުން އީރާނުގެ ނައިބު ރައީސް ވިދާޅުވީ ގަލްފާއި އަރަބި ކަނޑުގައިވާ އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރު ކުރިނަމަވެސް ޕެސްޕިއަން ކަނޑުގައިވާ އީރާނުގެ ބަނދަރުތަކާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ގައުމުތަކާ އީރާން ކުރަމުން ގެންދާ ވިޔަފާރީގެ މުއާމަލާތްތަކަށް ހުރަސްއެޅުމުގައި އެމެރިކާ ވަނީ ސައްތައިން ސައްތަ ފެއިލް ވެއެވެ.

"ކެސްޕިއަން ކަނޑުގެ ބަނދަރުތަކާއި ސަރަހައްދީ ރޮނގުތައް ހުރަސްކޮށް ގައުމުތަކާއެކު އީރާން ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި، މީގެކުރިން ދުވަހަކުވެސް ބިޒީ ނުވާވަރަށް މިތަންތަން މިހާރުވަނީ ބިޒީވެފައި" އީރާނުގެ ނައިބު ރައީސް ރިޒާ ވިދާޅުވިއެވެ. އެމެރިކާ ހިސާރުކޮށްފައިވާ ބަނދަރުތަކުން ގެއްލޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައެއް ކެސްޕިއަން ކަނޑުގެ މަގުންނާއި ސަރަހައްދީ ރޮނގުތައް ހުރަސްކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ކަވަރު ކުރެވޭ، އެމެރިކާގެ ހިސާރަކީ އީރާން އިނދަޖައްސާލެވޭ ވަރަށް ވުރެ މާބަލިކަށި ހިސާރެއް" ރިޒާ ފާހަގަ ކުރެއްވިއެވެ.

ރިޒާ އިތުރަށް ވިދާޅުވިގޮތުގައި މިހާރުވެސް އީރާނުން ތެޔޮ އެކްސްޕޯޓް ކުރަމުން ގެންދެއެވެ. އަދި ޕެޓްރޯ ކެމިކަލްގެ ބާވަތްތައްވެސް އެކްސްޕޯޓް ކުރަމުން ގެންދެއެވެ. ނަމަވެސް އެކްސްޕޯޓް ކުރެވޭ މިންވަރު ކުރިޔަށްވުރެ ދަށެވެ. އަރަބި ކަނޑާއި ގަލްފުގައިވާ އީރާނުގެ ބަނދަރުތަކުގެ ބަދަލުގައި އެއްގަމު މަގުން ކުރާ ވިޔަފާރި އިތުރު ކުރުމަށްޓަކައި ސަރަހައްދީ ރޮނގުތަކުގެ ގޭޓްވޭތަކާއި ކެސްޕިއަން ކަނޑުގެ ބަނދަރުތައް ތަރައްގީ ކުރުމަށް އީރާނުގެ ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމާއި މިތަންތަން ތަރައްގީކޮށް ނިމުމުން އީރާނުގެ އެކްސްޕޯޓް ބޮޑުތަނުން އިތުުރުވެގެންދާނެކަމަށް ރިޒާ ވިދާޅުވިއެވެ.

އެމެރިކާގެ މާލީ ވަޒިރު ސްކޮޓް ބެސެންޓް ވަނީ އެމެރިކާއިން އީރާނުގެ ބަންދަރުތައް ހިސާރުކުރަން ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައި އީރާން އިނދަޖެހި އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެކަމަށް ވިދާޅުވެ ބޮޑާކަމާއެކު ވާހަކަ ދައްކާފައެވެ. އޭގެފަހުން ހިސާރަށް 8 މަސްވެގެން ދިޔައިރުވެސް ބެސެންޓް ދައްކަވަމުން ގެންދަވަނީ ހަމަ އެއްވާހަކަ އެކެވެ. އީރާން އިނދަޖެހި އެމެރިކާގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަން ފަށާނެ ކަމުގެ ވާހަކައެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އިރާގުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިއްޔެވެސް އީރާނަށްވަނީ އިރާގާއެކު އެގައުމުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ލިބެން ޖެހޭ ބޭރުފައިސާ (ޑޮލަރުން ކޭޝްގެ ގޮތުގައި) ބިލިޔަނަކަށް ވުރެގިނަ ޑޮލަރު ލިބިފައެވެ. މުހައްލިލުން ވިދާޅުވާގޮތުގައި އީރާން ހިސާރުކުރުމަށް ޓަކައި އެމެރިކާ ކޮންމެ ދުވަހަކު އެތަށް މިލިޔަން ޑޮލަރެއް ޚަރަދުކުރަން ޖެހުމަކީ ދިގުމުއްދަތަކަށް އެމެރިކާއަށް މިކަމުގައި ދިގުމުއްދަތަކަށް ދެމި ނޯވެވޭނެ ކަމެކެވެ.

އަނެއްކޮޅުން އީރާނަކީ އެގައުމަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ އަސާސީ ބާވަތްތަކުގެ 95 އިންސައްތަ އަމިއްލައަށް އުފައްދާ ގައުމަކަށް ވެފައި އީރާނާއެކު ޗައިނާ އާއި ރަޝިއާ ކުރާ ވިޔަފާރީގެ މުއާމަލާތްތައް ކުރިޔަށް ދިޔުމަކީ އީރާން އިނދަޖައްސައި ލުމުގައި އެމެރިކާ ނާކާމިޔާބުވާ މައިގަނޑު ސަބަބުތަކެވެ. މީގެއިތުރުން ސަރަހައްދީ ރޮނގުން އީރާންއާ އިންވެފައިވާ ގައުމުތަކާއި އީރާނުގެ ގުޅުންތައް ރަނގަނޅު ވެފައިވުމަކީވެސް އީރާން އިނދަޖައްސާލުމުގައި އެމެރިކާއަށް ކާމިޔާބު ނުލިބޭ މައިގަނޑު އެއްސަބަބެވެ.

comment ކޮމެންޓް