ރަތްމަޑި ފެނުމުން އައްޑު އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި

ރަތްމަޑި: އައްޑޫގެ ރުއްތަކުން މި ބާވަތުގެ މަޑި ފެނި އެ އަތޮޅުން ރުއް ބޭރު ކުރުން ވަނީ މަނާކޮށްފައި --- ފޮޓޯ/ ޕާމްކިންގް ސްޕެއިން

ރަތް މަޑި ނުވަތަ ރެޑް ޕާމް ވީވީލް އައްޑު އަތޮޅުގެ ބައެއް ރުއްތަކުން ފެނި، އެ އަތޮޅުން ރުއް ބޭރުކުރުން، ވަގުތީގޮތުން އެގްރިކަލްޗާ މިނިސްޓްރީން މަނާކޮށްފިއެވެ.

ރުކުގެ އާއިލާގެ ގަސްތަކައް ގެއްލުންދޭ ސޫތްޕެއްކަމަށްވާ ރަތްމަޑިއަކީ ރުކާއި ކަދުރު ރުކާއި ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ ނުރައްކާތެރި މަޑިއެކެވެ. މި މަޑީގެ ފަނިީގެމަރުހަލާގައި ރުކުގެ ކަނދުތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށާނެއެވެ. ނަމަވެސް ކަނދުގެ އެތެރެއަށް މަޑީގެ ފަނި ދޭ ގެއްލުން ބޭރަށް ފެންނަން ނުހުރުމާއެކު މަޑި ރުކަށް ގެއްލުންދޭކަން ފާހަގަ ކުރެވެނީ، ރުކުގައި މަޑި ވަރަށްބޮޑަށް އަށަގަންނަފަހުންނެވެ. އެހެންކަމުން މި މަޑީގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، ފަހުގެ މަރުހަލާއެއްގައި ރުއް މަރުވެއެވެ.

މިނިސްޓްރީން ބުނީ، މި މަޑި އައްޑޫގެ ބައެއް ރަށްތަކުން ފެނިފައިވާ ކަމަށެވެ. އެގޮތުން، އެ މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އަވަހަށް މަޑިއުޅޭ ރުއްތައް ދެނެގަތުމާއި ގަވާއިދުން މަޑިން ދޭ ގެއްލުން ދެނެގަތުމަށް ރުއްތައް ބަލައި ފާސްކުރުމާއި އަވަހަށް މި މަޑި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޭދޫގެ މަގެއް މަތިން މީހަކު ސައިކަލު ދުއްވާފައި އަންނަނީ--- ފޮޓޯ/ އައްޑޫ ލައިވް

އެހެންވެ، ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އައްޑުއަތޮޅުން ރުއް ބޭރުކުރުން މި ވަގުތަށް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މި މަޑި ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރުމަށް ވާން ޖެހޭ ތައްޔާރީތައްވަމުންދާ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެގޮތުން މަޑި އުޅޭ ރަށްރަށުގެ ރުއްތަކުގައި ސޫފި މަރާ އިންސެކްޓިސައިޑެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި، އިތުރު ދެމެހެއްޓެނިވި ފިޔަވަޅުތައް އެޅުމަށް ޕެރޮމޯން ޓްރެޕްސް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެއިތުރުން، މަޑީގެ ސަބަބުން ރުއްތަކަށް ދިމާވެދާނެ ނުރައްކާތެރިކަމަށް ބަލައި، މިމަޑި ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުން ހުއްޓުވުމަށް ސަމާލުވެގެން ތިބުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.

comment ކޮމެންޓް