އެމްއޭސީއެލް މުވައްޒަފުންނަށް ބޯނަސް ދޭން އޭޖީއެމްއިން ނިންމައިފި

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް: އެމްއޭސީއެލްގެ މުވައްޒަފުންނަށް މި އަހަރު ވެސް ބޯނަސް ދެނީ -- ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުތަކާ ބެހޭ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން މިއަދު ނިންމައިފިއެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވައި، މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން ނިންމައިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލު ދެއްވާފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެމްއޭސީއެލުން ވަނީ އެ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށް 25،000 ރުފިޔާގެ ބޯނަހެއް ދީފައެވެ. އެއީ ވޭތުވެދިޔަ ހަތަރު އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފައިވާ އަދަދެވެ.

ނަމަވެސް މި އަހަރު ބޯނަހުގެ ގޮތުގައި އެ ކުންފުނިން މުވައްޒަފުންނަށް ދޭ އަދަދެއް ޔަގީނެއް ނޫނެވެ.

އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި މިފަހަރު ބޯނަސް ދެނީ މުވައްޒަފުންގެ ޕާފޯމަންސަށް ބެލުމަށް ފަހެވެ.

އެމްއޭސީއެލުން މީގެކުރިން ބުނެފައިވާ ގޮތުގައި، އަހަރީ ބޯނަސް ދެނީ އަހަރުގެ ހަ މަސްދުވަހަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރި މުވައްޒަފުންނަށާއި، ހަ މަސްދުވަހު ވަޒީފާގައި އުޅުމަށް ފަހު، ކެނޑުނު މުވައްޒަފުންނަށް މަސައްކަތްކުރި ދުވަހުގެ މުއްދަތަށް ބަލައިފައެވެ.

ނަމަވެސް އަޚުލާގީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އެ ބޯނަސް ނުދޭނެ ކަމަށް ވެސް އެ ކުންފުނިން އޭރު ބުނެފައިވެއެވެ.

އެމްއޭސީއެލަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ. އަދިވެސް އެ ކުންފުނީގައި މުވައްޒަފުންނަށް މުސާރަ ދެނީ އެއްބައި ޑޮލަރުން، އަދި އެއްބައި ރުފިޔާއިންނެވެ.

comment ކޮމެންޓް