މައިން މަގަށް ލައްގަޅޭ އަކީ ދޫންޏެއްގެ އާދޭހެކެވެ. ކުޑަކުދިންގެ ވާހަކައެއްގައި އަންނަ ގޮތުގައި އަނިޔާ ލިބުނު ފިނދަނައެއް އަތިރިމަތީގައި އިނދެގެން މިހެން ކިޔުމުގެ ސަބަބުން ފިނދަނަ އިންދިމާއަށް ރަންފޮއްޓެއް ލެއްގިއެވެ. އަތިރިމަތީގައި އިނދެ އެ ދޫނި ކީ ކަމަށް ވަނީ "ރަންފޮއްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅޭ" އެވެ.


ރާއްޖޭގެ ސިޔާސީ މަސްރަހުން ހިނގާ އަމިއްލަ އެދުމުން ފުރިގެންވީ ކަންކަމަށް ބަލާއިރު މި ވާހަކަ ހަނދާންވެގެން އާދެއެވެ.


ބުނެވޭތީ އަޑު އިވެނީ ސިޔާސީ މީހުން ފައިސާ ޖަމާވާނޭ ގޮތްތައް ހޯދުމަށް އަވަދިނެތި އުޅޭ ވާހަކައެވެ. ހަމަ ކޮންމެ "އަގެއްގައި" ވެސް ތަކެތި ޖަމާކުރަން ފޫގަޅައިފައިވާ ވާހަކައެވެ. މަޖިލިސް މެންބަރުން ވިކޭ ކަމަށް ދައްކާ ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ދެއްވާ ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ހިއްޕަވާ ވާހަކައެވެ. މިވާހަކަތަކަކީ މުޅިން ތެދު ވާހަކަތަކެއް ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައެއް ނެތެވެ. ނަމަވެސް މިވާހަކަތައް މީހުންގެ ސިކުނޑިއަށް ވަންނަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. މީހުންގެ ހިތްތައް ތޮރުފަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުންގެ އުންމީދުތައް ފަނޑުވެ މާޔޫސްކަން އިތުރުވެ މުޖުތަމައު ހިމޭންވަމުން އެބަދެއެވެ.


މުޖުތަމައު ހިމޭންވުމުގެ މާނައަކީ އާ އުސްމިންތަކަށް ވާސިލްވެ އަނެއް ދިވެހިރާއްޖެ އަށް ދާން ކުރި މަސައްކަތުގެ އުންމީދު ދޫކޮށްލުމެވެ. އުންމީދު ކެނޑި މުޖުތަމައެއް ހިމޭންވުމުގެ މާނައަކީ ދައުލަތް ހިންގުމަށްޓައި، ގައުމުގެ ތަރައްގީއަށްޓަކައި ރޭވޭ ކަންތައްތަކުގައި ރައްޔިތުން ބައިވެރި ނުވުމެވެ. މީގެ ނަތީޖާއަކަށް ވާނީ ގައުމު އިދަޖެހުމެވެ. މަޝްރޫއުތައް ނާކާމިޔާބުވެ އިންވެސްޓަރުންގެ އިތުބާރު ކެނޑި އިގުތިސާދު ކުޑަކަކޫ މައްޗަށް ތިރިވުމެވެ.


ރައްޔިތުން މާޔޫސްވެ އިގުތިސާދު ދަށަށް ގޮސްފައިވާ ގައުމެއްގެ ރައީސްކަން ކުރަން ޝައުގުވެރިކަން ހުރި ސިޔާސީ ލީޑަރަކީ ކާކު ހެއްޔެވެ؟ އެފަދަ ގައުމެއް ހަމަ އިސްކޮޅަށް ނެގެހެއްޓޭނޭ ގާބިލްކަން ހުރި ލީޑަރަކީ ކާކުހެއްޔެވެ؟


ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ގިނަ ސިޔާސީ އިންގެ ރަނގަޅު ސުލޫކެއް ނެތެވެ. މި ދެންނެވީ ބަސްމަގު ހުތުރު ވާހަކައެއް ނޫނެވެ. އަމަލުތައް ރީތި ނޫން ވާހަކައެވެ.


ހަމަމަގުން ގައުމު ހިންގުމުގެ ނަމުގައި ގައުމަށް ދެވޭ އަނިޔާގެ ވާހައެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ގައުމަށް ދެވޭ އަނިޔާގެ ވާހަކައެވެ.


ފިނޭސް މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވަންވީ ހަނގުރާމަމަތީ އުޅަނދެއްގައެއް ނޫނެވެ. ޖީއެމްއާރު ކުންފުންޏަށް އެއަރޕޯޓް ކުއްޔަށް ދިނުން ހުއްޓުވަންވީ އެ ކުންފުންޏާ އެއަރޕޯޓް ހަވާލުކޮށް ނިމުނީމައެއް ނޫނެވެ. މި ބާވަތުގެ ކޮންމެ ކަމަކުން ނުކުންނާނޭ ނަތީޖާ ވަރަށް ސާފެވެ. ހުރިހާ ސިޔާސީންނަށް އެ ނަތީޖާ އެހާމެ ސާފެވެ.


ނަތީޖާއަކީ ކަންކަން ހުއްޓުމެވެ. ޚިދުމަތްތައް މެދުކެނޑުމެވެ. އިތުބާރު ގެއްލުމެވެ. ރައްޔިތުން މާޔޫސްވުމެވެ. މިކަންކަން އެނގޭ އިރުވެސް އަމަލުތައް މިހުންނަނީ މިގޮތަށެވެ. މިހެން ވާންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟


ސަބަބުތައް ވަރަށް ގިނަ އެވެ. ނަމަވެސް ގިނަ ސަބަބުތައް އުފެދިގެން އައިސްފައިވަނީ އެންމެ ކަމަކުން ކަމަށް ގަބޫލުކުރެވެ އެވެ. އެއީ އެއްވެސް ވަރަކަށް އިންތިޒާރު ކުރުމެއް ނެތި ވަރަށް އަވަހަށް ވަރަށް ގިނަ ކަންކަން ސިޔާސީ މީހުން ބޭނުންވުމެވެ. ކޮން ކަމެއް ހެއްޔެވެ؟


ތިމާގެ ޖާހު އުފުލި މަތިވެރިވުމެވެ. މުއްސަދިވެ މަހުޖަނަކަށްވުމެވެ. ތިމާގެ ބޮޑުކަން ހާމަކޮށް ދެއްކުމެވެ. ހައްގަކަށް ބާތިލަކަށް އީމާންވާންޖެހޭ ކަލެއްގެ މަތިވެރިކަމަށް ބެލުމެއް ނެތި އަތުޖެހުނު ކޮންމެ ގޮތަކުން ތިމާއަށް އެކަނި މޮޅުވާގޮތް ހޯދުމަށް އަވަސްވެގަތުމެވެ. ލިބިފައިވަނީ ކުޑަކުޑަ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގައި މުދާ އެއްކުރުމާއި އެހެނިހެން މަންފާ ލިބިގަތުމަށް އަވަސްވުމެވެ. ރާވައިގެން މަސައްކަތްކޮށްގެން ގައުމު މުއްސަދިކޮށްގެން ރައްޔިތުންނަށް ލުއިކޮށްދީގެން ތިމާގެ ކަންކަން ކުރުމުގެ ވިސްނުމާއި ކެތްތެރިކަމާއި ވަފާތެރިކަމާއި ދުރު ވިސްނުން ނެތުމެވެ.


ކޮންމެ މީހަކު އެމީހެއްގެ އެކަނި ފައިދާއާއިގެން ތެދުވެއްޖެ ނަމަ އެފައިދާގެ ނަތީޖާ ދެކޭނޭ ގައުމެއް ނުއޮންނާނެއެވެ. އެފައިދާ ހޯދައިދޭން މަސައްކަތްކުރާނޭ ރައްޔިތެއް ނުއޮންނާނެ އެވެ.


ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. އަދިވެސް އަސާސީ ޚިދުމަތް ފުރިހަމަ ނުވާ ވާހަކައެވެ. ކޮންމެ ވެސް ބޭފުޅަކަށް މާ ބޮޑު މަސައްކަތެއް ހަވާލުކުރި ވާހަކައެވެ. ގައުމު ވިއްކާ ވާހަކައެވެ. ސިޔާސީ ޕާޓީތަކާ ހުރެ ގައުމުގެ އަޚުލާގު ގެއްލުނު ވާހަކައެވެ. އިދިކޮޅު ލީޑަރުންނާ ހުރެ ގައުމުގެ ހިނގުން ހުއްޓުނު ވާހަކައެވެ. އެއްބަޔަކަށް ރިޒޯޓް ލިބޭވާހަކައެވެ. އަނެއް ބަޔަކަށް ބިންހިއްކަން ލިބޭވާހަކައެވެ. އަނެއް ބަޔަކަށް "ޓިކެޓް" ލިބޭވާހަކައެވެ.


ހަގީގަތެއް އޮތަސް ނެތަސް ރައްޔިތުންގެ ގިނަ ބަޔަކަށް މިވާހަކަތައް ގަބޫލު ކުރެވެނީ އެމީހުންގެ އަމިއްލަ ތަޖުރިބާއިންނެވެ. ސިޔާސީ މަސްރަހުގައި ތިބި ގިނަ މީހުންނަކީ އެކިއެކި އިންތިޚާބުތަކުގައި ރައްޔިތުންނަށް އެމީހުންގެ އެތެރެ ފެނިފައިވާ މީހުންނެވެ. އިންތިޚާބުތަކުގައި ދެއްކި ވާހަކަތަކާއި ރައްޔިތުންނާ މެދު އަމަލުކުރި ގޮތުގެ މައްޗަށް ބަލާއިރު މި އިވޭ ދޮގު ވާހަކަތަކާ އެއްގޮތް ކަންކަން ސިޔާސީ މީހުން ކޮށްފާނޭ ކަމަށް ރައްޔިތުންނަށް ވެސް ގަބޫލު ކުރެވެނީއެވެ.


އަދުގެ ހާލަތަކީ ޝައްކުކުރުމެވެ. އިތުބާރު ނެތުމެވެ. ތުހުމަތު ކުރުމެވެ. އެހެންކަމުން މިފަދަ ލީޑަރުންތަކެއް ގޮވައިގެން މަގުމަތީގައި ހިތްވަރު ކުރި މީހުންގެ ބުރަކަށިތައް ވާޅުވެއްޖެ އެވެ. އެ މީހުންގެ ޖޯޝް ފިނިވެއްޖެ އެވެ. ދެން ފެންނަނީ އެންމެ ގޮތެކެވެ. ދީލާލުމެވެ. އޮއި ފައްސިއަށެވެ. ވައި ފައްސިއަށެވެ. ބަކަރި ކޮއްޓެއްގައި އުޅެން ފަސޭހައީ ހަތަރު މޮއްގަނޑު ޖަހައިގެންނޭ ބުނެ އިންސާނިއްޔަތުކަން ދޫކޮށްލުމެވެ. ގައުމުގެ ލީޑަރުންގެ ނަމޫނާގައި ހިފައި ތިމާމެން ވެސް ތިމަތިމާމެންގެ ނަފުސާއިގެން އުޅެގަތުމެވެ. މަލިކައްޑޫ ދެމެދުގެ ކޮންމެ ދުލަކުން މައިން މަގަށް ލައްގަޅޭ ގޮވަގޮވާ ތިބުމެވެ.


ގައުމުގެ ހާލަތު މިހިސާބަށް ހިނގައްޖެ ނަމަ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރު ދެއްކި މީހުންގެ ބުއްދީގެ ތޫނުކަމާއި ސިޔާސީ ފިކުރުގެ މޮޅުކަމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ ރަން ތިރީސް އަހަރަށް ފަހު އާ އުސްމިންތަކަކަށް ގައުމު އުފުލާލަން އަޑު އުފުލި މީހުންގެ ތަޖުރިބާއާއި ދުރު ވިސްނުމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ މި މީހުންނަށް މާކްސް ދޭނީ ރައްޔިތުންނެވެ. މާކްސް ދޭނޭ ވަގުތަކީ ކުރިމަތީގައި އޮތް އިންތިޚާބުގައި ވޯޓު ދޭވަގުތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް

comment ތަކުރުފާނު

1 decade 4 year ago

ރަނގަޅުވާހަކައެއް. މާކްސްދޭނީ ރައްޔިތުން. މިފަހަރުވާނެ ރަނގަޅަށް މާކްސްދީ ނިންމަން. ނަސީބެއް ނު ކުރިން ހަނދާންކޮށްދިންކަން.

comment ލިޓްރޭޗަރ

1 decade 4 year ago

މި ލިޔުން ފަސްފަހަރު ކިޔައިފިން. ކޮންމެ ކިޔުމެއްގައި ބެލީ ވަކިކަމަކަށް. ފުރަތަމަ މި ޚިޔާލާއި ޚިޔާލު ތަރައްގީ ކޮށްފައިވާ ގޮތަށް. ދެވަނައަށް މީގެ އިޖުތިމާއީ ފިކުރަށް. ތިންވަނައަށް އަދަބިއްޔާތަށް. ހަތަރުވަނައަށް ލިޔުންތެރިކަމަށް. ފަސްވަނައަށް މި ލިޔުމުގެ ސްޓައިލަށް. ހުރިހައި ކަމެއްގެ ނަތީޖާއަކަށް ފެނުނީ ހަމަ އައްސަރިބަހާއި ސާބަސް. ސޯޝަލް ސައިންޓިސްޓެއްގެ ވިސްނުމުން ވިސްނައިގެން ނޫނީ މިވަރަށް ގުޅުވައިގެން މި ދިރުން ނުގެނެވޭނެ. ރާއްޖޭގައި މިފެންވަރުގެ ލިޔުންތައް ވަރަށް މަދު. ދެން އޮތް ވާހަކައަކީ މިއީ މަތީފެންވަރުގެ އަދަބީ ހުރަތައް ބޭނުންކޮށް ލިޔެފައިވާ ޚިޔާލު ފާޅުކުރާ ލިޔުމެކޭ. މި ލިޔުން މާނަކުރާނީ މިގޮތަށޭ. މިއީ ދިރާސާ ރިޕޯޓެއް ނޫން. މިއީ ރެކަމެންޑޭޝަނެއް ވެސް ނޫން. އެފަދަ ލިޔުންތައް ލިޔާނީ މި ސްޓައިލަކުން ވެސް ނޫން. އެހެންކަމުން އެންމެން އެދޭ ހުރިހާ ގޮތަެއް އެއް ލިޔުމަކުން ގެނެސް ދޭން ނޫޅޭނެ ތަޖުރިބާ ހުރި ލިޔުނތެރިއެއް. ކިޔުންތެރިން މިކަން ގަބޫލު ކުރާނެ ކަމަށް ދެކެން.

comment ސަރަކަ

1 decade 4 year ago

މާކަނާ ކަލޯތާ މަގައިގާ ޖެހީތާ ޖަހާފައި ފިލީތާ ފިލާ އިނދެ ރޮނީތާ، މިކަހަލަ ކިތަންމެ ބޯދާ ވާހަކައަކާ ގުޅުވާލެވޭ ކަންކަން އެބަހުރި. ލިޔުމުގައި މައްސަލައެއްނެތް. ވިސްނުމުގައި ބަދަލުވަމުންދާ ކަންކަން ވެސް އެބަހުރި. ތަޢުރީފު ކުރުމަކީ ވެސް އޮތް ކަމެއް. ޙައްދުފަހަނަޅާ ދިއުމަކީ ވެސް ބައެއްމީހުނަށް ހަމ ކަމުދާ ގޮތެއް.\nރާއްޖޭގައި ސިޔާސީ މީހަކު އުފެއްދުމުގައި ވަކި އަތަކަށް ބުރަވުން އެއީ ޘަޤާފަތެއް. އެހެންވީމާ ފުރިހަމަ ސިޔާސީ މީހުން ބިނާ ނުކުރެވެނީ ކަމަށް ބެލެވޭ. \nލިތުމުގައިވަނީ މުޅީންވެސް ވާހަކަ ވާހަކަ. މީހުން ކިނީ އެޔޭ މީހުން ކިޔަނީ މިޔޭ. ނަމަވެސް މީހުން ބޭނުންވަނީ މިޔޭ މީހުން ބޭނުންވަނީ އެޔޭ ބުނެ ނުލެވުނީމަ އަސްލު މަޤްޞަދު އޮންނަނީ ގެއްލިފައި. ހަމަ އެކަނި ސުވާލު އުފެއްދުމަކުން ނުފުދޭ. ހުށަހެޅުންތަކެއްވެސް އޮވެގެން މަޤްޞަދަށް ވާޞިލް ވެވޭނީ.

comment އ. ޝުޖާޢު

1 decade 4 year ago

ޢާމިރޫ. މިލިޔުން ވަރަށް ނަލަ. އަހަރެން ވެސް މިއިންނަނީ ދިޔަވަރު ބޮޑުވާނެ ވަގުތަކަށް ބަލަބަލާ. \"މަ އިން މަގަށް ލައްގަޅޭ. މިފަދަ އެހެން ލިޔުމެއް ލައްގަޅޭ\"...\nސާބަސް

comment ނ އަތޮޅުން

1 decade 4 year ago

މިއީ ދިވެހި ސިޔާސީ ދަނޑަށް ކިޔާފައިވާ ވަރަށް ބިނާކުރަނިވި ފާޑެއް. މިލިޔުން ކިޔާލުމުން އަދުގެ ހާލަތާމެދު ހިތް ނުތަނަވަސްވިއަސް ދިވެހި ބަހުގެ ފުރިހަމަކަމާމެދު ހިތްއުފާވޭ.

comment ައޭ ޒެޑް

1 decade 4 year ago

ޒަމާން ގަޑަކަށްފަހު ރަގަޅު ލިޔުމެައް ކިޔާލުމުގެ ފުރުސަތު ލިބިއްޖެ. އާމިރު، މަރުހަބާ!

comment އިބްރާހީމް އަހުމަދު

1 decade 4 year ago

މިލިޔުމުގައި ނަންނުޖަހާ ކޮމެންޓް ލިޔެފައިވާ މީހާ މިލިޔުން ނުކިޔާކަން ކަށަވަރު. ކިޔާފައި ވީނަމަ އާމިރު ލިޔެފައިވާ ވާހަކަތައް ދޭހައެއްނުވޭ އޭނާއަކަށް. މިލިޔުމުގައި ލިޔެފައިއެވަނީ ލިޔުމާ ނުގުޅޭ ކޮމެންޓެއް. ވެރިކަން ބަދަލުވުމުގެ ރުޅިބާލާނެ ކަމެއް ނެތް

comment

1 decade 4 year ago

އާމިރު މިހާރު ފާޑުފާޑުގެ ވާހަކަ ލިއުނަކަސް ކަމަކުނުދާނެ ތީ ވެސް ތިރީސް އަހަރުގެ ގޮތް ގޯސްވެގެން މޮޅުގޮތް ހޯދަން އުޅުނުމީހެއް މިހާރު ކޮންވާހަކައެއްތޯ ތިދައްކަނީ؟ މިސަރުކާރުއައިސް ތިމާއަށް މާމޮޅުގޮތްތަކެއް ހަދާދޭނެ ކަމަށް އުޅުނުމީހެއްތީ މިހާރު އެއްޗެއް ވިސްނިއްޖެ ދޯ. މިހަޤީޤަތް އެނގޭތީ މިހެންމިބުނީ

reply ޢަބްދުﷲ ރަޝީދު

1 decade 4 year ago

މި ލިޔުމަކީ ރާއްޖޭގައި ކަންކަން މި ހިނގާ ގޮތާ ގުޅޭ ލިޔުމެއް. ރާއްޖޭގައި މަދުން ނޫނީ ނުފެންނަ ފަދަ ލިޔުމެއް. މީހަގީގަތް. މިހެން މިވީ ވެސް ހަމަ ތިރީސް އަހަރުގެ ވެރިކަން ކުރިގޮތުގެ ސަބަބުން. ދެން މިއަކު ނެތެއް ނުންތޯ މިހާރުގެ ސަރުކާރަށް ނިސްބަތްކޮށް ބުނެފައިވާ ދެރަ ބަހެއް. އެހެންވީމާ ހަމަ އޯކޭ.

comment މީރާ

1 decade 4 year ago

މިހާރު މާލޭގައި އުޅޭ މީހުންނަށް ގޯތި ވެސް ލައްގާނެ. ފުލެޓްވެސް ލައްގާނެ. ވަޒީފާވެސް. އެހެންވީމާ މަވެސް ތި ލަވަ ކިޔަން ވެއްޖެ. މައިން މަގަށްލައްގަޅޭ. މިއީ މި އިންތިހާބުގެ ކަންކަން މާކުރިން އެނގިގެން ލިޔެފައިވާ ލިޔުމަކާ ވައްތަރު. އެކަމަކު ވެސް ވަރަށް ވެސް އޮބި.

comment އަލީ އިބްރާހީމް

1 decade 4 year ago

ތިމީސްމީހުންނަށް އަހުންދޭނީ ސަތޭކައަކުން ސުމެއް. ބޮޑު ސުމެއް.

comment ހިޔަނި

1 decade 4 year ago

ވަރަށް ފުރިހަމަ ލިޔުމެއް ޝުކުރިއްޔާ އާމިރު

comment ޙަބީބާ

1 decade 4 year ago

މިލިޔުމަކީ ވަރަށް ފުރިހަމަ ލިޔުމެއް. ދިވެހިރާއްޖޭގެ ޒަމާންވީ ބޯދާ ކަންކަމާއި ރާއްޖޭގެ މީހުންގެ ވިސްނުން ހުންނަ ގޮތް އެނގިގެން މިކަހަލަ ލިޔުންތައް ލިޔެވޭނީ. މިއީ ހަގީގީ އަދަބު. ލިޔުންތެރިކަން އުފެދިގެން އަންނާނީ މިފަދަ ގޮތަކުން. އަޅުގަނޑު ވަރަށް ހިތްވަރު ދެން އާމިރަށް. ފަހަކަށް އައިސް އާމިރުގެ ލިޔުންތަކުން ވަރަށް ބޮޑު ތަފާތެއް ފެނޭ. އެކަން ވަޒަންކުރަން. މި މަގުން ދާނޭ އިތުރު ބަޔަކު އުފެއްދުން ސަން.އެފް.އެމް އަށް ދެން އެންމެ ރަނގަޅުގޮތަކީ. ޝުކުރިއްޔާ

comment އިންކް

1 decade 4 year ago

ފަރެސް އާމިރު އިޒް ދަ ބެސްޓް. ވަރަށް ރީތި ލިޔުމެއް.

comment ދޮން ތުއްތު

1 decade 4 year ago

ޚަބަރު ބަލާ ގެ ޚިޔާލަށް ތާއީދު ކުރަން. މިއިން އިބްރަތެއް ނުލިބޭނަމަ ދެން ކޮބާ ބޭނުމެއް ދޮ؟ މިބާވަތުގެ ކަންކަމާ ގުޅުވައިގެން ވިސްނާލީމާ ރާއްޖޭގައި ކަންހިނގާގޮތް ފެންނާނީ ސާފުކޮށް.

comment ޚަބަރު ބަލާ

1 decade 4 year ago

މީގައި ދައްކާފައި ހުރިވާހަކަ ތަކުން ޢިބުރަތް ޙާޞިލްކުރުމުގެ ބަދަލުގައި ސާބަސް ދީނުމަށްފަހު ހަނދާނުން ފުހެލުމުން ބޭނުމެއް ނެތެވެ. މީގައި މިވާ ވާހަކަތައް އެއީ ޙަޤީޤަތް ކަމަށް ދެކޭނަމަ އެއަށް ޢަމަލުކުރުމާއެކު އެހެންމީހުންނަށްވެސް އެކަންކުރުމަށް ހިތްވަރުދީ އެގޮތަށް އުޅުމަށް ނަޞޭޙަތްތެރިވުން މުހިއްމެވެ. އުއްމީދަކީ ޢަމަލުކުރުމެވެ.

comment ޝަރީފާ މަނިކެ

1 decade 4 year ago

މިވާހަކަ ދޯ މަޖިލިސްގައި މީހަކު ދެއްކީ. މަ ހީކުރީ އޭނާގެ އަމިއްލަ ވިސްނުމެއް ކަމަށް. ހާދަހާ ... ދޯ؟ އާމިރު ޔޫ އާ ދަ ގަދަ. ވަރަށް ވެސް އޮބި.

comment ނަސީމާ

1 decade 4 year ago

ވަރަށް ފުރިހަމަ ލިޔުމެއް. ގައުމަށްޓަކައި މިފަދަ ކަންކަން ރައްޔިތުންނަށް ވިސްނުވައިދޭނޭ މީހުން ގިނައިން ތިބިނަމަ މިގައުމު ސަލާމަތް ވެދާނެ. ވަރަށް ގުޅޭ މިހާރު މި ހިނގާ ކަންކަމާ ވެސް. މި މިސާލު ވެސް ރާއްޖެއާ ވަރަށް ގުޅޭ. ސާބަސް

comment ހުސައިން ހަބީބު

1 decade 4 year ago

އާމިރު ޔޫ އާރ ދަ ބެސްޓު ވަރަށް ސަޅި ލިޔުމެއް އޮބިނޯވޭ

comment ޝާއިނާ

1 decade 4 year ago

ސަޅި! އަސްލު މިކަހަލަ ދިވެހި ވަންތަ ކަންކަމާ ގުޅުވާލީމާ ސަޅީ. ވަރަށް ގުޅޭ ލިޔުމެއް. އަދި ވަރަށް ބޮޑު ތެދެއް. އިންތިހާބުގާ ލައްގަޅޭ ކިޔަން ޝައީ ވެސް މި ތައްޔާރުވަނީ.