ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ކްރިކެޓް ލީގުގައި، މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، 16 އަހަރުން ދަށުގެ އުމުރުފުރަ އިން ވެސް ތާޖުއްދީން ސްކޫލް ފައިނަލަށް ދަތުރު ކޮށްފި އެވެ.
އެ މުބާރާތުގައި ކުރިއަށް ގެންދާ 12 އަހަރާއި 14 އަހަރުން ދަށުގެ އުމުރުފުރާގައި ވެސް، ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ މެޗުތައް ކާމިޔާބު ކުރި ޓީމެއްގެ ގޮތުގައި ފައިނަލަށް ދަތުރުކޮށްފައި ވަނީ ތައްޖުއްދީނެވެ. އެ ދެ އުމުރުފުރާގައި ފައިނަލަށް ދަތުރުކޮށްފައިވާ ދެވަނަ ސްކޫލަކީ މުހިއްދީން ސްކޫލެވެ.
އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި، އިއްޔެ މަޖީދިއްޔާ ސްކޫލާ ވާދަކޮށް ތާޖުއްދީން އެ ސްކޫލްގެ ފުރަތަމަ ކާމިޔާބީ ހޯދާފައި ވަނީ ހަތް ވިކެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. މެޗު ޓޮސް ދިމާވި މަޖީދިއްޔާ ކުޅެން ނިންމި އިރު، 16 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 113 އެވެ. ޖަވާބުގައި ކުޅެން އަރާ ތާޖުއްދީން ވަނީ 13 އޯވަރުގެ ތެރޭ 116 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އެ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި މިއަދު އިމާދުއްދީން ސްކޫލާ ދެކޮޅަށް ކުޅުނު މެޗު ތާޖުއްދީން ކާމިޔާބު ކޮށްފައި ވަނީ 83 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވި އިމާދުއްދީން ހޮވަން ނިންމި އިރު، ތާޖުއްދީން ވަނީ ކުޅެން އަރާ 19.2 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން 145 ލަނޑު ހަދާފަ އެވެ. ޖަވާބުގައި ކުޅެން އަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން އިމާދުއްދީނަށް ހެދިފައި ވަނީ 62 ލަނޑެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާ އިން ތާޖުއްދީން މިހާރު ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ފައިނަލްގެ ޖާގައަކަށް ދެން އެންމެ ގަތުން ވާދަކުރާ ދެ ސްކޫލަކީ، މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައިވާ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން އިއްޔެ އިމާދުއްދީން ސްކޫލާ ވާދަކުރި މެޗު ޖަމާލުއްދީން ސްކޫލް ކާމިޔާބު ކޮށްފައި ވަނީ 35 ލަނޑުންނެވެ. މެޗުގައި ޖަމާލުއްދީން ވަނީ 16 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން 129 ލަނޑު ހަދާފަ އެވެ. ޖަވާބުގައި ކުޅެން އަރާ 20 އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން އިމާދުއްދީނަށް ހެދިފައި ވަނީ އެންމެ 94 ލަނޑެވެ.
އިއްޔެ ކުޅުނު 16 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުގައި ތާޖުއްދީން އަތުން މަޖީދިއްޔާ ބަލިވެފައިވާ ނަމަވެސް، އެ ސްކޫލް ވަނީ 20 ވަނަ ދުވަހު ކުޅުނު ފުރަތަމަ މެޗުގައި ޖަމާލުއްދީނާ ވާދަކޮށް ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި ހަތަރު ސްކޫލެއް ވާދަކުރާ އިރު، މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ އިމާދުއްދީން ސްކޫލަށް ވަނީ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ.