ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގައި ފޮޓޯ ޖެހުމުން "އަފްޣާން އަންހެންކުއްޖާ"ގެ ނަމުގައި މުޅި ދުނިޔެއަށް މަޝްހޫރުވި ޝަރުބަތު ގުލާ ޕާކިސްތާނުން ޑިޕޯޓްކޮށްލަން ނިންމައިފި އެވެ.
ލޮލުގެ ކަޅީގައި ފެހި ކުލަ ހުންނަ، ގުލާ ޑީޕޯޓުކޮށްލަނީ އޭނާގެ ގައުމު ކަމުގައިވާ އަފްޣާނިސްތާނަށެވެ. އޭނާ ހައްޔަރު ކުރީ ވަގު އައިޑީ ކާޑުތަކަކާ އެކު ޕާކިސްތާނުގައި ދިރިއުޅެމުންދިޔަ މައްސަލައެއްގައި މިދިޔަ މަހު 23ގައެވެ. އޭނާ ހައްޔަރު ކުރި އިރު އޭނާ ދިރިއުޅެމުން ދިޔައީ ޕިޝާވަރުގައެވެ.
އުމުރުން 44 އަހަރުގެ ގުލާގެ މައްޗަށް ޕާކިސްތާނުން އިއްވާފައިވަނީ 15 ދުވަހުގެ ޖަލު ހުކުމަކަށްފަހު ޑީޕޯޓުކޮށްލުމުގެ ހުކުމެކެވެ. އެހުކުމުގެ 11 ދުވަސް މިހާރު ފާއިތުވެފައިވާއިރު އެނބުރި ގައުމަށް ދެވޭތީ ގުލާ ހުރީ ވަރަށް އުފަލުންނެވެ.

"އަފްޣާނިސްތާން ނޫން އިތުރު ތަނަކަށް ދާން ބޭނުމެއް ނޫން. 2003 ވަނަ އަހަރުއްސުރެ ގައުމުގައި ދިރިއުޅޭނެ ފުރުސަތެއް ނުލިބޭ،" ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ގުލާ ބުނެފައިވެއެވެ.
ނޭޝަނަލް ޖިއޮގްރަފިކް ގެ ފޮޓޯ ގްރަފަރު، ސްޓީވް މެކްކަރީ ގުލާގެ ފޮޓޯ ނަގާފައިވަނީ ޕިޝާވަރު ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައި ހުއްޓާ 1984 ވަނަ އަހަރުއެވެ. އޭރު ގުލާގެ އުމުރަކީ 12 އަހަރެވެ. ލޮލުގެ ކަޅީގައި ހުރި ފެހި ކުލައިގެ ސަބަބުން، އެ މަޖައްލާގެ ބޭރު ގަނޑުގައި އޭނާގެ ފޮޓޯ ޖެހުމުން ގުލާ މުޅި ދުނިޔެއަށްވެސް މަޝްހޫރުވެގެން ދިޔައެވެ.
ގުލާގެ ފޮޓޯ ޖަހާފައި ވަނީ 1985 ވަނަ އަހަރުގެ ޖޫން މަހު ނެރުނު ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގައެވެ.
 
											
										 
					 
                 
                                                            