އަމީން ފައިސަލްގެ މައްޗަށް ހުށަހެޅި ޓެރަރިޒަމް ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަމީން ފައިސަލް --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް، ހަފްތާއެއް ވަންދެން ކ. އާރަށުގައި ބެހެއްޓި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާގެ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކުރީ އަމީން ފައިސަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް މެޑިކަލް ހުށަހަޅާފައިވާތީ ކަމަށެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ސިފައިން ހައްޔަރުކޮށް ކ. އާރަށަށް ގެންގޮސްފައި ވަނީ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

ސިފައިން އޭރު ޔާމީން ހައްޔަރުކޮށް އާރަށަށް ގެންދިޔައީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ފަހު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލިފަހުންނެވެ.

އެ މައްސަލާގައި އަމީން ފައިސަލް ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށެވެ.

comment ކޮމެންޓް