މަޝްހޫރު ޓްރެވަލް ވެބްސައިޓު، ޓްރިޕްއެޑްވައިޒާ އިން ހޮވާ ދުނިޔޭގެ އެންމެ ރަނގަޅު ޓޫރިސްޓް ހޮޓާ އަދި ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ އެވެ.
ޓްރިޕް އެޑްވައިޒާ އިން އަހަރަކު އެއްފަހަރު އާންމުކުރާ ލިސްޓު އިއްޔެ އާންމުކޮށްފައިވާ އިރު، ހުރިހާ ގޮތަކުން ބަލާ އިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ދެ ރިސޯޓެއް ހިމެނެ އެވެ. އެއީ ޖޭއޭ މަނަފަރާއި ކަނދޮޅު މޯލްޑިވްސް އެވެ.
އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން ދުނިޔޭގެ ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ރިސޯޓްތައް ވެސް ވަނީ ހިމެނިފަ އެވެ. އެގޮތުން ބަރޮސް މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް ރިސޯޓް ހިމެނިފައިވެ އެވެ.
އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އޭޝިއާ ސަރަހައްދުން އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ކަނދޮޅު މޯލްޑިވްސް، ސިކްސް ސެންސަސް ލާމު، ބަރޮސް މޯލްޑިވްސް، ގިލި ލަންކަންފުށި އަދި ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު ހިމެނިފައިވެ އެވެ.
ރާއްޖެ އަށް އެކަނި ބަލާ އިރު އެންމެ ރަނގަޅު ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ ޖޭއޭ މަނަފަރާއި ކަނދޮޅު މޯލްޑިވްސް އާއި ސިކްސް ސެންސަސް ލާމު އާއި މިރިހި އައިލެންޑް ރިސޯޓާއި ގިލި ލަންކަންފުއްޓާއި ސޮނޭވާ ފުއްޓާއި ވެލާ ޕްރައިވެޓް އައިލެންޑް އާއި ބަރޮސް މޯލްޑިވްސް އާއި ކޮންސްޓެންސް މޫފުށިގެ އިތުރުން ކޯމޯ ކޮކޯ އައިލެންޑް އެވެ.
އެންމެ ރޮމޭންޓިކް ރާއްޖޭގެ ރިސޯޓްތަކުގެ ތެރޭގައި ބަރޮސް މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އާއި ކޮމަންޑޫ މޯލްޑިވްސް އާއި ކޮންސްޓެންސް މޫފުއްޓާއި ގިލި ލަންކަންފުއްޓާއި މިރިހި އައިލެންޑް ރިސޯޓާއި ސިކްސް ސެންސަސް ލާމުގެ އިތުރުން ވެލިގަނޑު އައިލެންޑް ރިސޯޓާއި ކޮންސްޓެންސް ހަލަވެއްޔާއި އަނަންތަރާ ވެލި ހިމެނެ އެވެ.
އޭގެ އިތުރުން އެންމެ ހިދުމަތް ރަނގަޅު ރާއްޖޭގެ ރިސޯޓްތަކަކީ، ކަނދޮޅު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި މިރިހި އައިލެންޑް ރިސޯޓާއި ޖޭއޭ މަނަފަރާއި ފޯ ސީޒަންސް ރިސޯޓް އެޓް ލަނޑާ ގިރާވަރު އާއި ސިކްސް ސެންސަސް ލާމުގެ އިތުރުން ގިލި ލަންކަންފުއްޓާއި ސޮނޭވާ ފުއްޓާއި ކޮންސްޓެންސް މޫފުށީގެ އިތުރުން ލަކްސް ސައުތު އަރި އެޓޯލް ހިމެނެ އެވެ.
ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގައި ހިމަނަނީ އެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހަދާ ފަރާތްތަކާއި ލިބޭ ރިވިއުތަކަށް ބެލުމަށް ފަހު، އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކަމުދާ ތަންތަނެވެ.