ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ސެލްޓާ ވީގޯ އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެ، ޑެޕޯޓިވޯ އަލަވޭސް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ މި ސީޒަނުގެ ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި އަލަވޭސްގެ، 96 އަހަރުގެ ތާރީޚުގައި އެޓީމު ކޮޕާ ޑެލް ރޭގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފެބްރުއަރީ ދެވަނަ ދުވަހު މި ދެޓީމު ވާދަކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މި ދެޓީމު ކުޅުނު ސެމީ ފައިނަލްގެ ދެ ލެގުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި އަލަވޭސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ވިންގާ އެޑްގާ މެންޑޭޒެވެ.

ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލަވޭސްގެ ވިންގާ އެޑްގާ މެންޑޭޒް -- ފޮޓޯ: ސްކައި ސްޕޯޓްސް
ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ލާގޯ އަސްޕާސްއަށް، ސެލްޓާއަށް ލަނޑެއް ޖަހައިދިނުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭގެ ހުރަހަކަށްވީ އަލަވޭސްގެ ގޯލްކީޕަރު ފެނާންޑޯ ޕަޗޭކޯ އެވެ.
މި އަހަރުގެ މޭ މަހުގެ ތެރޭގައި ކުޅުމަށް ހަމަޖެހިފައިވާ، ކޮޕާ ޑެލް ރޭގެ ފައިނަލްގައި އަލަވޭސް ބައްދަލުކުރާނީ، އެތުލެޓީކޯ މެޑްރިޑް ސެމީން ކަޓުވާލުމަށް ފަހު ފައިނަލުން ޖާގަ ހޯދި ބާސެލޯނާއާ ދެކޮޅަށެވެ.
އަލަވޭސް ވަނީ، މި ސީޒަންގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި 2-1ގެ ނަތީޖާއަކުން އެޓީމު ބަލިކޮށްފަ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު، އަލަވޭސްގެ އަމިއްލަ ދަނޑުގައި ކުޅޭ ލަ ލީގާ މެޗުގައި މި ދެޓީމު ވާދަކުރާނެ އެވެ.
އަލަވޭސް މީގެ ކުރީން، ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅެފައި ވަނީ، 2001 ވަނަ އަހަރުގެ ޔުއެފާ ކަޕްގެ ފައިނަލްގަ އެވެ. އެފަހަރު ލިވަޕޫލާ ވާދަކޮށް އަލަވޭސް ބަލިވީ 4-5 ލަނޑުގެ ނަތީޖާއަކުންނެވެ.
"މިރޭ އަހަރެމެންނަށް އޮތީ އުފާފާޅުކުރުން. އަދި މޭ މަހު އަހަރެމެން މިއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދާން މަސައްކަތްކުރާނަން. މިހާރު ވެސް އަހަރެމެން މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައި،" އަލަވޭސްގެ ކެޕްޓަން މާނޫ ގާސިއާ ބުންޏެވެ.