ރާއްޖެއަކީ ނުވަތަ ދިވެހި މުޖުތަމައުއަކީ ރިބާ އިން ސަލާމަތްވެފައިވާ މުޖުތަމައުއަކަށް ހަދަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ފިނޭންސް ކުރިއަރުވަން ކުރި މަސައްކަތްތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން "ލިކިއުޑިޓީ މެނޭޖްމަންޓް އިން އިސްލާމިކް ބޭންކިންގް" މި މައުޟޫގެ މައްޗަށް މިއަދު ފެށި ވޯކްޝޮޕް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ފައިނޭންސް އުސޫލަކީ އިސްލާމީ ފައިނޭންސް ކަމަށާއި އިސްލާމީ ގައުމުތަކުގެ އިތުރުން އެހެނިހެން ގައުމުތަކުން ވެސް އިސްލާމީ ފައިނޭންސް އުސޫލުތައް ކުރިއަރުވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އަޒްލީން ވިދާޅުވީ، އެ ނިޒާމަށް ބޮޑު ތަރުހީބެއް ލިބެނީ ވިޔަފާރިން ނުވަތަ އިންވެސްޓްމަންޓްތަކުން ލިބޭ ގެއްލުން އަމިއްލަ ބޮލުގައި އަޅަން ނުޖެހޭ ހަމައެކަނި މާލީ ނިޒާމަކީ ވެސް އިސްލާމީ ފައިނޭންސް ކަމަށް ވާތީ ކަމަށެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސްގައި އެންމެ ހަލުވިކޮށް ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު އަޒްލީން ވިދާޅުވީ، އިސްލާމިކް ފައިނޭންސަށް ހާއްސަކޮށް ޕޮލިސީ ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށެވެ.
އެގޮތުން، ރާއްޖެއަކީ ރިބާ އިން ސަލާމަތްވެފައިވާ ގައުމަކަށް ހަދައި، ރިބާއާ ނުލާ ފައިނޭންސް ސިސްޓަމް ބައްޓަން ކުރުމަކީ މުހިއްމު ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނެ ނިޒާމެއް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވެފައެއް ނުވެއެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ގޮތަށް މިއަދު ފެށި ވޯކްޝޮޕް ވިލަރެސް ކޮށްފައިވަނީ ޖިއްދާގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ޓްރެއިނިން އާމް ކަމުގައިވާ އިސްލާމިކް ރިސާޗް އެންޑް ޓްރެއިނިންގް އިންސްޓިޓިއުޓް (އިރްތީ) އާއި މޯލްޑިވްސް ސެންޓަރު ފޯ އިސްލާމިކް ފައިނޭންސްގެ ޓްރެއިނިން އިންސްޓިޓިއުޓް ކަމުގައިވާ ސައުތު އޭޝިޔަން އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަން އާ ގުޅިގެންނެވެ.
ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ސްޓޮކް ހޯލްޑަރުން ބައިވެރިވާ ވޯކްޝޮޕްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ އިރްތީގެ ދެ ބޭފުޅެއްގެ އިތުރުން ރާއްޖޭގެ އިސްލާމިކް ފައިނޭންސްއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޑރ. އާއިޝަތު މުނީޒާއެވެ.