ޑޮނަރޫމާ މިލާނާއެކު އެއްބަސްވުން އާކޮށްފި

އޭސީ މިލާންގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ-- ފޮޓޯ: ގެޓީ

އޭސީ މިލާންގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްފިއެވެ.

އުމުރުން 18 އަހަރުގެ ހުނަރުވެރި ގޯލްކީޕަރު ހޯދުމަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި، ބާސެލޯނާ، އަދި ޕީއެސްޖީ ފަދަ ބޮޑެތި ކްލަބުތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެ ހުރިހާ ފަރާތްތަކަށް ނޫނެކޭ ބުނުމަށްފަހު، ޑޮނަރޫމާ ވަނީ، 2021 ވަނަ އަހަރާ ހަމައަށް ސެން ސީރޯ ކްލަބުގައި މަޑުކުރުމަށް ނިންމައިފައެވެ.

ޑޮނަރޫމާގެ އޭޖެންޓް މިނޯ ރައޯލާ މީގެ ކުރީން ވަނީ އޭނާގެ ކޮންޓްރެކްޓް 2018އަށްވުރެ އިތުރުވާގޮތަށް ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

އެހެން ނަމަވެސް ފަހުން އޭނާގެ ވިސްނުން ބަދަލުކޮށްފައި ވަނީ، ޑޮނަރޫމާއަށް ދޭ ފީގެ އިތުރުން އެ އެއްބަސްވުމުގެ މުއްދަތުގައި ރައޯލައަށް ވެސް ގާތްގަނޑަކަށް އަހަރަކު 6 މިލިއަން ޔޫރޯގެ ފީއެއް ދިނުމަށް އޭސީ މިލާނުން ހުށަހެޅުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑޮނަރޫމާ އެ ކްލަބުގައި މަޑުކުރާން ނިންމުމުން، އޭސީ މިލާންގެ ކޯޗު ވިންޗެންޒޯ މޮންޓެލާ 2017/18 ސީޒަނަަށް އެ ކްލަބު ވަރުގަދަކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ވަރުގަދަކަމެއް ލިބުނީއެވެ.

މިލާނުން ވަނީ، ކްލަބު ވަރުގަދަކުރުމުގެ ގޮތުން ހަކާން ކަލަނޮގްލޫ، ފްރެންކް ކެސީ، ރިކާޑޯ ރޮޑްރިގޭޒް، މަޓިއޯ މުސަޗިއޯ، އެންޑްރޭ ސިލްވާ، އަދި ފަބިއޯ ބޮރިނީ ފަދަ ކުޅުންތެރީން ކްލަބަށް ގެންސްފައެވެ.

comment ކޮމެންޓް