ސްރީލަންކަން އެއާލައިންސްއިން ރާއްޖެއަށް ބާއްވާ ފްލައިޓުތަކަށް ނަގާ ފިއުލް ސާޗާޖު ފީ ބޮޑުކުރަން ނިންމައިފިއެވެ.
ސްރީލަންކަން އެއާލައިންސްއިން ބުނި ގޮތުގައި، ޖެނުއަރީ 15 އަށް ފަހު ސްރީލަންކަން އެއާލައިންސްއިން ދަތުރުކުރުމަށް ނަގާ ޓިކެޓުތަކަށް ފިއުލް ސާޗާޖު ބޮޑުވާނެއެވެ.
ފިއުލް ސާޗާޖު ބޮޑުކުރަނީ ކޮޅަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެވެ. އެއީ ދެކޮޅަށް ދަތުރުކުރާ ޓިކެޓެއް ނަމަ އަށް ޑޮލަރުގެ ރޭޓުންނެވެ.
ސްރީލަންކަންއިން ވަނީ، އެ އެއާލައިނުން ދަތުރުކުރަން ޓިކެޓު ބުކް ކޮށްގެން ތިބި ފަސިންޖަރުންގެ ޓިކެޓުގެ އަގު ޖެނުއަރީ 15 ގައި ބޮޑުވާނެތީ، އެދުވަހުގެ ކުރިން ޓިކެޓު ގަތުމަށް އިލްތިމާސްކޮށްފައެވެ.
ސްރީލަންކަންއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފްލައިޓު ބާއްވާ ބައިނަލްއަގުވާމީ އެއާލައިނެވެ. ސްރީލަންކަންއިން އެގައުމުގެ ކޮލޮމްބޯއިން މާލެއަށް ސީދާ ދަތުރުތައް ކުރާ އިރު، ކޮލޮމްބޯއާ އައްޑޫ ސިޓީގެ ގަމަށްވެސް ސީދާ ދަތުރުތައް ކުރެއެވެ.