ކޮންމެ ދަރިވަރަކު އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް ގައުމާއި ގައުމިއްޔަތު އިސްކުރަން ދަރިވަރުންނަށް މުދައްރިސުން ވިސްނައިދޭންޖެހޭ ކަމަށް އޭޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ހާއްސަ އެހީއަށް ބޭނުންވާ ޓީޗަރުން ތަމްރީންކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަނުން (އެންއައިއީ) ހިންގި ކޯސްތަކުން ދަސްވެނިމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ މުސްތަގުބަލު އުޖާލާކުރުމުގެ ފުރުސަތު ލިބިދޭންޖެހޭ ކަމަށެވެ.
އަދި އެ ދަރިވަރަންނަކީ ހެޔޮނުބައި ވަކިވާން އެނގޭ ދަރިވަރަރުންނަށް ވެސް ވާންޖެހޭކަމަށާއި، އެދަރިވަރުންނަށް އެންމެ ރަނގަޅު ފައިދާ ހުުރި ގޮތަކީ ކޮބައިކަން ޓިޗަރުން ބުނެދޭންޖެހޭ ކަމަށް ޑރ. އައިޝަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދަރިވަރުން އަޅާ ކޮންމެ ފިޔަވަޅެއް އަޅާއިރު ގައުމާއި ގައުމިއްޔަތަށް އިސްކަންދީގެންކަން ވިސްނައިދިނުމަކީ މުދައްރިސުންގެ ބޮލުގައި އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ޓިޗަރުން ތަމްރީންކުރުމަށް ހިންގި ކޯސްތަކުން ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މުހައްމަދު އަފުރާހު
"އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް މިޤައުމު ގެނެސްދެއްވާފައިވާ ގޮތަށް ޤައުމަށް އިތުރު ފުރިހަމަކަން ގެނެސްދީ، އަންނަން އޮތް ޖިލުތަކާއި ހަމައަށް ޤައުމު ފޯރުކޮށް ދިނުމުގެ ވަރަށް ބޮޑު ދައުރެއް މިއަދުގެ މުދައްރިސުންނަށް އަދާ ކުރެވޭނެ. އެއީ މާދަމާ މިޤައުމު ހިންގަން ތިބި ވެރިން މިއަދު ތިބީ ތިޔަ މުދައްރިސުންގެ ބެލުމުގެ ދަށުގައި ކަމަށް ވާތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާއަކީވެސް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ދާއިރާއެއްކަމަށާއި، ރާއްޖޭގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަކީ އެހެން ގައުމުތަކުގެ ދަރިވަރުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތުވެގެން ތިބި ދަރިވަރަކުން ކަމަށެވެ. އަދި ތައުލީމުގެ އިތުރުން ރަނގަޅު ތަރުބިއްޔަތެއްވެސް އެ ދަރިވަރުންނަށް ލިބެންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.