ލޯންޗެއްގެ ބުރަފަތިން ޖެހި ޒަހަމްވި ޗައިނާ ފަތުރުވެރިޔާ ޓްރީ ޓޮޕްގައި، ހާލު ރަނގަޅު

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބ. ކަނުފުށީގައި ހިންގާ "ފިނޮޅު ބާ އެޓޯލް މޯލްޑިވްސް" ރިސޯޓުގެ ފަޅުތެރޭގައި ފީނަން އުޅުނު ޗައިނާގެ ދެމަފިރިއެއްގެ ގައިގައި އެ ރިސޯޓުގެ ލޯންޗެއްގެ ބުރަފަތިން ޖެހުނު ހާދިސާގައި ޒަޚަމްވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ކައިވެންޏަށްފަހު ހަނީމޫން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ޗައިނާގެ ދެމަފިރިން ތިބީ ބ. އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓުގައެވެ. އެ ރިސޯޓު ހިންގާ ރަށުގެ ފަޅުތެރޭގައި ފީނަން އުޅެނިކޮށް، އެ ފަޅަށް ވަން ލޯންޗެއްގެ ބުރަފަތިން ވަނީ ދެމަފިރިންގެ ގައިގައި ޖެހިފައެވެ.

https://sun.mv/107413

އެ ހާދިސާގައި ފިރިހެން މީހާ ވަނީ ވަގުތުން މަރުވެފައެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.

އަދި 24 އަހަރުގެ އަންހެން މީހާގެ ބޮލަށް ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

ޒަޚަމްވި ފަތުރުވެރިޔާއަށް ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގައި މި މަހުގެ ފުރަތަމަ ދުވަހު ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެ މާލެ ފޮނުވާލި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އަންހެން މީހާއަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުން ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

އާދީއްތަ ދުވަހު ހިނގި ހާދިސާގައި މަރުވި ފިރިހެން މީހާ މި ވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް މިހާރު ތަހުގީގުކުރަމުން ގެންދާކަމަށެވެ.

comment ކޮމެންޓް