ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރަމުން އައި ޕޯޗްގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާ ތަރި ލިއޮނަލް މެސީގެ އަޑު ކަނޑުވާލައި، މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ ތަރި ލޫކާ މޮޑްރިޗް ވެއްޖެއެވެ.
ފްރާންސް ފުޓްބޯލްއިން ދޭ ފުޓްބޯޅައިގެ ޝަރަފްވެރި އެވާޑް، "ބެލޮންޑިއޯ" ފާއިތުވި 10 އަހަރު ތެރޭގައި ލިބިފައި ވަނީ ރޮނާލްޑޯއަށް ފަސްފަހަރު އަދި މެސީއަށް ފަސްފަހަރުއެވެ.
މިއަހަރުގެ މޭމަހު ޖެހިޖެހިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހާސިލްކުރި، އުމުރުން 33 އަހަރުގެ މޮޑްރިޗް ވަނީ، ރަޝިއާގައި މިއަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި، ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ފައިނަލަށް ގެންދިއުމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައެވެ.
މިއީ މޮޑްރިޗަށް އެވޯޑް ވަރަށް ތިޔާގި އަހަރެކެވެ. އެގޮތުން އޭނާ ވަނީ، މިއަރު ފީފާއިން ދިން "ބެސްޓް ފީފާ ފުޓްބޯލް އެވޯޑް"ގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގޯލްޑަން ބޯލް އެވޯޑް ހޯދައިފައެވެ.
މެސީއާ ރޮނާލްޑޯގެ ކުރިން، 2007 ވަނަ އަހަރު، އެންމެ ފަހުން މި އެވޯޑް ހާސިލް ކުރި ކުޅުންތެރިއަކީ އޭސީ މިލާންގެ ބްރެޒިލް ފޯވާޑް ކަކާއެވެ.
މިއަހަރުގެ ހޫނު މޫސުމުގައި ރެއާލުން އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯއަށް މިފަހަރު ލިބުނީ ދެވަނައެވެ. އަދި މެސީ ހިމެނުނީ ލިސްޓުގެ ފަސްވަނައިގައެވެ.
އެވޯޑް ހަފްލާއަށްފަހު މޮޑްރިޗް ބުނީ، އޭނާ ހޯދި ބެލޮންޑިއޯ އެވޯޑް ޚާއްސަކުރަނީ، ފާއިތުވި 10 އަހަރު ތެރޭގައި މެސީއާއި ރޮނާލްޑޯ ފިޔަވައި އެ އެވޯޑް ލިބުން ހައްގު ކުޅުންތެރީންނަށް ކަމަށެވެ. އޭގެ ތެރޭގައި ޒަވީ، އިނިއެސްޓާ އަދި ސްނެއިޑާ ފަދަ ކުޅުންތެރީންގެ ނަން އޭނާ ފާހަގަކުރިއެވެ.
މުޅިން އަލަށް ތައާރަފްކުރި ފީފާ ވިމެން ބެލޮންޑިއޯ އެވޯޑް ލިބުނީ، ލިޔޯން އަދި ނޯވޭގެ ތަރި އާދާ ހެގަބާގްއަށެވެ.
މީގެ ކުރީން ބެލޮންޑިއޯ ހާސިލްކޮށްފައިވާ ކުޅުންތެރީންގެ ވޯޓުން ހޮވާ ގޮތަށް 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް މުޅިން އަލަށް މިފަހަރު ދިން ކޮޕާ ޓްރޮފީ އެވޯޑް ހާސިލްކުރީ ކިލިއަން އެމްބާޕޭއެވެ.
ބެލޮންޑިއޯ ގަދަ 10
- ލުކާ މޮޑްރިޗް
 - ކްރިސްޓިއާނޯ ރޮނާލްޑޯ
 - އެންޓޮއިން ގްރީޒްމަން
 - ކިލިއަން އެމްބާޕޭ
 - ލިއޮނަލް މެސީ
 - މުޙައްމަދު ޞަލާޙް
 - ރަފައެލް ވަރާން
 - އެޑެން ހަޒާޑް
 - ކެވިން ޑި ބްރޭނާ
 - ހެރީ ކޭން