ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން އަތުން ހަންގޭރީގެ ޓީމަކަށް މޮޅެއް

ރޭގައި އޭސީ މިލާންއާއި ފެރެންސްވާރޯސް ބައްދަލުކުރި މެޗުގެ ތެރެއިން--

ޔުއޭފާ ޔޫރޮޕާ ލީގުގައި ހަންގޭރީއަށް ނިސްބަތްވާ ފެރެންސްވާރޯސް އަތުން، ހަތް ފަހަރު ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އޭސީ މިލާން ބަލިވެއްޖެއެވެ.

މިލާންގެ އަމިއްލަ ދަނޑު ކަމަށްވާ ސެންސީރޯގައި ކުޅުނު މިމެޗު ފެރެންސްވާރޯސް ކާމިޔާބު ކޮށްފައިވަނީ 0-2 ލަނޑުންނެވެ. މިއީ މިސީޒަންގައި ޔޫރޮޕާ ލީގުގައި މިލާން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ތިންވަނަ މެޗެވެ.

މިލާނުން މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެ ޓީމަށް ފެރެންސްވާރޯސްގެ ޑިފެންސް ފޫއަޅުވާލުމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި މި މެޗުގައި 15 ހަމަލާ އެ ޓީމުން އުފެއްދިއިރު ފެރެންސްވާރޯސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާއެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުގައި ފެރެންސްވާރޯސްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހައިފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓޮފާ ޒަކާރިއާސެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެނީ ޖޯސެފެވެ.

މި މެޗުގައި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީވެސް އޭނާއެވެ. މި މެޗުގެ 77 ވަނަ މިނެޓުގައި ފެރެންސްވާރޯސްގެ ބަމިޑެލޭ ޔޫސުފަށް ރަތް ކާޑެއް ދެއްކުމާއެކުވެސް މިލާނަށް އޭގެ ފައިދާ ނެގިފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ފެރެންސްވާރޯސް މިހާރު އޮތީ މިފަހަރުގެ ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބު ކޮށް ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެއީ އެންމެ ކުރީގައި އުޅޭ ބޯންމަތާއި ބެންފީކާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަވިޔަސް ފައިދާ ގޯލަށް ބަލާއިރު އެ ދެ ޓީމަށް ކުރި ލިބޭތީއެވެ. މިލާން އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ 28 ވަނައިގައެވެ.

comment ކޮމެންޓް