ސްކޫލުތަކުގައި ދިވެހި އަދައްބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.
އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ކޯޑިނޭޓަރު އަޒްރާ ތައުފީގު "ސަން" އަށް ވިދާޅުވީ އަންނަ އަހަރު ދިވެހި އަދަބިއްޔާތު ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާ ކަމަށެވެ.
"ދަރިވަރުންނަށް އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި މި މާއްދާ އޮންނާނީ. ގްރޭޑު ނުވައަކުން ފަށްޓާނީ،"
ކީސްޓޭޖް ހަތަރަކީ ގްރޭޑު 9-10 އެވެ. އެ ސްޓޭޖަށް ދިވެހި އަދަބިއްޔާތު-1 ތައާރަފްކުރަން ނިންމާފައިވާއިރު ކީ ސްޓޭޖު ފަހެއްގައި ކިޔަވައިދޭނީ އަދަބިއްޔާތު-2 ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކީ ސްޓޭޖު ފަހަކީ 11 އަދި 12 އެވެ.
އަޒްރާ ވިދާޅުވީ މި އަހަރު އަދަބިއްޔާތު ސްކޫލުތަކުގައި ކިޔަވައިދޭން ނިންމި ނަމަވެސް އެކަމަށް އެދުނީ އެންމެ ސްކޫލަކުން ކަމަށްވާތީ އަންނަ އަހަރު އެ މާއްދާ ކިޔަވަދޭން ފަސްކުރީ ކަމަށެވެ.
އަދި ދިވެހި އަދަބިއްޔާތުގެ ފޮތްތައް ވެސް މިހާރު ފަރުމާކޮށް ނިމިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.