ލޮނުޒިޔާރަތްކޮޅު ތަރައްގީކުރުމަށް ނިއުޕޯޓް ވިއު ހުސްކުރަން ނޯޓިސް ދީފި

ބްރިޖުގެ މަސައްކަތް ބެލުމަށް ރާޅުގަނޑުގައި ތަރައްގީ ކުރި ޕްލެޓްފޯމް: އެ ޕްލެޓްފޯމާއި ނިއު ޕޯޓް ރެސްޓޯރެންޓް ހިންގާ ބިން ހުސް ކުރުމަށް ވަނީ ނޯޓިސް ދީފައި -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ލޮނުޒިޔާރާތްކޮޅު ތަރައްގީ ކުރުމަށް، ބްރިޖު ޕްލެޓްފޯމާއެކު އެ ސަރަހައްދުގައި ހިންގަމުންދާ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހިންގާ ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީން ނޯޓިސް ދީފިއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި ނިއުޕޯޓާއި ޕްލެޓްފޯމް ހުރި ބިން ހުސްކުރުމަށް ނޯޓިސް ދީނީ އިއްޔެ ކަމަށެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް އެ ސަރަހައްދު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއި ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނިއުޕޯޓް ހިންގާ "ސްޓާރާޑާ"އިން ސިނަމާލެ ބްރިޖު ސަރަހައްދުގައި ތަރައްގީކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ވަނީ ބަދެލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް އެދިފައެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފައެވެ.

މިދިޔަ ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. އެކަމަކު ފަހުން އެ މައްސަލާގައި ދައުވާ ނުކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް