ކޮވިޑް-19 ފެތުރޭތީ އެކަން ހުއްޓުވުމުގެ ގޮތުން މާލޭ ސަރަހައްދުގެ ކާފިއު ހިންގަން އަންގައި އެޅި ފިޔަވަޅު އިތުރު ހަފްތާއަކަށް ދަމަހައްޓައިފި އެވެ.
މިއަދު އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ވަނީ މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރޭތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ:
- މާލޭ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން
 - ރެސްޓޯރެންޓުތަކާއި، ކެފޭތަކާއި ހޮޓާތަކުގެ ހިދުމަތް މެދުކަނޑާލުން (ޑެލިވަރީ ޓޭކްއަވޭ ނުހިމެނޭ)
 - އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކުރުން
 
އެ ފިޔަވަޅުތަކަކީ މި މަހުގެ 12 ވަނަ ދުވަހު އެޅި ފިޔަވަޅުތަކެކެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު ހަމަަވަނީ މިއަދު އެވެ.
ކުރިއެކޭ އެއްގޮތަށް ފިޔަވަޅުތަކުން އިސްތިސްނާ ވާނީ:
- ސިފައިންނާއި ފުލުހުން
 - ސިއްހީ ހިދުމަތް ދޭ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އުޅަނދުތައް
 - އެމްބިއުލަންސް
 - އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް
 - .އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތައް
 
މާލޭ ސަރަހައްދުގައި މި ފަހުން ފުރަތަމަ ކާފިއު އިއުލާނު ކުރީ ރޭގަނޑު 9:00 އިން ފެށިގެންނެވެ. އެކަމަކު، ކޭސްތައް ކޮންޓްރޯލު ނުވާތީ ފަހުން 4:00 އަށް ކާފިއު ވަގުތު އިތުރު ކުރީ އެވެ.