މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާތީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް އެންގި ޗިޓަކީ ސައްހަ ލިޔުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ޖަމްޝީދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާ ކަމަށް އަންގައިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައެވެ.
މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހަކީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަހެވެ.
ފުލުހުންގެ އިސް ދެ އޮފިސަރުންކަމަށްވާ އޭސީޕީ ހުމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ ދިހަވަނަ ދުވަހެވެ.
މި ކަމާ ގުޅިގެން ޖަމްޝީދު "ސަން"އަށް ވިދާޅުވީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާކަން އަންގައިފައިވަނީ މިނިސްޓަރު އިމްރާން ސޮއިކޮށްފައިވާފައިވާ ޗިޓަކުން ކަމަށާއި މާޗު މަހުން ފެށިގެން ފުލުހުންގެ އިދާރާ ހޯމް މިނިސްޓްރީން ވަކިކުރެވިފައިވާނަމަ އެ ޗިޓަކީ ސައްހަ ޗިޓެއް ނޫން ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު މި ސިޓީ މިއޮތް ގޮތުން އެއިރު އެ ނިންމީ [ވަޒީފާއިން ވަކި ކުރަން ނިންމީ] ސައްހަކޮށް ކަމަކަށް، އެއީ ސައްހަ ނިންމުމެއް ނޫން،" ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދު އިތުރަށް ވިދާޅުވީ އާ ގާނޫނަށް އަމަލު ކުރަން ފެށި ދުވަހުން ފެށިގެން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ކޮށްފައިވުމުން، ޕޮލިސް ބޯޑުން މިހާތަނަށް ކޮށްފައި ހުރި މަސައްކަތްތަކަކީ ވެސް ސައްހަ މަސައްކަތްތަކެއް ނޫން ކަމަށެވެ.
"ޕޮލިސް ބޯޑުން އަޅުގަނޑަށް ސިޓީ ފޮނުވައިފައި އިންނަނީ އަށެއް ޖުލައިގަ. ޕޮލިސް ބޯޑު އިންނަނީ ހޯމް މިނިސްޓްރީގެ ދަށުގަ ކަމަށް އެ ސިޓީގަ ބުނެފަ އިނދޭ. އެހެންކަމަށްވާނަމަ ޕޮލިސް ބޯޑުގެ މަސައްކަތް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސައްހައެއް ނޫން މިހާރު އިން ގޮތުން ވެއްޖެއްޔާ. އެއީ 27 މާޗުގެ ފަހުން ހޯމް މިނިސްޓްރީ ތެރޭގައި އެ މަސައްކަތެއް ނުކުރެވޭނެ،" ޖަމްޝީދު ވިދާޅުވިއެވެ.
ސަލާމަތީ ބާރުތައް ހިންގައި، ޖަވާބުދާރީ ކުރުވާނެ ވަޒީރެއް ހުންނަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާކަން ފާހަގަކޮށް ޖަމްޝީދު އިތުރަށް ވިދާޅުވީ މި ނިންމުމަކީ ގާނޫނު އަސާސީއާ ވެސް ހިލާފު ނިންނުމެއް ކަމަށެވެ.
ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް މިހާރު ވަނީ ހުށަހަޅައިފައެވެ.
މާދަމާ މި މައްސަލައިގެ އަޑުއެހުންތައް ފަށާއިރު، ޖަމްޝީދު ވިދާޅުވީ މިހާރު ތިލަވެފައިވާ ކަންކަމަށް ބަލާއިރު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަން އެނގޭ ކަމަށާއި އެ ކަމަށް ކޯޓުން ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.
ހޯމް މިނިސްޓަރު އިމްރާން ސޮއިކުރައްވައި މި މަހުގެ ދިހަ ވަނަ ދުވަހު ދެ އޮފިސަރުންނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެ ދެ އޮފިސަރުން މަގާމުން ވަކިކޮށްފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.