ސްޓެލްކޯގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.
ސްޓެލްކޯގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވާފައެވެ. އެމަނިކުފާނު ލިޔުއްވި ބަޔާނުގައި މުހައްމަދު ރަޝީދު ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ދިގު މުއްދަތަކަށް ކުރެއްވި ހިދުމަތް ވަނީ ފާހަގަކުރައްވާފައެވެ.
ރަޝީދަކީ އެ ދާއިރާއަށް އިހުލާސްތެރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ކަމަށް ކަމޭހިއްތެވި، ފަރުވާތެރި އިންޖިނޭރެއް ކަމަށް ވެސް ރައީސް ލިޔުއްވިޔެވެ.
ތައުޒިޔާގެ ބަޔާނުގައި ރައީސް ވަނީ މާލޭގެ ކަރަންޓުގެ ހިދުމަތް ޒަމާނީކޮށް ފުޅާކުރުމުގައި ރަޝީދުގެ ދައުރު ފާހަގަކުރައްވާފައެވެ. އަދި އެއީ ތެދުވެރިކަމާއި އަމާނާތްތެރި ކަމުގެ ނަމޫނާއެއް ކަމުގައި ވެސް ރައީސް ލިޔުއްވިއެވެ.

ސްޓެލްކޯގެ ކުރީގެ ޗެއާމަން މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުން --- ފޮޓޯ/ ސްޓެލްކޯ
އެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އާއި، އެ ކުންފުނީގެ އިސްވެރިންނާއި، މުހައްމަދު ރަޝީދުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހު ޗެއާމަން ރަޝީދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. އޭނާ އެންމެ ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1971ވަނަ އަހަރު އެޕްރެންޓައިސްއެއްގެ ގޮތުގައެވެ.
އެއަށްފަހު، އޭނާ ވަނީ އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. މުހައްމަދު ރަޝީދު އެކުންފުނީގެ ޗެއާމަނަކަށް އައްޔަނުކުރީ 2019 ވަނަ އަހަރުއެވެ. އަވަހާރަވީ އިރު ވެސް ހުންނެވީ އެ މަގާމުގައެވެ.
ސްޓެލްކޯއިން ބުނީ ޗެއާމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު މި މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.