ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބ. ކުޑަރިކިލު ނޫރާނީމާގެ މުޙައްމަދު ޖަލީލް މިއަދުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅުވައިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މުޙައްމަދު ޖަލީލަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.
މަރްޙޫމް މުޙައްމަދު ޖަލީލަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރުކަމާއި، ބ. އަތޮޅު އެޓާނީ ޖެނެރަލްގެ އެހީތެރިޔާކަމާ، ކުޑަރިކިލު ކޯޓުގެ ޤާޟީކަމާއި، އެޓޯލްސް މިނިސްޓްރީގެ ގިނަ މަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ.
މީގެ ތެރޭގައި އެޓޯލްސް މިނިސްޓްރީގެ ސީނިއާ އަންޑާ ސެކްރެޓަރީގެ މަޤާމާއި، ވަކީލެއްގެ މަޤާމާއި، ޑިރެކްޓަރެއްގެ މަޤާމާއި، ސީނިއާ އިންވެސްޓިގޭޓަރެއްގެ މަޤާމާއި، އިންވެސްޓިގޭޓަރެއްގެ މަޤާމު ހިމެނެއެވެ.
މީގެ އިތުރުން ވެސް މަރްޙޫމް މުޙައްމަދު ޖަލީލް ވަނީ 26 ފަހަރެއްގެ މަތިން 13 އަތޮޅެއްގެ އަތޮޅު އޮފީސް ހިންގަވާފައެވެ.
އޭގެ ތެރޭގައި ހއ. އަތޮޅު އޮފީހާއި، ހދ. އަތޮޅު އޮފީހާއި، ށ. އަތޮޅު އޮފީހާއި، ޅ. އަތޮޅު އޮފީހާއި، ކ. އަތޮޅު އޮފީހާއި، އއ. އަތޮޅު އޮފީހާއި، އދ. އަތޮޅު އޮފީހާއި، ފ. އަތޮޅު އޮފީހާއި، ތ. އަތޮޅު އޮފީހާއި، ލ. އަތޮޅު އޮފީހާއި، ގއ. އަތޮޅު އޮފީހާއި، ގދ. އަތޮޅު އޮފީހާއި، ޏ. އަތޮޅު އޮފީސް ހިމެނެއެވެ.
މަރްޙޫމް މުޙައްމަދު ޖަލީލް އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.