ފިޓްނެސްއަށް އެންމެ ބޮޑު މޯޓިވޭޝަނަކީ އެކުވެރިން

ގްރޫޕް ހަދައިގެން ކަސްރަތު ކުރުމަކީ ފައިދާހުރި ކަމެއް ކަމަށް ސައިންސުވެރިން ބުނޭ —- ފޮޓޯ : ތޯމަސް ބާވިކް / ގެޓީ

ދުޅަހެޔޮ ސިއްހަތެއް ހާސިލުކޮށް އާންމުގޮތެއްގައި ކަސްރަތު ކުރުމަށް މޯޓިވޭޓް ވެ ހުރުމަށް އެންމެ ފައިދާ ވާ ކަމަކީ އެކުވެރިންނާއެކު ކަސްރަތު ކުރުން ކަމަށް ސައިންސުވެރިން ބުނެފިއެވެ.

އެމެރިކާގެ ކީން ޔުނިވާސިޓީގެ ސައިންސުވެރިންތަކެއް ކުރި ދިރާސާއަކުން ދައްކާގޮތުގައި އެކްޓިވް ނޫން މީހުންތައް، އެކްޓިވް މީހުންނާއެކު ގާތް ގުޅުން އޮވެ އެމީހުންނާއެކު އުޅޭ ނަމަ ކަސްރަތު ކުރުމަށް މޯޓިވޭޓްވެއެވެ. އެގޮތުން މިލިޓަރީ އެކެޑަމީގެ ބައެއް ޑޭޓާތައް ބޭނުންކޮށްގެން ކުރި ދިރާސާއިން އެނގުނީ އެކްޓިވް ނޫން މީހުންނާއި އެކްޓިވް މީހުން އާންމުކޮށް ބައްދަލުކޮށް ގުޅުން ބަދަހި ކުރާނަމަ އެކްޓިވް ނޫން މީހުންގެ މޯޓިވޭޝަން ބޫސްޓް ވާ ކަމަށެވެ.

އެގޮތުން އެކްޓިވް މީހުންނާއެކު އާންމުކޮށް ގުޅުން ބަދަހިކޮށް އެމީހުންނާއެކު އުޅުމުން ކަސްރަތު ކުރުމަށް ހިތް ވެސް ޖެހޭ ކަމަށާއި އެއީ ކަސްރަތު ކުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ސައިންސުވެރިން ބުނެއެވެ. ހަމަ އެގޮތަށް އާންމުކޮށް ކަސްރަތު ނުކުރާ މީހުންނާއެކު އުޅެ އެމީހުންނާ ގިނައިން ގުޅުން ބަދަހިކުރާނަމަ މޯޓިވޭޓް ވާ މިންވަރު ކުޑަވާނެ ކަމަށް ދިރާސާއިން ދައްކައެވެ.

ގަވާއިދުން ކަސްރަތުކޮށް އާންމުކޮށް ކަސްރަތުކުރުމަށް މޯޓިވޭޓް ކުރުމަށް ސައިންސުވެރިން ލަފާ ދެނީ އެކުވެރިންގެ ގްރޫޕަކާއެކު ކަސްރަތު ކުރުމަށެވެ. މީގެ ސަބަބުން އެކަކު އަނެކަކަށް ބަރޯސާވެ އެކަކު މޯޓިވޭޝަން ގެއްލޭ ވަގުތު އެހެން މީހުން މޯޓިވޭޓް ކޮށްދޭން ތިބޭނެއެވެ.

އެކީގައި ކުރެވިދާނެ ތަފާތު ކަސްރަތުތައް އެބަހުއްޓެވެ. އޭގެތެރޭގައި އެކީގައި ފިޓްނެސް ކްލާހެއް ނެގުމާއި އެއް ވަގުތެއްގައި ކޮންމެ ރެއަކު ނުވަތަ ދެ ރެއިން އެއް ރޭ ދުވަން ދިޔުމަކީ ވެސް ކުރެވިދާނެ ކަންތައްތަކެވެ.

comment ކޮމެންޓް