މިއުޒިކް ސްޓްރީމިންގެ ޚިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި ސްޕޮޓިފައި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ މަހު 456 މިލިއަނަށް އަރައިފިއެވެ.
ސްޕޮޓިފައިގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު އެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު 456އަށް އެރުމުން އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 20 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ދެމިގެންދިޔަ ތިން ވަނަ ކުއާޓަރުގައި ސްޕޮޓިފައި ޕްރިމިއަމްއަށް ސަބްސްކްރައިބްކޮށްފައިވާ މީހުންގެ އަދަދު ވަނީ 195 މިލިއަނަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 13 ޕަސެންޓު އިތުރުވުމެކެވެ.
"ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް، އަޅުގަނޑުމެންގެ ވިޔަފާރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. ހަނގުރާމައާއި، ދިގުދެމިގެންދާ ބަލިމަޑުކަމާއި، އިންފްލޭޝަނާއި، ސަޕްލައި ޗޭނަށް ބުރޫއެރުމާއި، ދުނިޔޭގެ ރިސެޝަންގެ ނުރައްކާތައް ފެނިފައިވާ އަހަރެއްގެ ތެރޭގައި ބާކީ އެއް ކުއާޓަރު އަދި އޮތުމުން، އަޅުގަނޑު ހަގީގަތުގައިވެސް ފަޚުރުވެރިވަން އަޅުގަނޑުމެންނަށް ހާސިލްކުރެވުނު ހުރިހާ ކަމެއް. އަހަރެމެން ހީކުރިވަރަށްވުރެ ބޮޑަށް މިވަނީ ކާމިޔާބުވެފައި،" ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އެކް ވިދާޅުވި އެވެ.
މިއުޒިކް ސްޓްރީމިން ޚިދުމަތްތައް ކަމަށްވާ އެޕަލް މިއުޒިކާއި ޔޫޓިއުބް ޕްރިމިއަމްގެ އަގުތައް ދާދި ފަހުން ބޮޑުކޮށްފައިވާ އިރު ސްޕޮޓިފައި އިން ވެސް ދަނީ އެމެރިކާގައި ސަބްސްކްރިޕްޝަން ޕްލޭންތަކުގެ އަގު ބޮޑުކުރަން ވިސްނަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަކީ އަޅުގަނޑުމެންގެ ލޭބަލް ޕާޓްނަރުންނާ އެކު މަޝްވަރާކުރާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ސްޕޮޓިފައިގެ ތަފާސްހިސާބުގައިވާ ގޮތުން އެ ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 3.04 ބިލިއަން ޔޫރޯއެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ. އޭގެ ތެރެއިން، ޕްރީމިއަމް ސަބްސްކްރައިބަރުންގެ ފަރާތުން ލިބުނު އާމްދަނީ 2.7 ބިލިއަން ޔޫރޯއަށް އަރައެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 22 ޕަސެންޓުގެ އިތުރުވުމެކެވެ.
ސްޕޮޓިފައިއަށް އިޝްތިހާރު ޖަހައިގެން ލިބުނު އާމްދަނީ 19 ޕަސެންޓު އިތުރުވެ، 385 މިލިއަން ޔޫރޯ ވަނީ ލިބިފައެވެ.
ސްޕޮޓިފައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި 228 މިލިއަން ޔޫރޯގެ އޮޕަރޭޓިން ގެއްލުމެއް އެކުންފުންޏަށް ލިބިފައިވާއިރު، އެއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެ ކުންފުނީގެ މުވައްޒަފުން އިތުރުކޮށް، އިންވެސްޓްކޮށް، ސްޕޮޓިފައި ފަދަ އެހެނިހެން ޕްލެޓްފޯމްތައް ކަމަށްވާ ޕޮޑްސައިޓްސް، ފިންޑަވޭ، ސޮނެންޓިކް، ޗާޓެބަލް، ހޫޝްކާ އަދި ހާޑްލް އެ ކުންފުނިން ގަނެފައިވާތީއެވެ.
ފައިނޭންޝަލް މާކެޓް ޑޭޓާ ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ރެފިނިޓިވް އިން ބުނާ ގޮތުގައި ސްޕޮޓިފައި އަށް ތިން ވަނަ ކުއާޓަރުގައި 194 މިލިއަން ޔޫރޯ ނުވަތަ ހިއްސާއަކަށް 0.99 ޔޫރޯގެ ސާފު ގެއްލުމެއް ލިބިފައިވެއެވެ. މިއީ އެނަލިސްޓުން ލަފާކުރި ވަރަށް ވުރެ އިތުރު އަދަދެކެވެ. އެނެލިސްޓުން ލަފާ ކުރީ ހިއްސާގެ އަގު ދަށަށް ދާނީ ހިއްސާއަކަށް 0.85 ޔޫރޯގެ ދަށްވުމެއް ކަމަށެވެ.