އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ޑީއެންއާރް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ބަޔަކާ ހަވާލުކޮށްފިއެވެ.

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ހުޅުވާލި ފުރުސަތުގައި ހުށަހެޅުނު ޑިޒައިންތަކުގެ ތެރެއިން އެއްވަނައަށް ދިޔަ 'އެންކްރިއާ ޕްރައިވެޓް ލިމިޓެޑް'އާ އެކު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ން ވަނީ ބުރާސްފަތި ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އައިޑީކާޑުގެ ޑިޒައިން ބަދަލު ކުރަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން 27 ގައެވެ. އެކަމަކު، ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު 16 ގައެވެ.

އައިޑީކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީކާޑެއް ތައާރަފު ކުރަން ޑީއެންއާރުން ވަނީ ނިންމައިފައެވެ. އައިޑީކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑީކާޑެއް އުފައްދަން ޑީއެންއާރުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރާ އައިޑީކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984ގައި ތައާރަފް ކުރި ކާޑެކެވެ.

އާ އައިޑީ ކާޑުގެ ޑިޒައިން ކުރުން ކާމިޔާބުކޮށްފައިވާ އެންކްރިއާ އަކީ މަޝްހޫރު ގްރެފިކްސް ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ) އާއި ހުސައިން ޝާޒިފް އާދަމް ހިއްސާދާރުންގެ ގޮތުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް