އިންޓަނެޓް ނުލިބުނު ނަމަވެސް، އެމީހަކު އެދުވަސްވަރަކު އެންމެ ގިނައިން އަޑުއަހާ ލަވަތަކުގެ 'އޮފްލައިން ޕްލޭލިސްޓް'އެއް އޮޓޮމެޓިކުން އެކުލަވާލެވި، އޮފްލައިންކޮށް އެ ޕްލޭލިސްޓް އަޑުއަހާލެވޭ ފީޗާއެއް ޓެސްޓު ކުރަމުންދާ ކަމަށް ސްޕޮޓިފައިއިން ބުނެފިއެވެ.
ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އޭކް ވިދާޅުވީ މި އެޕްލިކޭޝަނުން ޓެސްޓު ކުރަމުން ދަނީ އެޕްލެޓްފޯމްގެ ޔޫޒަރުން ދާދި ފަހުން ކަނޑައަޅާފައިވާ އޮފްލައިން ޕްލޭލިސްޓެއް ކަމަށެވެ.
އޮފްލައިން މިކްސް ޕްލޭލިސްޓެއްގެ ވާހަކަ އެ ކުންފުނިން އެންމެ ފުރަތަމަ 2020 ވަނަ އަހަރު ދެއްކި ނަމަވެސް، އަދި މިހާތަނަށް އެ ވާހަކަތައް ހަގީގަތަކަށްވެފައިނުވެއެވެ. ނަމަވެސް މިހާރު އެ ފީޗާގެ މަސައްކަތް ކުރަމުންދާކަން ސްޕޮޓިފައިގެ ސީއީއޯ ޑެނިއަލް އޭކް ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ މިހާރުވެސް މި ފީޗާ ބޭނުންކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އެ ފީޗާ ހިލޭ ލިބޭނެ ކަމެއް ނުވަތަ އެއީ ޕްރިމިއަމް ފީޗާއެއް ކަމެއް އެ ކުންފުނިން މިހާތަނަށް ބުނެފައިނުވެއެވެ.
ސްޕޮޓިފައި އިން މިހާރު އޮފްލައިންކޮށް އަޑުއަހާލެވޭނެ ޕްލޭލިސްޓްތައް މެނުއަލްކޮށް ޑައުންލޯޑް ކުރެވޭނެއެވެ. ނަމަވެސް "އޮފްލައިން މިކްސް" ފީޗާގެ ސަބަބުން ޕްލޭލިސްޓް އުފެއްދުމަށް މެނުއަލް މަސައްކަތެއް ނުކޮށް، އޮންލައިންކޮށް ހުންނަ ވަގުތު އެންމެ ގިނައިން އަޑުއަހާ ލަވަތަކުގެ ޕްލޭލިސްޓެއް އެ އެޕުން އެކުލަވާލާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ސްޕޮޓިފައި ވާދަކުރަނީ ގޫގުލް ހިއްސާވާ ޔޫޓިއުބް މިއުޒިކާއެވެ. "ސްމާޓް ޑައުންލޯޑް" އޮޕްޝަން އޮންކުރުމާއެކު ޔޫޓިއުބް އެޕް މެދުވެރިކޮށް ތަފާތު ޕްލޭލިސްޓުތަކުގައި އޮޓޮމެޓިކުން 500 ލަވަ ޑައުންލޯޑް ކުރެވޭނެއެވެ.