ސްޕޮޓިފައިގެ ޑެސްކްޓޮޕް އެޕް އަލުން ޑިޒައިންކޮށް، ބަދަލުތަކެއް ގެނެސްފިއެވެ.
މަޝްހޫރު މިއުޒިކް ސްޓްރީމިން ޚިދުމަތް ސްޕޮޓިފައިއިން ޑެސްކްޓޮޕް އެޕް ރީޑިޒައިންކޮށް، ބަދަލުގެނައިއިރު އިސްކަންދީފައި ވަނީ މިއުޒިކް އޯގަނައިޒް ކުރެވޭ ގޮތްތައް ރަނގަޅު ކުރުމަށެވެ.
އާ ޑިޒައިންގައި ފާހަގަކޮށްލެވޭ އެއް ބަދަލަކީ "ލައިބްރަރީ" ބައި ޑެސްކްޓޮޕް ވިންޑޯގެ ވާތްފަރާތަށް ބަދަލުވުމެވެ. އޭގެ ސަބަބުން މިއުޒިކާއި ޕޮޑްކާސްޓް ކަލެކްޝަންތަކަށް އަބަދުވެސް އެކްސެސް އޮވެ، ޕްލޭލިސްޓްތައް ބަދަލުކުރަން ފަސޭހަވާނެ ކަމަށް ސްޕޮޓިފައިއިން ބުނެއެވެ.
މީގެ އިތުރުން އެ މީހަކު ސޭވްކޮށްފައިވާ ކޮންޓެންޓް، ލިސްޓެއް ނުވަތަ ގްރިޑް އެރޭންޖްމަންޓެއްގައި ބަލާލުމުގެ އިޚްތިޔާރު ލިބޭއިރު، އޭގެ ސަބަބުން ތަމްބްނެއިލްތައް ބޮޑުކޮށް ފެންނާނެއެވެ. އަދި ގިނަ ޕްލޭލިސްޓްތައް ރަނގަޅަށް އިންތިޒާމު ކުރުމަށް ފޯލްޑަރުތައް ހެދުމުގެ ފުރުސަތު ވެސް މި އަޕްޑޭޓްގެ ތެރެއިން ލިބޭނެއެވެ.
ސްޕޮޓިފައިއިން ދެން ބަދަލުގެނެސްފައި ވަނީ އެޕްގެ ކަނާތްފަރާތުގައި ހުންނަ "ނައު ޕްލޭއިން" ވިއުއަށެވެ. އޭގެއިން އެ ވަގުތަކު ޕްލޭވަމުންދާ ކޮންޓެންޓް ދައްކާލުމުގެ އިތުރުން، އެހެން މައުލޫމާތު ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެމީހަކަށް އެންމެ ކަމުދާ އާޓިސްޓެއްގެ ކުރިއަށް އޮތް ޝޯތަކާ ބެހޭ މައުލޫމާތު ފަދަ މައުލޫމާތު ފެންނަން ހުންނާނެއެވެ.
މީގެ އިތުރުންވެސް ބައެއް ޕޮޑްކާސްޓްތައް އަޑުއަހާއިރު ދައްކާ ވާހަކަތައް ވަގުތުުން ލިޔުމުން ފެންނަ ގޮތް ހެދުމަށް ވެސް ސްޕޮޓިފައި އިން ވަނީ ނިންމާފައެވެ. ނަމަވެސް މި ފީޗާ ލިބޭނީ ކޮން ޕޮޑްކާސްޓްތަކެއްގައި ކަމެއް އެ ކުންފުނިން އަދި ހާމަކޮށްފައި ނުވެއެވެ.
ސްޕޮޓިފައިއިން ވަނީ 'ފްރެންޑް އެކްޓިވިޓީ ފީޑް'، 'ފްރެންޑް އައިކަން'އަށް ބަދަލުކޮށްފައެވެ. މިހާރު އެ ފީޑްއަށް ވަދެވޭނީ މައި ސްކްރީންގެ މަތީ ކަނާތް ފަރާތުގައި ހުންނަ ޔޫޒަރުގެ ޕްރޮފައިލް ޕިކްޗާގެ ކައިރީގައި ހުންނަ ފްރެންޑްސް އައިކޮން މެދުވެރިކޮށެވެ. މި އަޕްޑޭޓް ހުރިހާ ޑެސްކްޓޮޕް ޔޫޒަރުންނަށް ވެސް މިހާރު ދަނީ ތައާރަފު ކުރަމުންނެވެ.
ޑެސްކްޓޮޕް ރީޑިޒައިންއިން އޯގަނައިޒޭޝަން އާއި އެކްސެސިބިލިޓީއަށް އަލިއަޅުވާލާއިރު، ސްޕޮޓިފައިއަށް ލޯބިކުރާ ގިނަ ބަޔަކު ތިބީ ޕްލެޓްފޯމްގައި ހައި ފިޑެލިޓީ އޯޑިއޯއަށް ކެތްމަދުވެފައެވެ.
ބްލޫމްބާގުގެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން އެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުން އަންނާނެއެވެ. ރިޕޯޓުގައިވާ ގޮތުން ސްޕޮޓިފައިއިން މި އަހަރުގެ ފަހުކޮޅު އާ ސަބްސްކްރިޕްޝަން ޓިއާއެއް ތައާރަފު ކުރަން ރާވާފައިވާއިރު، އޭގެ ތެރޭގައި ހައި ރެސް އޯޑިއޯ ވެސް ހިމެނޭނެއެވެ.