ކުށުގެ ރެކޯޑެއް އޮތަތީ ވަޒީފާ ނުލިބުމަކީ އިޖުތިމާއީ ގޮތުން ގެއްލުން ބޮޑު ސިޔާސަތެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމްގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިޔުމެއްގައި އޭނާ ވިދާޅުވީ، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުލިބުމަކީ ރާއްޖޭގައި ނުލިޔެ އޮތް ގަވާއިދެއް ކަމަށެވެ.
ދިވެހި ސިވިލް ސާވިސްގެ ގާނޫނުގައި ވާ ގޮތުން ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމާ ބެހޭ ގޮތުން އޮތީ ތިން ހާލަތެކެވެ. އެއީ:
- ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ޙުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމް ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ ތިން އަހަރު ދުވަސްވެފައިވުން
- ޓެރަރިސްޓް ޖަމާޢަތަކަށް ނިސްބަތްވާ މީހަކަށްވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުޢާމަލާތުކުރަންޖެހޭ ވަޒީފާއެއް ނުދިނުން؛ މިއެވެ.
ޕީޖީ ވިދާޅުވީ، ސިވިލް ސާވިސްގެ ގަވާއިދުގައި ވަޒީފާއަށް މީހުން ޢައްޔަން ނުކުރެވޭ ކުށްތަކާއި ޢައްޔަން ނުކުރެވޭ މުއްދަތު ތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. ކުށެއް ސާބިތުވެގެން ވަޒީފާ ނުލިބޭން އޮތީ ތިން އަހަރެވެ.
ނަމަވެސް، ގަވާއިދުގައި ފަސް އަހަރަށް އެ މުއްދަތު ދަންމާލާފައިވާ ކަމަށާއި، ހަމަ އެގޮތަށް، ޖިނާއީ ބޮޑު ކުށާ ގުޅިގެން ވެސް، ގާނޫނުގައި އޮތް ތިން އަހަރު، ފަސް އަހަރަށް ގަވާއިދުން ދަންމާލާފައިވާކަން ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.
ޕީޖީ ލިޔުއްވާފައިވަނީ ކުށުގެ ރެކޯޑަށް ބެލުމަށް ފަހު، ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ކުދިކުދި ވައްކަން، ނުވަތަ އޭނާގެ ކުޑައިރު ދިމާވެފައި އޮތް، ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތަތީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭ ގޮތް ވެއްޖެނަމަ، އެ މީހަކު އިޞްލާޙުވާން އޮތް ފުރުޞަތުން މަހުރޫމް ކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އަދި، ބައެއް ކަހަލަ ވަޒީފާތައް، ކުށުގެ ވެށިން ނުކުންނަން މަސައްކަތް ކުރާ މީހަކަށް ނުދެވުނަސް، އެފަދަ މީހުންނަށް ދެވޭނެ ވަޒީފާތަކެއް ބަލައި، އެ ވަޒީފާތައް އެ މީހުންނަށް ދިނުމަކީ، މުޖްތަމައުގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވި ގޮތުގައި، ކުށުގެ މާހައުލުން ނުކުންނަން މަސައްކަތްކުރާ މީހުންގެ ތެރެއިން، އެހެން ދިމާލަކުން ސަޕޯޓެއް ނުލިބޭ މީހަކަށް، ވަޒީފާއަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށެވެ. އަދި, އެއީ އޭނާގެ އަމިއްލަ ނަފުސުގެ އިތުބާރު ރުޖޫއަކޮށްދޭ، ތިމާގެ އަމިއްލަވަންތަކަމާ އެކު، އެހެން މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވާން ލިބޭ އެހީތެރިކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.
ޕީޖީ ވިދާޅުވީ އިންސާނުންނަކީ ކުށް ކުރެވޭ ބައެއް ކަމަށާއި، މީހަކު ކުށެއް ކުރުމުން، ޖިނާއީ އަދުލުގެ ނިޒާމުން ފިޔަވަޅު އަޅަންޖެހެނީ، އޭނާއަށް ކުށެއް ކުރެވުމުގެ އިޙްސާސް ކުރުވުމަށާއި، އޭގެފަހުން ކުށުން ދުރުވެ އަނބުރާ މުޖްތަމައަށް އައުމަށް ބާރު އެޅުމަށް ކަމަށެވެ.