ޝުޖާއު އެމްޑީޕީއަށް: މުޒާހަރާކޮށްގެން މަޝްރޫއުތައް ހުއްޓުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނަން

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ މުޒާހަރާކޮށްގެން މަޝްރޫއުތައް ހުއްޓުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހިރާއްޖޭއަށް ފައިދާހުރި އަދި ދައުލަތަށް އާމްދަނީ ވަންނާނެ މަޝްރޫއުތައް މުޒާހަރާކޮށްގެން ހުއްޓުވާނަމަ ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނެކަމުގެ އިންޒާރު، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިރޭ ދެއްވައިފިއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި އެ އަތޮޅު މީހުން ކެޔޮދިއްފުށި ފަޅުގައި މުޒާހަރާކުރަން ފަށާފައިވަނިކޮށެވެ.

މިއަހަރުގެ މެއިމަހު ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ފަސް ފަޅަކާއި 12 ރަށެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައެވެ. އޭގެތެރޭގައި ވ. އަތޮޅުގެ ފަޅެއް ހިއްކަައިގެން ފަތުރުވެެރިކަން ތަރައްގީ ކުރުމަށް ހުޅުވާލިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ތުހުމަތުކުރެއްވީ، ދައުލަތަށް ފައިދާވާ ކޮންމެ މަޝްރޫއެއް ހުއްޓުވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ކަމަށެވެ.

އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން އެމްޑީޕީއަށް، ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކެއް މީގެ ފަހުން މުޒާހަރާކޮށްގެން ނުހުއްޓޭނޭ. އެއީ މާޒީގައި އަޅުގަނޑުމެން އެ ތަޖުރިބާ ކޮށްފަވާތީވެ. ދިވެހިރާއްޖެއަށް މީގެ ކުރިން އަންނަން ހުރި ބޮޑެތި މަޝްރޫއުތައް އެމްޑީޕީން މުޒާހަރާކޮށްގެން ވަނީ ހުއްޓުވާފަ. އޭގެ ނޭދެވޭ އަސަރު އަޅުގަނޑުމެންނަށް ކޮށްފަ އެބަވޭ، ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވިދާޅުވީ މުޒާހަރާކޮށްގެން މަޝްރޫއުތައް ހުއްޓުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޝުޖާއު ވިދާޅުވީ މީގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީކުރަން ފެށުމުން ކުޅުދުއްފުއްޓަށް ނިސްބަތްވާ ބަޔަކު ލައްވާ 'ކުޅި ހިމާޔަތްކުރުމުގެ' ނަމުގައި އެމްޑީޕީން މުޒާހަރާ ކުރިކަމަށެވެ. އަދި ސިނަމާލެ ބުރިޖުގެ މަޝްރޫއު ފަށައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ޓީމުން މަސައްކަތްކުރަމުން ދިޔަ އިރު ވެސް ރާޅުގަނޑު ސަރަޙައްދުގައި ރާޅާ އަޅަން އުޅޭ ކުދިން ލައްވާ އެމްޑީޕީން މުޒާހަރާ ކުރުވި ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

ހަމަ އެ ގޮތަށް މިއަދު ވ. އަތޮޅުގައި ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ރައީސް މުއިއްޒު ފެއްޓެވުމުން އެމްޑީޕީން އެކަން ހުއްޓުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި ސަރުކާރުން އެކަން ވިޔަ ނުދޭނެ ކަމަށާއި، ދައުލަތަށް އާމްދަނީ ވަންނާނެ އަދި ދައުލަތަށް ފައިދާވާނެ ކޮންމެ މަޝްރޫއަކަށް ހުރަސް އަޅާ މީހަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޝުޖާއު ދެއްވިއެވެ.

މިއަދު ވ. އަތޮޅުގަ ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ރައީސް މުއިއްޒުގެ ޒައާމަތުގައި ފެށީމަ އެމްޑީޕީ ބަޔަކު އަޅުގަނޑު މިއަދު ބޭނުންވަނީ މިކަން ހުއްޓާލާށޭ، މި ސަރުކާރުގަ ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާއަށް ފައިދާ ހުރި މަޝްރޫއުތަކަށް ހުރަސް އަޅާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު މިސަރުކާރުން އަޅާނަމޭ، އަދި މިކަމަށް ހިތްވަރުދޭ މީހުން ވެސް އެއީ ވެރިކަން ކޮށްފަ ހުރި މީހެއްތޯ ނޫންތޯ ނުބަލައި ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސްނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން، ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު

ވ. ބޮޑުފިނޮޅު ވިއްކާލި މައްސަލައިގައި މުޒާހަރާ ކުރަނީ --

ބޮޑުފިނޮޅު ކުއްޔަށް ދޫކުރަން ހުޅުވާލީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތިކަން ފާހަގަކޮށް އޭރު ވ. އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެއާއެކު މިއަދު ވ. އަތޮޅު ތިނަދޫ، ފެލިދޫ، ފުލިދޫ އަދި ކެޔޮދޫ ރައްޔިތުން ގުޅިގެން ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.

މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ވ. އަތޮޅުގެ ގިނަ ރަށްތަކެއް އެކި ބޭނުންތަކަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވިއްކާލާފައި ވާއިރު، ފަތުރުވެރިކަމަށް ބޭނުންކުރެވެން އޮތް ހަމައެކަނި ފިނޮޅު ވެސް ވިއްކާލުމެވެ.

މި މުޒާހަރާގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ނިއުޝާދު ބައިވެރިވެ ވަޑައިގެން ވިދާޅުވީ، އެދެނީ އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ގެސްޓް ހައުސް ކޮމިއުނިޓީއާ ވެސް މަޝްވަރާކޮށް، މި ފިނޮޅު ނޫން އެހެންތަނެއް ބިޑު ކާމިޔާބު ކުރި މީހުންނަށް ދިނުން ކަމަށް ވިދާޅުވިއެވެ.

އެ މައްސަލަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ވެސް ހުށަހަޅާނެ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ވާވު އަތޮޅަކީ ފަތުރުވެރިކަމަށް މެދުރާއްޖެތެރޭގައި އެންމެ މަޝްހޫރު އެއް ހިސާބެވެ.

comment ކޮމެންޓް

comment އިބުރަތެއް

11 month 1 week ago

ގަދަބަސްބުނެ، ގަދަބަދަވިކަން ދައްކައިގެން މިރާއްޖޭގައި މިހާތަނަށް އެއްވެސް ބަޔަކަށް މާގިނަދުވަހަކު ވެރިކަންކުރެވިފައި ނެތް. އެކަމުން ދޭހަކޮށްދެނީ ދިވެހިން އަނިޔާވެރިކަމަކަށް ފުރުސަތުނުދޭނެކަން. ސިޔާސީ ވެރިނަ މިކަމުން އިބުރަތް ހާސިލުކުރާނެކަމަށް އުއްމީދުކުރަން

comment ސސ

11 month 1 week ago

ސިޔާސީ ހުރިހާ މީހުންނަކީވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އަބަދުވެސް! 2008 ކުންފެށިގެން، މިދިޔަ 15 އަހަރުގައި ސިޔާސީ ޤަބީލާ ހަދައިގެން ދައުލަތުގެ މާލިއްޔަތު އެގޮތް މިގޮތަށް ލޫޓުވާ ބޮޑެތި ލޯނު ނަގައި ގެން ރައްޔިތުންގެ ބޮލުގައި އެތަކެއް މިލިޔަން ރުފިޔާގެ ދަރަނި އަޅުވާ، ބައިކޮޅަށް ކުޅޭ ބަޔެއް ސިޔާސީ މީހުންނަކީ، އެއްޓިމް ކުޅެލާފަ ދަނޑުމަތިން ފޭބީމާ އަނެއްޓީމް އަރާ ކުޑަކޮށް ދަނޑު ސާފުކޮށްގެން ހަމަ ބައިކޮޅަށް ކުޅެ ނަގަނީ! ސިޔާސީ ވަފާތެރި ކެހިވެރިން ތިހާ އިހުލާސްތެރިނަމަ ކޮންމެ އަހަރަކު ދައުލަތުން ލިބޭ ޢާމްދަނީ ފައިސާގެ ތެރެއިން، އަހަރު ނިމުނީމާ އެކައުންޓުގައި ބާކީހުންނަ ފައިސާ ދައުލަތަށް ޖަމާކުރަންވީ ނުންތޯ !

comment ސީސް

11 month 1 week ago

ބަލަގަ ބަނގުރޫޓުވެގެން ތިބެ މަޝްރޫތަށް ވަކި ހިންގޭނެތޯ.؟

comment ސްކޭމްސުޖާދޫ

11 month 1 week ago

ޕްރޮޖެކްޓެއްް އެބަހިނގާތޯޯ

comment މިމީހާ

11 month 1 week ago

ލާމަރުލަޒޭ ކޮޔައިގެން މިފަދަ މަޝްރޫޢުޔައް ހުއްޓުވަން އުޅޭނެކަމެއްނެތް، ލާމަރުކަޒީ ނިޡާމުން އަތޮޅުތައް ހިންގުން ބަދަލުވިފަހުން މިވީ 15 ވަރަކަށް އަހަރު ތެރޭ ތަށަކަށް ކަމެއްވެފަ އޮތީ ހަމަ އެއިރެއްގައޮތް ސަރުކާރަކުން އެކަމެއްކޮއްދިނީމަ ތިޔަ ލައުންސިލްތަކުން އިމްވެސްޓަރުން ހޯދައިގެން ކުރެވުނު ކަމެއްނެތް. އެޖެންވީމާ ސަރުކާރު ޔަކުން ހިންގާ މަޝްރޫޢްޔައް ހުއްޓުވަން ތިކުތާ މަސައްލަތަކީ ވަރައްބޮޑު ގޯހެއް . މިގޮޔައް މިކަންވާނަމަ މި ލާމަރުކަޒީ ނިޒާމް އުވާލައި 2 ލަތީބުން ގެ ނިޒާމަން ރުޖޫޢްވުން މާރަނގަޅު.

comment ތުއްޓޭ

11 month 1 week ago

އަޅެ ފަހެ ޕޮރޮޖެކްޓެއް އެބަ ބަޔަކު ހިންގާތަ؟ މަގޭގާތައް އަންނަނީ ހިނި ކަލޯ ތިޔަ އުޅެނީ މިދިޔަ ސަރުކާރު ބަދަލުވި ފަހުން އިސްކުރުގަޑެއްހާ މިނުންވެސް ނުޖެހިގެން މިދިޔަ ސަރުކާރު މިދިޔަސަރުކާރު ކިޔާލަ ކިޔާލާ، ގަދަ ބަސް ބުނެ ބުނެ

comment ސުންޕާ

11 month 2 week ago

މޑޕ ވަރަށް ކަންބޮޑުވާނެ ކުޑައަތޮޅަކަށް ހެޔޮގޮތެއް ވަންޏާ. ޔާމީން ވެރިކަމުގަ ފ. އަތޮޅު ވިއްކާލަނިއްޔޭ ކިޔާފަ މިގޮތަށް ނުކުމެ ގަނެ އެގޮތް މިގޮތަށް ތެޅިފޮޅެގަނެ އެއަތޮޅު މީހުން ވާ ވައްދާލައިގެން އެވެރިންގެ އެއޮށްބޮޑު މަޝްރޫއު ފުނޑާލީ. ހަމަ އެގޮރަށް އަނެއްކާ ބަޔަކު ނެރިގެން އަނެއް ސްޓަންޓް ޖައްސާ ވ އަތޮޅުގެ މީހުން ވާވައްދަން މަސައްކަތް ފެށީ. ރަނގަޅަށްވިއްޔާ މިތާ ނުހުންނާނެކަންނޭގެ އެއަތޮޅުގެ ރަށެއްގަ ދިރިއުޅޭ މީހަކުވެސް.

comment ރައޫފް

11 month 2 week ago

އެހެންއަތޮޅު ތަކުން ރޮއިހޭރެނީ އެ އަތޮޅުތަކުގެ ރަށްތަކަށް ޓޫރިޒަމް ނައިސްގެން. މިމީހުން މި ހަޅޭލަވަނީ އެކަން ކުރާތީ ބޮޑުވެގެން. މަށަކަށް ހިޔެއްނުވޭ މީ ވ އަތޮޅަށް ހެޔޮއެދޭ ބަޔަކު ހެނެއް.

comment ޝަމްސިއްޔާ

11 month 2 week ago

ބަލަގަ މިތަނުގަވެސް ޓޫރިޒަމް ފުޅާވީމަ އޭގެ ފައިދާ ކުރާނި ހަމަ ތިޔަ ވ.އަތޮޅުގެ މީހުނަށް ނޫންތަ؟ ދެން ކޮންމުޒާހަރާ އެއްވކުރާކަށްތަ