ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ޔޫ" ނިމުމަކާ ގާތްކޮށް، ފަހު ސީޒަންގެ ފުރަތަމަ ޓްރެއިލަރު އާންމުކޮށްފިއެވެ.
މީހުން ފާރަލައި، މީހުން މަރައި އުޅޭ ޚިޔާލީ ކެރެކްޓަރެއްގެ ނަޒަރުން ގެނެސްދޭ މި ޝޯ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޝޯއެކެވެ. "ޖޯ ގޯލްޑްބާގް" ނަމަކަށް ކިޔާ ކެރެކްޓަރެއް އަންހެނުން ފަހަތުން އުޅޭ ގޮތް ފެނި އެކަމުން އޭނާ ހުރިހާ ވާހަކައެއް އަމިއްލަ ވިސްނުމުގައި ދިފާއު ކޮށްދޭ ގޮތް މި ޝޯގައި ކިޔައިދޭނެއެވެ.
ގިނަ ބައެއްގެ މެދުގައި މި ވާހަކަ މަގުބޫލުވީ ޝޯގެ ފޯމެޓް އެހެން ޝޯތަކާ ތަފާތު ވުމުންނެވެ. ނަމަވެސް ޝޯ ކުރިއަށް ދިޔަ ވަރަކަށް ބެލުންތެރިން ކެތްމަދުވަމުން އަންނަނީ ލީޑް ކެރެކްޓަރުގެ ނިމުން އަންނާނެ ގޮތަކަށެވެ. އެންމެފަހުން ޖޯގެ ވާހަކަ ނިމުމަމާ ގާތް ވަނީއެވެ.
ޝޯގެ ފަސްވަނަ ސީޒަން އާއެކު ޝޯ ނިމޭއިރު މި ފަހު ސީޒަންގެ ފުރަތަމަ ޓްރެއިލަރު ދާދިފަހުން ވަނީ އާންމުކޮށްފައެވެ. އަލަށް ނެރުނު ޓްރެއިލަރުގައި ޖޯ އާ ކެރެކްޓަރަކާ ބައްދަލުވެގެން އުޅޭތަން ފެނިގެން ދެއެވެ. އަދި ޖޯގެ މޮނޮލޮގް ގަނޑު މި ޓްރެއިލަރުން ވެސް ފެނިގެން ދެއެވެ.
ނެޓްފްލިކްސް އިން ވަނީ އާ ސީޒަން ދައްކަން ފަށާނެ ތާރީހުވެސް އިއުލާނު ކޮށްފައެވެ. ޓްރެއިލަރުން ހާމަކޮށްފައިވާ ގޮތުގައި ޝޯގެ ފަހު ސީޒަން އޭޕްރިލް 24 ގައި ސްޓްރީމް ކުރަން ދޫކޮށްލާނެއެވެ.
ޝޯގެ ފަހު ސީޒަނުން ޝޯގެ ކުރީގެ ބައެއް އެކްޓަރުން ފެންނާނެ ކަމަށް ޝޯގެ ލީޑް އެކްޓަރު ޕެން ބެޖްލީ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން އެކްޓަރުންތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ވާހަކަ ދެކެވޭ ގޮތުގައި ޝޯއިން ކުރިން ފެނުނު އެކަކު ކަމުގައިވާ ޖެނާ އޯޓޭގާ ޝޯއިން ފެންނާނެ ކަމަށް ބެލެވެއެވެ.